ޚަބަރު ސަރުކާރު

ޕާސްޕޯޓާއި އައިޑީކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް އުނގޫފާރުގައި ފަށައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އުނގޫފާރުން ލިބޭނެ ގޮތް މިހާރު ވަނީ ހަމަޖައްސާފައި / ފޮޓޯ:އިމިގްރޭޝަން

ޕާސްޕޯޓާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު، ރ. އުނގޫފާރުން ލިބޭނެ ގޮތް ހަމަޖައްސައިފި އެވެ.

Ads by Hajj Corporation

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓްކޮށް ދޫކުރުމާ އަދި ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަން މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަޝްރޫއު ރައީސް ޑރ. މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.

މާލޭގެ އިތުރުން ވިލިމާލެ އީ-ބްލޮކް އަދި އުމަރު ޒާހިރު ބިލްޑިން އަދި ހުޅުމާލެ ވިނަރެސް ޓަވަރު 2 ގެ ފުރަތަމަ ފަންގިފިލާއިން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އަންނަނީ ދެމުންނެވެ.

އެ ތަންތަނުގެ އިތުރުން ހދ. ކުޅުދުއްފުށި، ދ. ކުޑަހުވަދޫ އަދި ގއ. ވިލިނގިލިން އެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ދަނީ މާލެ ފިޔަވައި ވިލިމާލެ އާއި ހުޅުމާލޭގެ ދެ ފިޔަވަހިންނާއި ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއިން ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް ދެމުންނެވެ.

މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ރޭ އުނގޫފާރުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގެ ތެރެއިން އެ ހިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މިއަދުން ފެށިގެން "އިމުގާ" މެދުވެރިކޮށް ހުށަހަޅާ ޕާސްޕޯޓުތައް އުނގޫފާރުން ނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

މާލެއިން އެކަނި ލިބެމުންދިޔަ އައިޑީކާޑާއި ޕާސްޕޯޓުގެ ހިދުމަތް ފުޅާކުރެވިގެންދާއިރު، ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުން ހިދުމަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން އެ ރަށްތަކާ ދުރުގައި އޮންނަ 7 ރަށެއްގައި ހިދުމަތް ދޭނެ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ.

މި އަހަރުގެ ތެރޭގައި 24 ރަށެއްގައި ހިދުމަތް ދޭން ފަށަން ހަމަޖެހިފައިވާ ގޮތުގެ މަގު ޗާޓެއް ވެސް ވަނީ އާންމުކޮށްފަ އެވެ.

Ads by Ooredoo