ހަޤީޤީ ހާދިސާ: ހަށި ވިއްކާ އަންހެން ކުއްޖެއްގެ ތައުބާ
އަހަންނަކީ އަބަދުވެސް މުއްސަނދި ކަމާއި ފައިސާއަށް ލޯބިކުރާ ތަނަވަސް ދިރިއުޅުމެއް އުޅެން ބޭނުންވާ އަންހެން ކުއްޖަކީމެވެ. އެހެންކަމެއްގެ ފިކުރެއް ހިޔާލެއް އަހަރެންގެ ނެތެވެ. މީސް މީޑިޔާގެ ވަސީލަތްތަކުގައި އަހަންނަކީ ސްޓާރެކެވެ. އަހަންނަށް ލިބިފައިވާ ރީތި ކަމުގެ ފައިދާ ނަގާ އަހަރެންގެ އިސްތިހާރު މީޑިއާގައި ދިޔައީ ބޮޑު ވަމުންނެވެ.
ފޭސްބުކާއި މީސްމީޑިއާގެ އެހެން މަންސަތަކުން އަހަންނަށް ފުރައިންޑް ރިކްއެސްޓްތަކާއި މެސުޖުތައް ލިބެމުން ދެއެވެ. ހުރިހާ މެސެޖެއް ބެލި ނަމަވެސް އަހަރެންނަކީ އެ މެސެޖުތަކަށް ރިޕްލައި ކުރާ މީހެއް ނޫނެވެ. ނަމަވެސް ކީއްވެ ކަމެއް ނޭނގެއެވެ. އެދުވަހު ނުދަންނަ މީހަކު ފޮނުވައިފައި ވާ " ކިހިނެތް" މި މެސެޖަށް އަހަރެން ވެސް " ރަނގަޅޭ " ބުނެ ޖަވާބު ދިނީމެވެ.
އެއަށްފަހު މަޑުމަޑުން އޭނާއާއި ދިޔައީ ވާހަކަ ދެއްކުމުންނެވެ. އޭނާގެ މަޖާ ގޮތް ގަނޑު އަހަންނަށް ވަރަށް ކަމުދިޔައެވެ. ނުދަންނަ ދެމީހުން ދަންނަ ރަހުމަތްތެރިންނަށްވެ ، ބޭރު ތެރެއިން ކޮފީތަކުން ބައްދަލުކުރަން ފެށިއްޖެއެވެ. މަޑުމަޑުން މި ގުޅުން ލޯތްބަށް ބަދަލުވެ އެ ލޯބީގައި އަހަރެން ދީވާނާ ވެއްޖެއެވެ. އޭނާއަށް ޓަކައި ޖާނާއި މާލު ހިބައިން ދޭން ވެސް އަހަރެން ހުރީ ތައްޔާރަށެވެ. މިހާ ބޮޑު ބަދަލެއް ކުއްލިޔަކަށް އަހަންނަށް އައީ ކީއްވެކަން ޚުދު އަހަންނަށް ވެސް ނޭނގެއެވެ.
އެއްރޭ ، ގެސްޓް ހައުސްއަކަށް އައިސް ދިނުމަށް އަހަރެންގެ ލޯބިވެރިޔާ އަހަރެންގެ ގާތުން އެދުނެވެ. އާއިލާގެ ބަޔަކާއި ބައްދަލު ކުރުމަށް ކަމަށެވެ. އަހަރެން ވަގުތުން ތައްޔާރުވެލައިގެން ދިޔައީމެވެ. އަހަރެން ދިޔައިރު ލޯބިވެރިޔާ ހުރީ އިންތިޒާރުގައެވެ. އަތުގައި ހިފައިގެން ގޮސް ވެއްދީ ތަނަވަސް ކޮޓަރިޔަކަށެވެ. ކޮޓަރިތެރެއިން އިތުރު މީހަކު ފެންނަން ނެތުމުން އާއިލާ މީހުން ކޮބައިތޯ އަހަރެން އެހީމެވެ. އެމީހުން އެބަ އަންނަ ކަމުގައި ލޯބިވެރިޔާ ޖަވާބު ދިނެވެ.
