ގދ. ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް އިފުތިތާހުކޮށްދެއްވައިފި އެވެ.
އެ މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އެ ރަށާ އެކު 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރަން ކުރީގެ ސަރުކާރުން ހަވާލުކުރީ ޓްރެވެނީ އިންޖީނިއަރިން އެންޑް އިންޑަސްޓްރީސް ލިމިޓެޑާ އެވެ. ބައެއް ރަށްތަކުގެ މަޝްރޫއުތައް މިހާރު ވަނީ ނިމިފަ އެވެ.
ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސް ރަސްމީކޮށް އިފުތިތާހުކޮށްދެއްވާފައި ވަނީ ހުވަދުއަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު އެ ރަށަށް ކުރެއްވި ޒިޔާރަތުގަ އެވެ.
ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ރިޔާސީ އިންތިހާބުގެ ތެރޭގައި އެ ރަށުގެ އެކިއެކި ކަންކަމަށް ހައްލު ގެނެސްދޭނެ ކަމަށް ވިދާޅުވިކަން ފާހަގަކުރެއްވި އެވެ. އެ މަސައްކަތްތަކަކީ ދޭންވާ ސަމާލުކަންދީގެން ސަރުކާރުން ކޮށްދޭނެ ކަންކަން ކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑު ކޮންމެ ޕޯޑިއަމެއްގައި ވެސް ވައުދުވީ އެ ކަންކަން ކޮށްދިނުމުގެ ނިޔަތުގައި. އިރާދަކުރެއްވިއްޔާ މި ސަރުކާރުން އެ ކަންކަން ހުރިހާ ރައްޔިތުންނަށް ވެސް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
މި އަހަރަށް ކަނޑައަޅާފައިވާ ޕީއެސްއައިޕީގެ ތެރެއިން އަލަށް ފަށާ މަޝްރޫއުތަކުގެ ތެރެއިން އެންމެ އިސްކަންދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ކަމަށް ވިދާޅުވި އެވެ. އެއާ އެކު ތައުލީމީ އަދި ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ސަމާލުކަންދެއްވާނެ ކަމަށެވެ. އޭގެ އިތުރުން ދެން އިސްކަންދޭނީ މަގުތަކާއި ގުޅިފައިހުރި މަޝްރޫއުތަކަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހޯނޑެއްދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ގާއިމުކުރުމުގެ މަޝްރޫއުގެ މައިގަނޑު ސްކޯޕްގައި ހިމެނިގެން ނަރުދަމާގެ 5 ޕަމްޕް ސްޓޭޝަން ގާއިމުކުރުމާއި ސީ އައުޓް ފޯލް އެޅުމާއި މުޅި ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ވިއުގަ އެޅުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.
އަދި ދުވާލަކު 75 ޓަނުގެ ފެން އުފެއްދޭވަރުގެ 2 އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާ ކުރުމަށް 2 ޓޭންކް ބަހައްޓާފައިވެ އެވެ. އޭގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދީފަ އެވެ.
އެ ރަސްމިއްޔާތުގެ ތެރެއިން ހޯނޑެއްދޫގައި އޭޓީއެމްއެއް ބެހެއްޓުމަށް ރަށު ކައުންސިލާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.