ޚަބަރު

ޑިޒާސްޓަރ ގެ އޮޑިޓް: ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށް ދިނުމުގައި ގޯސްތަކެއް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ކޮށްފައިވާ ޚަރަދުތަކުގެ އޮޑިޓް ރިޕޯޓެއް މިއަދު އާއްމު ކޮށްފައިވާއިރު، އެއޮތޯރިޓީން ފެސިލިޓީތަކަށް ކާބޯތަކެތި ފޯރުކޮށްދިނުމުގައި ގޯސްތަކެއް ހަދާފައިވާކަން ހާމަ ވެއްޖެއެވެ.

Ads by Sosun Fihaara

އެގޮތުން ކޮވިޑާއި ގުޅިގެން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރި ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ހާލުގައި ޖެހުނު ފަރާތްތަކުގެ ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރު ކޮށްދީފައި ވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށްވުރެ ބޮޑު އަގުގައި، އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށްވުރެ އެތައް ގުނައެއް ބޮޑު އަގުގައިކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

ފެތުރެމުން އަންނަ ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުތަނުން އުފުލެން ފެށުމާއެކު، އޭޕްރީލް ހަ ވަނަ ދުވަހުން ފެށިގެން ބާޒާރުގައި ވިއްކާ ފިޔާ، އަލުވި، ރީނދޫ މުގު އަދި ބިހުގެ އަގު އިކޮނޮމިކް މިނިސްޓްރީން ވަނީ ކޮންޓްރޯލް ކޮށްފައެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގަައި ފިޔާ، އަލުވި ކިލޯއެއް ވިއްކޭ އެންމެ ބޮޑު އަގަކީ 20 ރުފިޔާއެވެ. ރީނދޫ މުގު ކިލޯއެއް އެންމެ ބޮޑު އަގަކަށް 45 ރުފިޔާއަަށް ވިއްކޭއިރު ކުކުޅު ބިހެއް ވިއްކެނީ އެންމެ ބޮޑުކޮށް ވެސް 1.80 ރުފިޔާ އަށެވެ.

ނަމަވެސް އެންޑީއެމްއޭ އިން ހާލުގައި ޖެހުނު މީހުންނަށާއި ކަރަންޓީނު ފެސިލިޓީތަކުގައި ތިބި މީހުންނަށް އެތަކެތި ގަނެ ފޯރުކޮށްދީފައިވަނީ އިކޮނޮމިކް މިނިސްޓްރީން ކޮންޓްރޯލް ކުރި އަގަށް ވުރެ ބޮޑު އަގުގައި ކަމަށް އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައެވެ.

އެގޮތުން އެއޮތޯރިޓީން ވަނީ ހަނޑޫ، ހަކުރު، ފުށް، ފިޔާ އަދި މުގު، ކޮންޓްރޯލް އަގުގެ ޖުމްލަ އަގަށް ވުރެ 23،457 ރުފިޔާ އަގުބޮޑުކޮށް ގަނެފައިކަން އޮޑިޓް ރިޕޯޓުން ދައްކައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!