ހުރިހާ ކަމެއް މެދުވެރިވެގެން ދަނީ މާތް ﷲ ގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ އަދި މާޔޫސްވާން ނުޖެހޭނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
ގަޟާ ގަދަރަށް އީމާންވުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ ގަޟާ ގަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ހަ ވަނަ ރުކުން ކަމަށެވެ. އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނަކަށް އިންކާރުކޮށްފި މީހާގެ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ. ގަޟާ ގަދަރަށް ނުވަތަ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުމުގައި ހަތަރު ކަމަކަށް އީމާންވާން ޖެހޭ ކަމަށެވެ.
ފުރަތަމަ ކަމަކީ، މާތް ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ކަމަށް އީމާންވުން ކަމަށް ހުތުބާގައި ބުންޏެވެ. ހަލްގުތަކުން ހެއްދެވުމުގެ މާކުރިން ﷲ ގެ އަޒަލިއްޔަ އިލްމުފުޅުގައި، އެ ތަކެއްޗާ ބެހޭ ހުރިހާ ކަމެއް ދެނެވޮޑިގެންވާކަމާއި އުޑުތަކާއި ބިމުގައި ހިނގާފައިވާ ހުރިހާ ކަމަކާއި ހިނގާ ހުރިހާ ކަމަކާ އަދި މުސްތަގުބަލުގައި ހިނގާނޭ ހުރިހާ ކަމެއް ވެސް އެކަލާނގެ ދެނެވޮޑިގެންވާކަން ގަބޫލުކުރުން ކަމަށެވެ.
ދެވަނަ ކަމަކީ އަލްލަވްޙުލް މަޙްފޫޟުގައި މާތް ﷲ ހުރިހާ ކަމެއް ލިޔުއްވާފައިވާ ކަމަށް އީމާންވުން ކަމަށެވެ. އުޑުތަކާއި ބިން ހެއްދެވުމުގެ މާކުރިން ﷲ ވަނީ ހުރިހާ ކަމެއް ލިޔުއްވާފައި ކަމަށެވެ.
ހުކުުރު ހުތުބާގައި ބުނި ގޮތުގައި ގަޟާ ގަދަރަށް އީމާންވުމުގައި އީމާންވާން ޖެހޭ ތިންވަނަ ކަމަކީ ކޮންމެ ކަމެއް ވެސް ހިނގަމުންދަނީ ﷲ ގެ އިރާދަފުޅުންކަމާއި އިރާދަފުޅާ ނުލައި އެއްވެސް ކަމެއް ނުހިނގާނެ ކަމަށް އީމާންވުން ކަމުގަ އެވެ. ބަޔަކު ކިތަންމެ ގަދައަޅައި، ގެއްލުމެއް ދޭން ނުވަތަ މަންފާއެއް ހޯދައިދޭން އުޅުނު ކަމުގައި ވިނަމަވެސް، އެކަލާނގެ އިރާދަފުޅުން މެނުވީ އެ ކަމެއް ނުވާނެ ކަމުގަ އެވެ.
ހަތަރު ވަނަ ކަމަކީ ކައުނާއި ކައުނުގައިވާހައި ތަކެއްޗެއް ހެއްދެވީ ﷲ ކަމަށް އީމާންވުން ކަމުގަ އެވެ. އޭގެ ތެރޭގައި ހުރިހާ މަހުލޫގުން ކުރާ ކަންތަކާއި އެ މަހުލޫގުންތަކަށް ލިބިފައިވާ ކުޅަދާނަ ކަމަކާއި ހުރިހާ ބާރެއް ވެސް ހިމެނޭ ކަމުގަ އެވެ.
ގަޟާ ގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުން ދާނީ ހިތްހަމަޖެހުމާ އެކުގައި ކަމަށް ހުތުބާގައި ފާހަގަކުރި އެވެ. ފިތުނައިގެ ސަބަބުން އެ ފަދަ މީހަކު ގުޑުގުޑުއަޅައިގެން ނުދާނެ ކަމަށެވެ. ދަތި އުނދަގޫ ކަމެއް ދިމާވުމުން އެ ފަދަ މީހަކު ބަލިކަށިވެގެން ވެސް ނުދާނެ ކަމަށެވެ. ހުރިހާ ކަމެއް މެދުވެރިވެގެން ދަނީ މާތް ﷲ ގެ އިލްމުފުޅާއި އެކަލާނގެ އިރާދަފުޅުންކަން އިއުތިގާދުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ، މާޔޫސްވާކަށް ނުޖެހޭނެ ކަމަށެވެ. އޭނާއަށް ދިމާވެފައިވާ ކަންކަމާ، ހިތާމަކޮށް ފުރާނައަށް ގެއްލުމެއް ނުދޭނެ ކަމަށެވެ.
މިއަދުގެ ހުތުބާގައި ބުނި ގޮތުގައި ﷲ މި ކައުނުގައި ލައްވާފައިވާ ހުރިހާ ކަމެއް ލައްވާފައި ވަނީ އަޅުތަކުންގެ މަސްލަހަތަށް ކަމުގަ އެވެ. އެކަން އެނގުނު ކަމުގައި ވިނަމަވެސް އަދި ނޭނގުނު ކަމުގައި ވިޔަސް ހިނގާ ހުރިހާ ކަމަކީ އެ ކަމުގައި އެންމެ މަސްލަހަތު ހުރި ގޮތް ކަމުގަ އެވެ. މާތް ﷲ ހައްދަވާފައިވާ ތަކެއްޗާއި އެ ތަކެއްޗަށް މިންވަރު ކުރައްވާފައިވާ ގޮތް ދެނެވޮޑިގެން ވަނީ ހަމަ އެކަލާނގެ ކަމުގަ އެވެ.
މާތް ﷲ އެއްވެސް އަޅަކަށް ނުއުފުލޭވަރުގެ ތަކުލީފެއް ނުޖައްސަވާނެ ކަމުގަ އެވެ. އެކަލާނގެއީ އެންމެ އަދުލުވެރި ރަސްކަލާނގެ ކަމުގަ އެވެ. އަދި އެކަލާނގެ އެއްވެސް އަޅަކަށް އަނިޔާވެރިވެ ވޮޑިއެއްނުގަންނަވާނެ ކަމުގަ އެވެ.
ދިމާވާ މުސީބާތްތަކުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާން ޖެހޭނީ ގަޟާ ގަދަރަށް އީމާންވުމާއި ކެތްތެރިކަން އިސްކުރުން ކަމަށް ހުތުބާގައި ބުންޏެވެ. އީމާންކަމާއި ކެތްތެރިކަމުން ހިމާޔަތް ލިބިގެންފި ނަމަ، ދުނިޔެ އާއި އާހިރަތުގައި ދަރުމަ އާއި ސަވާބު ހިސާބެއް ނެތި ދެއްވާނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.