އޭޖީ އޮފީސް ސިވިލް ސާވިސްއިން ވަކިކުރަން ހުށަހެޅި ބިލު ކޮމިޓީއަށް
އެޓާނީ ޖެނެރަލް އޮފީސް, ސިވިލް ސާވިސް ކޮމިޝަނުން ވަކިކޮށް ވަކި ހިދުމަތެއްގެ ގޮތުގައި ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި, އެޓާނީ ޖެނެރަލް އޮފީހުގެ ބިލު ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު (ބޮޗޭ) އެވެ.
އެ ބިލުގެ އިބްތިދާއީ ބަހުސް ނިންމާ, ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ 65 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލު ހުށަހެޅުމުގެ ބޭނުމެއްގެ ގޮތުގައި ބަންޑާރަނައިބުގެ މަގާމަށް އައްޔަންކުރެވޭ ފަރާތެއްގައި ހުންނަން ޖެހޭ ޝަރުތުތަކާއި ބަންޑާރަނައިބުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާއި އެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބަންޑާރަ ނައިބު ތަބާވާން ޖެހޭ ހަމަތައް ކަނޑައެޅުން ހިމެނެ އެވެ.
އެ އޮފީހުގެ މަސައްކަތްތައް ރޭވިފައިވާ ގޮތާއި އެ އޮފީސް ހިންގުމާ ގުޅޭ އުސޫލުތަކާއި އެ އޮފީހުގެ މުވައްޒަފުންނާ ގުޅޭ އެންމެހާ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަކީ ވެސް އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ހިމަނާފައިވެ އެވެ.
ބިލުގައިވާ ގޮތުން ބަންޑާރަ ނައިބުގެ އޮފީހުގެ މުވައްޒަފުން ދެ ބަޔަކަށް ބަހާލާނެ އެވެ. އެއީ ލީގަލް ސާވިސް ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ ބައެވެ.
އެއީ ގާނޫނީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ޓަކައި އައްޔަންކުރާ އެ ދާއިރާގެ ފަންނީ މުވައްޒަފުންގެ ބަޔާއި އެޑްމިނިސްޓްރޭޓިވް ސާވިސްގެ މުވައްޒަފުންގެ ގިންތީގައި ހިމެނޭ އެ އޮފީހުގެ ލީގަލް ޑިޕާޓްމަންޓްތަކުގެ އިދާރީ ހިންގުމާއި އޮފީހުގެ އާންމު އިދާރީ ހިންގުމުގެ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ ބައެވެ.
ސިވިލް ސާވިސްގެ ދަށުން އެޓާނީ ޖެނެރަލް އޮފީސް މަސައްކަތްކުރަން ޖެހިފައިވުމުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާކަން މީގެކުރިން ވެސް ފާހަގަކޮށްފައިވެ އެވެ. އެގޮތުން މުވައްޒަފުންނާއި ވަކީލުން ހޯދުމުގެ ދަތިކަމާއި މުސާރައިގެ ދަތިތައް ހިމެނެ އެވެ.