ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލަ ބަލަނީ
ފުރުގާން މިސްކިތަށް ގެއްލުންދީފައިވާ މައްސަލައެއް ރިޕޯޓުކޮށްފައިވާތީ އެކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފި އެވެ.
ފުރުގާން މިސްކިތުގައިވާ ތަކެއްޗަށް ގެއްލުންދީފައިވާ މަންޒަރުތަކުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވީ ދީނީ އިލްމުވެރިޔާ އާދަމް ނިޝާން އަލީ އެވެ. ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ފަތިސް ނަމާދުގެ ކުރިން މިސްކިތުގެ ފަހަތުގައި ހުރި މުސްހަފުތައް މުޅި ތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓު ބޯޑުތަކާއި އެއަށް ޖަހާފައި ހުރި އެޑެޕްޓަރުތައް ތަޅާ ހިމުންކޮށްލާފައިވާ ކަމަށެވެ. އަދި ވުލޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި މިސްކިތުގެ ބައެއް ތަކެތި އެތަނަށް އުކާލާފައިވާ ކަމަށެވެ.
ނިޝާން ވިދާޅުވީ އެކަން ކޮށްފައި ވަނީ މިސްކިތުގައި އަބަދުހެން، ނަމާދު ގަޑިތަކުގައި ވެސް ނިދާފައި އޮންނަ "ބުއްދިފިލާ ގޮސްފައިވާ" ޒުވާނެއް ކަމަށެވެ. މީގެކުރިން ވެސް އެތައް ފަހަރަކު އޭނާ މުސްހަފުތައް އުކާލުމާ އަދި އެފަދަ އެތައް ކަމެއް އެ މިސްކިތުގައި ކޮށްފައިވާ ކަމަށެވެ.
"މިވަރު ކުރަމުންދާއިރު މިސްކިތްތަކުގައި ކެމެރާ ހަރުކޮށްގެން 24 ގަޑިއިރު މާލޭ ސިޓީ ކައުންސިލްއިން ބަލަން ތިބޭ ތިބުމުގެ އެއްވެސް ފައިދާއެއް އެބައޮއްތޯ؟ އަދި ކީރިތި ގުރްއާނަށާއި ﷲ ގެ ގެކޮޅުގެ ހުރުމަތް ކަނޑައިގެން އެތައް ފަހަރަކު މީނާގެ މައްސަލަ ފުލުހަށް ރިޕޯޓު ކުރެވިފައިވާއިރު މިކަމަށް އެޅޭނެ ފިޔަވަޅެއް މި ދައުލަތުގައި ނެތީ ހެއްޔެވެ؟" ނިޝާން ވިދާޅުވި އެވެ.
މި މައްސަލަ އާ ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފުރުގާން މިސްކިތަށް ގެއްލުންދީފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ފުރުގާން މިސްކިތަށް ގެއްލުންދިން މައްސަލަ އާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މިސްކިތަށް ގެއްލުންދިން މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން މިއަދު ނިންމާފައިވާ ކަމުގަ އެވެ.
މިސްކިތްތަކަށް ގެއްލުންދިނުން ބަލައިނުގަނެވޭނެ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.