ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތަކެއް މުޅިން އަލަށް އެކުލަވާލައި އާންމުކޮށްފި އެވެ.
މި މިންގަނޑު އާންމުކޮށްދެއްވީ އެކަމަށް ޓަކައި އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ޒަކާތް ނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުއީ އަސާސްތައް ބަޔާންކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ މި މި އަސާސްތަކާއި މިންގަނޑުތަކަކީ ރާއްޖޭގައި އަލަށް ތައްޔާރުކޮށް، އާންމުކުރެވުނު އަސާސްތަކާއި މިންގަނޑުތަކެކެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަގުސަދު ހާސިލުވަމުންދާ ކަމަށެވެ. އާންމުކުރެވިގެން މިދިޔަ އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓު ކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓް ކަމަށެވެ.
ޒަކާތު ހައުސްގެ ޑިރެކްޓަ ޖެނެރަލް އިއްޒައްދީން އަދުނާން ދެއްކެވި ވާހަކައިގައި މި މަސައްކަތް ކުރުމަށް ޓަކައި އިސްލާމިކް މިނިސްޓަރު ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރެއްވި އެވެ. އަދި ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ އިތުރު މަސައްކަތްތަކެއް މިފަދައިން ފެނިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ޒަކާތު ހައުސްއިން މި އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައި ވަނީ ޒަކާތް ނެރުމާއި ޒަކާތް ބެހުމުގައި އަމަލުކުރާނެ ގޮތާ ބެހޭ ގޮތުން ކީރިތި ގުރްއާނާއި ކީރިތި ރަސޫލާގެ ސައްހަ ސުންނަތާއި ދަންނަބޭކަލުންގެ އިޖުމާއު އާއި ގިޔާސް އާއި އިސްލާމީ ފިގްހުގެ ގަވާއިދުތަކާއި އިސްލާމީ ޝަރީއަތުގެ މަގުސަދުތަކުގެ އަލީގަ އެވެ. އޭގެ އިތުރުން ބައިނަލްއަގުވާމީ އިސްލާމީ ފިގުހު އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކާއި ޒަކާތާ ގުޅޭ ބައިނަލްއަގުވާމީ ކޮންފަރެންސްތަކުގެ ގަރާރުތަކާއި ނިންމުންތަކަށާއި އިސްލާމީ ގައުމުތަކުގެ ޒަކާތުގެ ކަންކަން ހިންގައި ބަލަހައްޓާ އިދާރާތަކުން އަމަލުކުރަމުންދާ ފިގްހީ އުސޫލުތަކަށް ބަލައިގެންނެވެ.
މި އަސާސްތަކާއި މިންގަނޑުތަކުގެ މަގުސަދުތަކުގެ ތެރޭގައި:
- ކީރިތި ގުރްއާނާއި ސުންނަތުގައި ބަޔާންކުރައްވާފައިވާ ފަދައިން ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުން
- މުދަލު ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުއީ އަސާސްތައް ބަޔާންކުރުން
- މުދަލު ޒަކާތް ނެރުން ވާޖިބުވާ ޒަމާނީ މާލީ މުދާ ބަޔާންކުރުން
- ޒަކާތް ނެރުން ވާޖިބުވާ މުދަލާއި އޭގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް
- މުދަލު ޒަކާތް ދެއްކުމާ ގުޅޭ އާންމު އުސޫލުތައް
- ޒަކާތު ބެހެނިވެރީންގެ ޝަރުއީ އަސާސްތަކާއި މިންގަނޑުތައް
އެ ރަސްމިއްޔާތުގައި މި މަސައްކަތް ކުރުމުގައި ބައިވެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ދީފައިވެ އެވެ.