ޚަބަރު ވިޔަފާރި

ހުސްވި އަހަރު ތަކެތީގެ އަގު 4.8 އިންސައްތަ އުފުލުނު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލޭގެ ބާޒާރުމަތިން.. ދެން އިމޭޖްސް

ހުސްވި އަހަރު ތަކެތީގެ އަގު 4.8 އިންސައްތަ އުފުލުނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

Ads by STELCO

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އިއްޔެ އާާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ފާއިތުވި ހަތަރު އަހަރުގެ ތެރެއިން ތަކެތީގެ އަގުތައް އެންމެ މައްޗަށް ދިޔައީ ނިމުނު އަހަރު އެވެ.

އެގޮތުން 2022 ވަނަ އަހަރު 3.42 އިންސައްތައިގައި އިންފްލޭޝަން ހުރިއިރު، 2023 ގައި ހުރީ 2.02 އިންސައްތައިގަ އެވެ. އަދި 2024 ވަނަ އަހަރު ހުރީ 4.80 އިންސައްތައިގަ އެވެ.

ހުސްވި އަހަރުގެ ވަކިވަކި މަސްތަކަށް ބަލާއިރު، ތަކެތީގެ އަގު އެންމެ ބޮޑުވީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ މަހު އިންފްލޭޝަން 2.47 އިންސައްތައިގައި ހުރިއިރު، ޑިސެމްބަރު މަހު ހުރީ 1.11 އިންސައްތައިގަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ނިމިދިޔަ އަހަރު އެންމެ އަގުބޮޑުވީ ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުގެ އަގެވެ. އެ ތަކެތީ އަގު އެވްރެޖުކޮށް 96.68 އިންސައްތަ ބޮޑުވެފައިވެ އެވެ.

ދެން އެންމެ ބޮޑު އަގު އުފުލިފައިވަނީ ކެފޭ ރެސްޓޯރެންޓާއި އެކޮމަޑޭޝަންގެ އަގުތަކެވެ. އެ ތަންތަނުން ދޭ ހިދުމަތުގެ އަގު 25.67 އިންސައްތަ އުފުލިފައިވެ އެވެ.

ތިންވަނައަށް އެންމެ ބޮޑަށް އުފުލުނީ މަހުގެ އަގެވެ. މަހުގެ އަގު 7.60 އިންސައްތަ އުފުލިފައިވެ އެވެ.

މިދިޔަ އަހަރު އަގު އުފުލުނު އެހެން ބާވަތްތައް

  • ކާބޯތަކެއްޗާއި އެކި ބުއިންތައް - 4.95 އިންސައްތަ
  • ސިއްހީ ދާއިރާގެ އަގުތައް - 4.22 އިންސައްތަ
  • ތައުލީމީ ދާއިރާގެ އަގުތައް - 0.98 އިންސައްތަ

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ނިމުނު އަހަރު މުވާސަލާތީ އެކި ހިދުމަތްތަކާ އަދި ދަތުރުފަތުރާާ ގުޅޭ އަގުތައް ވަނީ ހެޔޮވެފަ އެވެ.

މުވާސަލާތީ އެކި ހިދުމަތްތަކުގެ އަގު 4.71 އިންސައްތަ ދަށަށް ދިޔައިރު، ދަތުރުފަތުރާ ގުޅޭ އަގުތައް 0.30 އިންސައްތަ ހެޔޮވެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!