މުނިފޫހިފިލުވުން

ޑާކްރެއިނަށް 14 އަހަރު: ހަދަން ޖެހޭހެން ހީވާ ފަދަ ފިލްމެއްނަމަ، ގޮންޖެހުންތަކާއެކު ވެސް ދަނީ ކުރިއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއަދަކީ ރާއްޖޭގެ ފިލްމު އިންޑަސްޓްރީ ގައި އެންމެ ގިނަ ދުވަސްވީ ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓު އުފެދުނުތާ 14 އަހަރު ފުރުނު ދުވަހެވެ.

Ads by Sosun Fihaara

އެންމެ ފުރަތަމަ ޑާކްރެއިނުން ފީޗަރ ފިލްމަކަށް އުފެއްދީ "ހެޕީ ބާރތު ޑޭ" އެވެ. އެއީ 2009 ވަނަ އަހަރުގައެވެ. ނަމަވެސް އޭގެ ކުރިން ޑާކް ރެއިނުން ވަނީ ކުރު ފިލްމުތަކެއް ވެސް އުފައްދާފައެވެ. އެގޮތުން "ބަޑި އެދުރު" އާއި ޓީވީއެމް އަށް ވެސް ވަރަށް ބައިވަރު ކުރު ފިލްމުތައް ހަދައިދީފައިވެއެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓަކީ މިހާރު ރާއްޖޭގައި އެންމެ ކާމިޔާބު ގިނަ ފިލްމުތައް އުފައްދާ އެއް ޕްރޮޑަކްޝަން ހައުސް އެވެ. އަދި ހަމައެހެންމެ، ގިނަ މީހުންނަަށް އެންމެ މަގުބޫލު ގިނަ ފިލްމުތައް ވެސް އުފައްދާފައިވަނީ ޑާކްރެއިނުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ.

ސާދަ އަހަރުގެ ދިގު މުއްދަތަކަށް ފިލްމީ ދާއިރާގައި ފައިތިލަ ސާބިތު ކޮށްފައިވާ ޑާކްރެއިނުން މިއަދާއި ހަމައަށް ވެސް ގަދަ ހިތްވަރާއެކު މަސައްކަތް ކުރަމުންދާއިރު، އެޕްރޮޑަކްޝަނަށް ވެސް ގިނަގުނަ ގޮންޖެހުން ތަކަކާއި ކުރިވެފައިވާނެކަން ކަށަވަރެވެ.

އެގޮތުން ޑާކްރެއިންގެ ދަތުރާއި ބެހޭގޮތުން "ދެން" އަށް މައުލޫމާތު ދެމުން އެޕްރޮޑަކްޝަން ހައުސްގެ ބާނީ މުޙައްމަދު ޢަލީ (މޮގާ) ބުނެފައިވަނީ ޑާކްރެއިން އަށް ވަރަށް ބައިވަރު ގޮންޖެހުން ތަކަކާއި ކުރިމަތިވި ކަމަށާއި މިހާރުވެސް ކުރިމަތިވަމުން އަންނަ ކަމަށެވެ.

"ގޮންޖެހުން ތަކާއި ކުރިމަތިލަމުން މިއަންނަނީ އަބަދުވެސް. އެކި ކަހަލަ ފިލްމުތައް ފްލޮޕްވަމުން ވެސް އަޅުގަނޑުމެން ފިލްމު ހަދަމުން މިދަނީ. އަޅުގަނޑުމެންނަށް އެކަން އެނގިހުރެ ވެސް އެބަ އެފަދަ ފިލްމުތައް ހަދަން، އެއީ ހަދަން ޖެހޭ ކަހަލަ ފިލްމަކަށް ވަންޏާ އެފިލްމެއް ހަދަމުން މިގެންދަނީ، މީހަކު ފިލްމު ބަލަން ވަނަސް ނުވަނަސް" މޮގާ ބުންޏެވެ.

މޮގާ ބުނި ގޮތުގައި ޑާކްރެއިނުން ހަމައެކަނި އުފައްދަނީ މީހުން އެފިލްމެެއް ބަލަން ސިނަމާއަށް ވަދެ، "ލާރި ލިބޭ ކަހަލަ" ފިލްމު އެކަންޏެއް ނޫނެވެ.

"މިސާލަކަށް ބަލަންޏާ 'ހުޅުދާން'. އެފިލްމުގެ އެންމެ ޓިކެޓެއް އަޅުގަނޑު ވިއްކީ. އެކަމަކު އެފިލްމަށް ވަރަށް ބައިވަރު އެވޯޑު ލިބުނު. އެފިލްމަކީ ރިޓަޔަމެންޓާއި ބެހޭގޮތުން ހަދާފައިވާ ފިލްމެއް. ވަރަށް މުހިންމު ކަމެއް ނޫންތޯ އެއީ. ގިނަ ދުވަސް ވަންދެން މަސައްކަތް ކޮށްފައި ހުރި މީހަކާއި ބެހޭގޮތުން ވެސް އެނގެންވާނެ ނޫންތޯ. އެގޮތުން ވަރަށް ތަފާތު އެއްޗެހި ހަދަމުން މިގެންދަނީ" މޮގާ ބުންޏެވެ.

ކޮންމެއަކަސް މިހާރު ކުރިމަތިވެފައި މިވާ ކޮވިޑް ގެ ހާލަތާއި ގުޅިގެން ވެސް ޑާކްރެއިނަށް ވެސް ވަނީ ދަތިތަކަކާއި ކުރިމަތިވެފައެވެ. ނަމަވެސް އޭގެ ކުރިން އެޕްރޮޑަކްޝަން ހައުސް އަށް ކުރިމަތިވި އަނެއް ގޮންޖެހުމަކީ، ގިނަ ޚަރަދުތަކެއްކޮށް، ވަރަށް ބުރަ މަސައްކަތެއް ކޮށްގެން އުފެއްދި ފިލްމު "ނޮވެމްބަރ" ގައި ހަރަކާތްތެރިވި އެފިލްމުގެ ލީޑް އެކްޓަރ ޖުމައްޔިލް ނިމާލް ޑާކްރެއިނުގެ ޕްރޮޖެކްޓުތަކުން ވަކިކޮށް، ފިލްމާއިމެދު ވެސް ވަކި ގޮތެއް ނުނިންމާ އެއްކައިރިއެއްގައި އެފިލްމު ބާއްވަން ޖެހުމެވެ.

"އެފިލްމު އަޅުވާނަން. އެކަމަކު ކޮން އިރަކު ކޮން ގޮތަކަށް ކަމެއް އަދި ބުނާކަށް ނޭނގޭ" މޮގާ ހާމަ ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!