މިހެން އިރުކޮޅަކު ވާހަކަ ދައްކާލަން ތިއްބާ މީހަކު ދޮރުގައި ޓަކިޖެހިއެވެ. ލޯބިވެރިޔާ ގޮސް ދޮރުހުޅުވި އިރު ދޮރުމަތީގައި ތިބީ ދެބައި އުމުރުގެ ދެ ފިރިހެނުންނެވެ. އެމީހުން ލޯބިވެރިޔާ އަތަށް ދިއްކޮލީ ސިޓީ އުރައެކެވެ. ނިންމާފައި ގުޅާނަން ކަމަށް އައި ދެމީހުންގެ ތެރެއިން އެކަކު ބުންޏެވެ. ހަމަ އެހިނދު އެބަ އަންނަމޭ ބުނެ ލޯބިވެރިޔާ ނިކުމެގެން ހިނގައްޖެއެވެ.
ކުއްލިޔަކަށް އެދެމީހުން ފުންމައިގަތީ އަހަރެންގެ ގައިމައްޗަށެވެ. ކާން ނުލިބި ހާންތި ވެފައި ތިބި ސިންގާތަކެއް ފަދައިންނެވެ. އަހަރެން ރޮއެ ރޮއެ އާދޭސްކޮށް ވަރުބަލި ވީއިރު ވެސް އެމީހުންވީ ބީރު ބައެއް ފަދަ ބަޔަކަށެވެ. އެމީހުންގެ ކަރުހިއްކުން ފިލަން ދެން އަހަރެންގެ އިއްފަތުގެ ކޯރުން ހައިހޫނުކަން ފިލުވިއެވެ. ދެންވީ ގޮތެއް ނޭނގުނެވެ. ހޭލެވުނު އިރު ކައިރީގައި އިނީ ލޯބިވެރިޔާއެވެ. އަހަރެން ރޮއެ ރޮއެފައި ކުދި ކިޔަން ފެށިއެވެ. މި ގުޅުން ދެން މިނިމުނީ ކަމަށް ވެސް ބުނީމެވެ. ނަމަވެސް ކަންތައްތައް ދެންވީ އަހަރެން ހީކުރި ގޮތަކަށް ނޫނެވެ. ލޯބިވެރިޔާގެ ފޯނުން ދެއްކީ އަހަރެންގެ ބަރަހަނާ ފޮޓޯތަކެވެ. ލޯބިވެރިޔާގެ މި ވިޔަފާރީގައި ބައިވެރި ނުވެއްޖެނަމަ ފޮޓޯތައް ލީކް ކޮށް ބޭޒާރު ކޮށްލާނަން ކަމަށް ބުނެ އަހަންނަށް އިންޒާރު ދިނެވެ.
އަހަރެން ފަދަ މީޑިއާ ތަކުގެ ރާނީއަކަށް ދެން ވާނެ ގޮތް ވިސްނާލާށެވެ. އަހަރެން އެ ވިޔަފާރީގައި އެތައް ބައެއްގެ ހައިހޫނުކަން ފިލުވާދޭ ކޯރަކަށް ވެގެން ތިން މަސް ހޭދަ ކުރަން ޖެހުނެވެ.
މީ މިކަން ފެށިގެން ދިޔަ ގޮތް ނަމަވެސް އެހިސާބުން އަހަރެން ވެސް އެކަމުގައި އާދަވިއެވެ. ދެވި ހިފިއެވެ. އޭގެ ދެމަސް ފަހުން އަހަރެން ފިލައިގެން ދިޔައީ އަވައްޓެރި ލަންކާއަށެވެ. އެތަނަށް ގޮސް އަހަރެންގެ އަމިއްލަ ވިޔަފާރި ފެށީމެވެ. ޑިމާންޑް ބޮޑުވެ ފައިދާ ފެންނަން ފެށުމުން އިތުރު ދެ ކުއްޖަކު ހޯދާ ވިޔަފާރި ފުޅާކުރީމެވެ. ފައިސާ އޮހެން ފެށުމުން ދުނިޔެ އަހަންނަށް އޮޅުނެވެ. އަހަންނަކީ މަރުވާނެ މީހެއްކަމާއި ކައްވަޅާ މަހުސަރު އެބައޮތްކަން ހަނދާން ނެތުނެވެ.
މިހެން އުޅެމުން ގޮސް އަހަރެން މި އަނދިރި ދުނިޔެއިން ޣާފިލުކަމުގެ ނިދިން ހޭލައްވާލައިދިނީ އެއްދުވަހަކު އެތަނަށް ހިދުމަތް ހޯދަން އައި ޒުވާނެކެވެ ޚިދުމަތް ހޯދުމުގެ ކުރިންއޭނާ ފުރަތަމަ އަގު އަދާކުރިއެވެ. އަހަރެން އާންމު އުސޫލުން މަސައްކަތަށް އެނބުރި ގަތީމެވެ. ނަމަވެސް އޭނާ އަހަންނާއި ދުރަށް ޖެހުނެވެ. އަދި ވާހަކައެއް ދައްކަން ބޭނުންކަމަށް އޭނާ ބުންޏެވެ. އަހަރެން އެންމެ ރަނގަޅޭ ގަޑި އަށް ނިންމަން ޖެހޭނޭ ތި ދައްކާ ވާހަކައެއް ދައްކާށޭ ބުނީމެވެ.
