ކޮވިޑް-19: އަލްޙަމްދުالله ،އިތުރު 193 މީހުން ބަލިން ފަސޭހަ ވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސީ މީހުންގެ ތެރެއިން އިތުރު 193 މީހަކު މިބަލިން ފަސޭހަ ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ 46 ދިވެހިންނާއި 39 ބިދޭސީންނެވެ.
އިއްޔެގެ 18:00 އިން މިއަދުގެ 18:00 އަށް 85 މީހުން ބައްޔަށް ފައްސި ވެފައިވާއިރު މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 9،328 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 7،729 މީހުންނެވެ. އަދި މިއަދު މިހާރު މިބަލީގައި ރާއްޖެއިން ނިޔާވެފައި ވަނީ 33 މީހުންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 767 މީހުން ފަރުވާ ހޯދަމުން ދާއިރު ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 111 މީހުންނެވެ.
ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ވަނީ ގިނަ އުސޫލުތަކެއް ގާއިމް ކޮަށްފައެވެ. އޭގެ ތެރޭގައި ބަލި ފެތުރިފައިވާ ރަށްތަކުގެ މީހުން ބޭރަށް ނިކުންނައިރު މާސްކު އަޅައިގެން ނޫނީ ނުނިކުތުމަށާއި، ކޮންމެހެން ދާން ޖެހޭ ތަންތަނަށް ނޫނީ ނުދިޔުމަށް ވަނީ އަންގާފައެވެ. މީގެއިތުރުން މާލެ ސަރަޙައްދުގައި 20:00 ން ފެށިގެން އަނެއްދުވަހުގެ ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނަލެވެ. އަދި 21:30 ގައި ވިޔަފާރިކުރާ ތަންތަން ބަންދުކުރަން އަންގާފައިވާއިރު 22:00 އިން ފެށިގެން އަނެއް ދުވަހުގެ ފަތިހު 5:00 އާއި ހަމައަށް ބޭރުގައި އުޅުން ވެސް މަނަލެވެ.