އައިލެންޑް އޭވިއޭޝަނުން 1.1 ބިލިއަން ރުފިޔާ އެމްއޭސީއެލަށް ނުލިބި
ގައުމީ އެއާލައިން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް) އިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 1.1 ބިލިއަން ރުފިޔާ ދައްކަން ވެފައި އެބައޮތް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީ 3 ގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެމްއޭސީއެލްގެ މާލީ ހާލަތު ރަނގަޅު ކުުރުމަށް ރާވާފައިވާ ކަންތައްތަކާއި އެ ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ސާފުކުރުމަށް އެ ކުންފުނީގެ ބޭފުޅުންނާ ބައްދަލުކޮށްފަ އެވެ.
އެމްއޭސީއެލުން އައިއޭއެސްއަށް ފޯރުކޮށްދީފައިވާ ހިދުމަތްތަކާ ގުޅޭގޮތުން ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މިދިޔަ އަހަރު ތެލުން އެކަނި 38.7 މިލިއަން ރުފިޔާ ޑިސްކައުންޓުގެ ގޮތުގައި އެ ކުންފުންޏަށް ދީފައިވާ ކަަމަށެވެ. ޑޮމެސްޓިކް ގްރައުންޑް ހޭންޑްލިން އިން 12.7 މިލިއަން ރުފިޔާ އާއި ގްރައުންޑް ޕަވާ ޔުނިޓުން 11.3 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދެވުނު ކަމަށެވެ.
ޕާކިންއިން ފީއެއް ނުނަގާ ކަމަށާއި އެހެން އެއާލައިނަކާ އަޅާކިޔާ ނަމަ އެ ހިދުމަތުން ވެސް 9.7 މިލިއަން ރުފިޔާ ޑިސްކައުންޓް ދީފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އިތުރަށް ވިދާޅުވީ ރެންޓް ޑިސްކައުންޓުގެ 5.8 މިލިއަން ރުފިޔާ ދެވިފައިވާ ކަމަށެވެ.
"2023 ވަނަ އަހަރުގެ ޓޯޓަލް ޑިސްކައުންޓް 78.39 މިލިއަން ރުފިޔާ. އެހެންވީމާ އެއްގޮތަކަށް ވެސް އަޅުގަނޑުމެން އައިލެންޑް އޭވިއޭޝަނަށް އަޅުގަނޑުމެން ކުޑަކޮށް ވެސް ޗާޖެއް ނުކުރަން. އިންސްޕައިޓް އޮފް ދިސް 1.12 ބިލިއަން ރުފިޔާ އެބައޮތޭ ދޭން،" ޝަރީފް ވިދާޅުވި އެވެ.
މިދިޔަ އަހަރު ދެވުނު ޑިސްކައުންޓަކީ ޑޮމެސްޓިކް ދަތުރުފަތުރުކުރާ މީހުންގެ ޓިކެޓަށް އިތުރުކުރެވިދާނެ އެއްޗެއް ކަމަށެވެ. އެހެންނަަމަވެސް އެކަން ކުރާނެ ގޮތް އެނގޭނީ އައިއޭއެސްއަށް ކަމަށް ވިދާޅުވި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި އައިއޭއެސްއަކީ ގައުމީ އެއާލައިން ހިންގަމުންދާ ކުންފުންޏަށް ވުމާ އެކު އެ ކުންފުންޏަށް ހާއްސަ އިނާޔަތްތަކެއް ދެމުން އަންނަ ކަމުގަ އެވެ. މި އަހަރު އައިއޭއެސްއަށް ދެމުން އަންނަ ޑިސްކައުންޓް 80 މިލިއަނުން މައްޗަށްދާނެ ކަމުގަ އެވެ.
މި އަހަރުގެ ޖުލައި މަހު އާންމުކުރި އޮޑިޓު ރިޕޯޓުތައް ދައްކާގޮތުން އައިއޭއެސްއިން އެމްއޭސީއެލްއަށް ދައްކަން ޖެހި ނުދައްކާ 351 މިލިއަން ރުފިޔާ އެވެ. އެ އަދަދު އަހަރުގެ މިހާތަނަށް އައިއިރު 1.1 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފަ އެވެ.