Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ޑީއެންއާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، ތަހުގީގު ކުރަން ގޮވާލައިފި

ޑީއެންއާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، ތަހުގީގު ކުރަން ގޮވާލައިފި
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ބޭނުން ނަހަމައިން ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ހިންގުމަށް އިދިކޮޅު މައި ޕާޓީ. މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގޮވާލައިފި އެވެ. އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ގިނަ ކަންތައްތަކެއް ނަހަމައިން ކުރަމުން އަންނަ ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކުރައްވާފަ އެވެ. އެގޮތުން ފާހަގަކުރެއްވި އެއް ކަމަކީ ފްލެޓް ލިސްޓުގެ މައްސަލަ އެވެ. ފްލެޓް ލިސްޓުން ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާ ވިދާޅުވީ ފްލެޓް ދޭން ޖެހިދާނެތީ ހައުސިން މިނިސްޓްރީ އުވާލާފައިވާ ކަމަށެވެ. އެންސްޕާއިން ފައިސާ ލިބެނީ އެންމެ ނިކަމެތި ހާލަތުގައި ތިބޭ މީހުންނަށް ކަމަށްވާއިރު، އެކަމަށް ކަނޑައެޅިފައިވާ ބަޖެޓުން 35 މިލިއަން ރުފިޔާ ބަދަލުކޮށް، އެމްއެމްޓީވީގެ ނަމުގައި ޓީވީ ސްޓޭޝަނެއް ހަދާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ތަހުގީގު ކުރާނެ ކަމަށް ބުނެފައި ވިނަމަވެސް އެކަން ނުކުރާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމްޑީޕީގެ ރައީސް ވިދާޅުވި ގޮތުގައި ޑީއެންއާރަށް ތުހުމަތުކޮށް ދައްކަމުން އަންނަ ވާހަކަތަކަކީ ކިތަންމެ ލުއިކޮށް ދައްކަމުން އައި ނަމަވެސް އެކަމަކާ މެދު ކަންބޮޑުވާން ޖެހޭވަރުގެ ބޮޑު މައްސަލައެއް ކަމުގަ އެވެ. އެ ޔުނިޓަކީ ރައްޔިތުންގެ ހުރިހާ މައުލޫމާތުތަކެއް ދައުލަތެއްގެ ގޮތުގައި އެ ތަނެއްގައި ރައްކާކުރެވިފައިވާ ތަން ކަމުގައި ފާހަގަކުރެއްވި އެވެ.
"އެ ތަނުގެ މައުލޫމާތު ނަންގައިވައިގެން، ވަގަށް ބޭނުން ކުރައްވައިގެން ޕާޓީގެ އަދަދު އިތުރު ކުރެއްވުމުގެ މަސައްކަތް ކުރެއްވިކަން އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. ރާއްޖޭގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރައްވައި، އެކަމުގައި އިހުމާލުވާ ހުރިހާ މީހުންނަށް، ބައިވެރިވާ އެންމެންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަވާ ފިޔަވަޅު އަޅުއްވަން ޖެހޭނެ ކަމެއް،" 
މި މަހުގެ 31 ވަނަ ދުވަހު އެ ޕާޓީން އިސްނަގައިގެން ހިނގާލުމަކަށް ނިކުންނަނީ ކަންކަން މިހެން ހިނގަމުން ދިއުމާ އެކު، "ފުނޑިއްޖެ، ފުދިއްޖެ" ކަމަށް ރައްޔިތުން ބުނަމުންދާތީ ކަމަށް ޝާހިދު ވިދާޅުވި އެވެ. ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންގެ އަޑުއިއްވުމަށް އެމްޑީޕީން ހާއްސަ ހިނގާލުމެއް ބާއްވަން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް