ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރަން ރައްޔިތުން ފާރަވެރިވާން ޖެހޭ: އާދަމް ޝަރީފް

ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރެވޭނީ ރައްޔިތުންނާއި މީޑިއާ އަދި ދައުލަތުގެ ތިން ބާރުން އެ ނިޒާމަށް ފާރަވެރިވެގެން ކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، ކައުންސިލްތަކުގެ ކުރިއެރުންތައް ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ކަންގަތި އެވޯޑު ދިނުމަށް މީރުމާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރެވޭނީ އެ ނިޒާމަށް ފާރަވެރިވެގެންކަން ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެ ނިޒާމަކީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރުމުގެ ނިޒާމެއް ކަމަށެވެ.
އަދި އެ ނިޒާމުގެ ސަބަބުން ރައްޔިތުންނާ ގާތުން ވެރިކަން ކުރުމުގެ ގާނޫނީ ބާރު ލިބިގެންދާ ކަމަށާއި، ވެރިކަންކުރާ ރަށުން ލިބޭ ނަފާގެ އެހީއާއެކު މުނިސިޕަލް ހިދުމަތް ދިނުމަށް މަގުފަހިވާ ކަމަށް ވިދާޅުވި އެވެ.
އެ ނިޒާމު ރައްޔިތުން މިހާރު ބަލައިގެންފައިވާ ކަމަށާއި، ނަމަވެސް އެ ނިޒާމު އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެކަން އެހެން ކުރެވޭނީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއިި ޝަރުއީ ނިޒާމާއި މީޑިއާ އަދި ރައްޔިތުން އެ ނިޒާމަށް ފާރަވެރިވެ، އެ ނިޒާމު އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކޮށްގެން ކަމަށެވެ.
"އެންމެ ބޮޑު ހަގީގަތަކީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި ފުރަތަމަ ޓަކި ޖަހަން ޖެހޭ ދޮރަކީ ކައުންސިލްތަކުގެ އިދާރާކަން. ކައުންސިލްތަކަކީ ހަގީގީ މާނައިގައި ރައްޔިތުންގެ އޮފީސް. ރައްޔިތުންގެ ގެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކަންގަތި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ލޯކަލް ގަވަމަންޓް މިނިސްޓްރީ
އިތުރަށް އާދަމް ޝަރީފް ވަނީ ރައްޔިތުންނާ ގުޅުންހުރި ކަންކަމުގައި އެންމެ ފުރަތަމަ ހަރަކާތްތެރިވަނީ ކައުންސިލްތަކުގެ އިދާރާތަކުންކަން ފާހަގަކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ މުހައްމަދު ނިމާލް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭ ކަމަށެވެ.
"މި ނިޒާމަށް ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދުމަށާއި، ނިޒާމަށް ފަހިވާ ބައެއް ކަންކަން އެއްކީލި ކުރަން ޖެހޭކަން އަޅުގަނޑު ފާހަގަކުރަން،" ނިމާލް ވިދާޅުވި އެވެ.
ނިމާލް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް އިތުރު ހަރުފަތްތަކަކަށް ގެންދަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.