Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މާލެ ސަރަަހައްދުގައި ފަށައިފި

ވަޒީފާގެ ބާޒާރާ ގުޅޭ ސާވޭއެއް މާލެ ސަރަަހައްދުގައި ފަށައިފި
ރާއްޖޭގެ ވަޒީފާ އާ ގުޅޭ ސާވޭ، "ލޭބަ ފޯސް ސާވޭ 2024" މާލެ ސަރަހައްދުގައި މިއަދު ފަށައިފި އެވެ. ލޭބަ ފޯސް ސާވޭއަކީ ރާއްޖޭގެ ވަޒީފާގެ މާކެޓާ ގުޅޭ މުހިންމު ތަފާސް ހިސާބު އެއްކުރުމަށް ކުރާ މުހިންމު ސާވޭއެކެވެ. އެ ސާވޭގައި އެއްކުރެވޭ މައުލޫމާތުން މަސައްކަތް ލިބިފައިވާ އާބާދީގެ ނިސްބަތާއި މަސައްކަތް ލިބިފައިނުވާ އާބާދީގެ ނިސްބަތް ފަދަ ވަޒީފާގެ މާކެޓާ ގުޅޭ އިންޑިކޭޓަރުތައް އެކުލަވާލާނެ އެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނީ ލޭބަ ފޯސް ސާވޭގެ ފީލްޑް ވޯކް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހަށް ކަމަށެވެ. މި ސާވޭ ގެންދާނީ މާލެ، ވިލިމާލެ އަދި ހުޅުމާލެއިން "ރެންޑަމް" ކޮށް ހޮވާލެވިފައިވާ ގޭބީސީތަކަށެވެ.

ސާވޭގައި މައުލޫމާތު ނަގާނެ މައިގަނޑު ބައިތައް:

  • މީހުންގެ އާންމު މައުލޫމާތު
  • ހިޖުރަކުރުން
  • ތައުލީމް
  • ވަޒީފާ އާއި އާމްދަނީ ހޯދުމުގެ މަސައްކަތްކުރާ އާބާދީގެ ތަފްސީލު
  • އާމްދަނީ ލިބޭ މަސައްކަތް ހޯދާ އަދި ލިބިފައި ނުވާ އާބާދީގެ ތަފްސީލު
  • އާމްދަނީ ލިބޭ އަދި އާމްދަނީ ނުލިބޭ ގޮތަށް ކުރާ މަސައްކަތާއި ގޭތެރޭގެ މަސައްކަތުގައި ވަގުތު ހޭދަކުރާ މިންވަރު
  • ހިލޭ ސާބަހަށް ކުރާ މަސައްކަތުގެ ތަފްސީލު
ލޭބަ ފޯސް ސާވޭއަކީ "ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު" ގެ ދަށުން ހުއްދަ ލިބިގެން ކުރާ ސާވޭއެކެވެ. މި ސާވޭގައި އެއްކުރެވޭ ވަކި ފަރުދެއް ނުވަތަ ގޭބީސީއެއްގެ މައުލޫމާތަކީ ސިއްރެއްގެ ގޮތުގައި ހިފެހެއްޓޭނެ އެއްޗެއް ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ. އަދި ގާނޫނުގައި ކަނޑައެޅިފައިވާ ގޮތަށް ހުއްދަ ލިބިގެން ސަރުކާރުގެ ބޭނުމަކަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު އެދިއްޖެ ނަމަ ކަނޑައެޅިފައިވާ މުއްދަތެއްގެ ތެރޭގައި ތެދު މައުލޫމާތު ދިނުމަކީ އާންމުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ ގޭބީސީގެ މެންބަރުންގެ ވަގުތާއި އެއްބާރުލުން ބޭނުންވާ ސާވޭއެއް ކަމުން، މި މުހިންމު ގައުމީ މަސައްކަތުގައި ފުރިހަަމައަށް އެއްބާރުލުން ދިނުމުގައި ހޭދަކުރާ ވަގުތަކީ ރާއްޖޭގެ ތަފާސް ހިސާބުގެ ނިޒާމު ހަރުދަނާ ކުރުމަށް ވެދެވޭ އަގުހުރި ގައުމީ ހިދުމަތެއް ކަމުގައި ފާހަގަކޮށްފަ އެވެ. ސާވޭ އާ ގުޅޭ އިތުރު މައުލޫމާތު ބިއުރޯގެ ނަންބަރު 3008400 އިންނާއި ވެބްސައިޓާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުން ލިބޭނެ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުންޏެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް