ދުނިޔެ

"އިންޑިއާގައި ކޯވިޑް19 ފެތުރެނީ މުސްލިމުންގެ ސަބަބުންނެއް ނޫން"

ދެން އެމްވީ ، ދެން އޮންލައިން

މިހާރު ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޯވިޑް 19 އިންޑިއާގައި ފެތުރެނީ މުސްލިމުންގެ ސަބަބުން ނޫން ކަމަށް ނެޝަނަލް ކޮންފަރެންސްގެ ލީޑަރު އޮމަރު އަބްދުﷲ ބުނެފިއެވެ.

Ads by Sosun Fihaara

އޮމަރު އެހެން ބުނީ، އިންޑިއާގެ ނިއުދިއްލީއިން ކޯވިޑް 19 އަށް ޕޮޒިޓިވްވި ގިނަ މީހުންނަކީ މުސްލިމުންގެ ދީނީ އެއްވުމެއްގައި ބައިވެރިވި ގިނަ މީހުން ކަމަށް އަޑުފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

އޮމަރު ކުރި ޓްވީޓެއްގައި ބުނީ، މުސްލިމުންގެ އެ އަޅުކަމަށް ދިޔަ ގިނަ މީހުން ކޯވިޑް 19 އަށް ޕޮޒިޓިވް ވުމުން ބައެއް މީހުން މުސްލިމުން ބޮލަށް ކަންކަން ޖެހުމަށް "އުޒުރެއް" ލިބުނީ ކަމަށެވެ. އޭނާ އިތުރަށް ބުނީ އިންޑިއާގައި ދިރިއުޅެމުންދިޔަ މުސްލިމުން ވެސް ދިޔައީ، އެހެން ދީންތަކުގެ މީހުން ފަދައިން ސަރުކާރުން އެންގި ހުރިހާ އެންގުންތަކަކަށް ތަބާވަމުން ކަމަށެވެ.

އޮމަރު ވަނީ ކޯވިޑް 19 ފެތުރެނީ އިންޑިއާގައި ދިރިއުޅެމުންދާ މުސްލިމުންގެ ސަބަބުން ކަމަށް ބުނި މީހުންނަކީ ކޯވިޑް 19 ފަތުރާ ވައިރަހަށްވުރެ ނުރައްކާތެރި ބައެއް ކަމަށް ތުހުމަތު ކޮށްފައެވެ. އޭނާ ބުނީ އެފަދަ ވާހަކަތައް ދައްކާ މީހުންގެ ހާލު ޖިސްމާނީ ގޮތުން ކިތަންމެ ރަނގަޅު ނަމަވެސް، ނަފްސާނީ ގޮތުން ވަރަށް ބަލި ބައެއް ކަމަށެވެ.

މިމަހުގެ 1 ފެށިގެން 15 އަށް ނިއުދިއްލީގައި މުސްލިމުން ބޭއްވި އަޅުކަމުގައި ބައިވެރިވުމަށް އިންޑޮނޭޝިއާ އަދި މެލޭޝިޔާ ހިމެނޭގޮތުން 2000 އަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!