އޭނާ: އަހަންނަކީ ވިޔަފާރި ވެރިއެއް ތިކަމުން ކިހާ އާމްދަނީ އެއް މަހަކު ލިބޭ؟
އަހަރެން: ރަނގަޅަށް ގޮސްފިއްޔާ ހަފުތާއަކުން 30 ހާސް ރުފިޔާ ވަރު ލިބޭ
އޭނާ: އަހަރެން ދުވާލަކު 30 ހާސް ދީފައި ތިކަން ހުއްޓާލަން އެދުނިއްޔާ ކިހިނެތް ހަދާނީ؟
އަހަރެން: ތިކަމާއި ޖެހޭނީ ވިސްނާލަން
އޭނާ: ގަބޫލު ކުރަންތަ އިއްފަތަކި އަންހެނަކަށް އެއްފަހަރު ލިބޭ ޢިއްޒަތެއްކަން؟
އަހަރެން: ހޫމް
އޭނާ: އެހެންވިއްޔާ ގަބޫލު ކުރަންތަ މަރުވާނެކަން އަދި ތީ ކިހާ ވަރެއްގެ ފާފައެއްކަން؟
އަހަރެން: ހޫމް ޤަބޫލުކުރަން
އޭނާ: އެހެންވިއްޔާ އަހަންނަށް މާދަން ޖަވާބެއްދީ ވިސްނާފައި އަހަރެން މާދަން އަންނާނަން
އޭނާ ނުކުމެގެން ދިއުމަށް ފަހު އަހަރެން ވަރަށް ފުންކޮށް އެކަމާއި ވިސްނެން ފެށުނެވެ. ވިސްނާ ވަރަކަށް މި ކުރެވޭ ނުބައި ފާފަ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. ފުރަތަަމަ ފަހަރަށް އަހަރެންގެ ނަފުސާއި މެދު ވިސްނެތް ފެށުނެވެ. މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. ރޮވެން ފެށިއްޖެއެވެ. އާއިލާއެއް މައިންބަފައިން ވީ ތަނެއް ވީ ދުނިޔެއެއް ނޭނގެއެވެ. އަހަރެންގެ ނިދޭތޯ ލޯ މަރާލީމެވެ. ވިސްނާ ވިސްނާ ވަރުބަލި ވެގެންނެވެ. ހާސްކަން ވީ އިތުރެވެ. ހިތަށް އުނދަގޫ ވާން ފެށުމުން ކުޑަދޮރުތައް ހުޅުވައިލީމެވެ. ކުއްލިޔަކަށް އަހަރެންގެ ކަންފަތުގައި ގުގުމައިލީ ކައިރީ ހުރި މިސްކިތުން ގޮވަމުންދިޔަ ފަތިސްނަމާދުގެ ބަންގީގެ އަޑެވެ. މަޑުމަޑުން އަހަރެން ހަމަޔަކަށް އެޅެން ފެށުމުން އަހަރެން ދެން ދިޔައީ ފެންވަރާލާށެވެ. ފެންވަރައިގެން ނިކުމެ ދިގު ޒަމާންތަކަކަށް ފަހު ޙަޔާތުން ފުރަތަމަ ފަހަރަށް ނަމާދެއް ކުރީމެވެ. ބަޔާންކުރަން ނޭނގޭހާ އުފާވިއެވެ.
ﷲގެ ތަނަވަސް ރަޙުމަތާއެކު މިއަދު އަހަންނަކީ އެކަންކަމުން ދުރުވެ ހުރި މީހަކީމެވެ. ދީނުގެ އަޅުކަންތަކަށް ފަރުވާތެރިވުމީ މިއަދު އަހަރެން އެންމެ ސަމާލުކަން ދޭ ކަންތަކެވެ. އަހަރެންގެ ދުޢާއަކީ މަރު ދުވަހާއި ހަމަޔަށް އަހަރެން މި ގޮތުގައި ލެހެއްޓެވުމެވެ. އަދި އެފަދަ ނުބައި ކަންކަމުގައި ދުވަސްތައް ގުނަމުންދާ މީހުންނަށް ވެސް ﷲ ތަޢާލާގެ ހިދާޔަތު ދެއްކެވުމެވެ.