"ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން" ގެ ނަމުގައި އަންނަ މަހުގެ 10 ވަނަ ދުވަހު އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައި، އެ ޖަލްސާގައި ބައިވެރިވާން މުޅި ރާއްޖެއަށް ދައުވަތު ދީފި އެވެ.
ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާ އިއުލާނުކުރެއްވީ ރޭ އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ. އޭނާ އާންމުކުރެއްވި އިއުލާނުގައި ބުނީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުން ފަދަ ކަންކަން މިހާރު ކުރަމުންދާ ކަމަށެވެ.
ވާދަވެރި ސިޔާސީ ނިޒާމެއްގެ ތެރެއިން ސީދާ ރައްޔިތުން ކަނޑައަޅާ ބަޔަކު ރައްޔިތުންގެ ކަންކަން ނިންމުމަށް ހަމަޖައްސާފައި ވަނިކޮށް، އެކަން ދައުލަތުގެ އިސްވެރިން ކުރާ ގޮތަށް ހަމަޖެއްސުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ގާނޫނު އަސާސީއަކީ، މަލްޓިޕާޓީ ނިޒާމާއި މިނިވަން އިންސާފުވެރި އިންތިހާބުތައް ހޯދުމަށް ވަރަށް ގިނަ ބަޔަކު އެތަކެއް ވޭނަކާއި އަނިޔާ ލިބިގެން ކުރި ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށް އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނެފައި ވަނީ މި ސަރުކާރުން އެއްވެސް ބެލުމެއް ނެތި، ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދުމެއް ނެތި ގާނޫނު އަސާސީއަށް ބަދަލުތައް ގެންނަމުންދާ ކަމަަށެވެ. ސަރުކާރަށް މާލީ ކަންކަން ބަލަހައްޓަން ނޭނގުމުގެ ސަބަބުން ގައުމުގެ މާލީ ހާލަތު ދަނީ ދަށަށްކަން ފާހަގަކުރި އެވެ.
އިތުރަށް ބުނީ، ސަރުކާރުން ގެންގުޅެމުންދާ "ދޯހަޅި" ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަނީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށެވެ. އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތް ހީނަރުވެ، އެ ސިނާއަތްތައް މުޅިން އުވިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ސަރުކާރުން ގެންގުޅެމުންދާ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ ޝަކުވާ ލިބެމުންދާކަން ފާހަގަކޮށް އެމްޑީޕީން ބުނެފައިވަނީ ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމުގެ އަމާޒުގައި އެ ޕާޓީން ކުރިއަށްދާނެ ކަމަށެވެ. އަންނަ މަހު ބާއްވާ ބޮޑު ޖަލްސާއަކީ، ގައުމުގެ މިސްރާބު ހަމަމަގަށް އެޅުވުމަށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމުގައި ވެސް ފާހަގަކުރި އެވެ.
މި ޖަލްސާ ވާނީ ރިޔާސީ އިންތިހާބަށް ފަހު އެމްޑީޕީން ބާއްވާ އެންމެ ބޮޑު ޖަލްސާއަށެވެ. އެ ޕާޓީން މި މަހުގެ 12 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދުގައި ޖަލްސާއެއް ބޭއްވި އެވެ.
ޥަރައްބޮޑު ޖަލްސާއެއް އެމަޑީޕީ އަންބާއްވަނީ އެޖަލްސާ ބެލުމުން މީހުންގިނަކަމުން ރައްޔިތުން ސިހޭވަރުވާނެ ކިރިޔާ ެިބޫގެ ދެކޮޑުދޭތެރެއައްފެތޭނީ މީސްތަކުން ގިނަކަމުން
ތިނޫން ބަޔަކު އެބަ އުޅޭތޯ. ވެރިކަމުގަ ތިބޭ ކޮންމެ ބަޔަކު ވެސް އެބަޔަކަށް ފެންނަ ގޮތަކަށް ކަންތަށް ކުރަނީ. ވަކި ބަޔަކު ކިޔާނެ ކަމެއް ނެތް.