ފްލެޓު ދިނުން ލަސްވާތީ އެފްޑީސީގެ ވެރިން މަޖިލިހަށް ހާޒިރުކޮށްދޭން އެދިއްޖެ
"ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފަހި ދިިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ ދެ ވަނަ ފޭސް ގައި ތަރައްގީ ކުރަމުން އަންނަ 4،000 ހައުސިން ޔުނިޓު ހަވާލުކުރުން ލަސްވާ މައްސަލައިގައި އެ ކުންފުނީގެ ވެރިން ރައްޔިތުންގެ މަޖިލިހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިއްޖެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީ ކުރަން ފެށި އެ ފްލެޓުތައް ދިނުން ލަސްވާ މައްސަލައިގައި އެފްޑީސީގެ ވެރިން ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ އަމާން އުދަރެސް އަދި އަމާން ދޯދި ޕްރޮޖެކްޓަށް އިންޑިއާއިން ނަގާފައިވާ ލޯނަށް ކޮންމެ މަހަކު، ދައުލަތުގެ ބަޖެޓުން ރިޕޭމެންޓުގެ ގޮތުގައި 23.4 މިލިއަން ރުފިޔާ ދައްކަމުންދާ ކަމަށެވެ.
އެ މަޝްރޫއުން މިހާތަނަށް ނިމިފައިވާ 744 ފްލެޓާއި ކޮމާޝަލް އޭރިއާއިން މަހަކު ދައުލަތަށް 10.8 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. އެފްޑީސީން މުސާރަ އާއި ހަރަދުތަކަށް މަހަކު 3.2 މިލިއަން ރުފިޔާ ހަރަދު ކުރަމުން އަންނަ ކަމަށް އެ ފަރާތުން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކާކަން ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ކުޑޫ ވިދާޅުވި ގޮތުގައި މިހާތަނަށް ނިމިފައިވާ ފްލެޓުތަކުގެ ހައްގުވެރިން އެކަށައެޅި، އެގްރިމެންޓް ކުރެވި އަދި އެލޮކޭޓް ކުރެވިފައިވާ ކަމުގަ އެވެ. ނަމަވެސް ސަރުކާރުން މިހާރު ބަލަމުން އަންނަ ކަމަކާ ގުޅިގެން ފްލެޓުތައް ހަވާލު ނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމަށާ އަދި އެކަމުގެ ސަބަބުން ދައުލަތަށް ދައްކާނެ ކުއްޔާއި ފީތައް ނުނެގިވާ ކަމުގަ އެވެ.
"މިގޮތަށް މިކަން ކުރައްވައިގެން ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްއަށް ލޯނު އަދާކުރުމުގެ ފުރުސަތު އޮތް ނަމަވެސް ގަސްތުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އެންމެހާ ރައްޔިތުންގެ ފައިސާއިން މި ތަންތަނުގެ ލޯނު ދައްކަވަމުން ގެންދަވަނީ ސަރުކާރުގެ ވަރަށް ބޮޑު އިހުމާލެއް އޮވެގެން ކަމަށް ގަބޫލުކުރެވެ އެވެ،"
އެކަން ކަމަށް އަލިއަޅުވާލައްވައި ކުޑޫގެ ސިޓީގައި ވަނީ މައުލޫމާތު ސާފުކުރުމަށް އެފްޑީސީގެ އިސްވެރިން މަޖިލިހުގެ ގެދޮރުވެރިކަމުގެ ކޮމިޓީއަށް ހާޒިރުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
އަމާން އުދަރެސްގެ ހަތަރު ޓަވަރުގެ 504 ފްލެޓާ އަދި އަމާން ދޯދީގެ ދެ ޓަވަރެއްގެ 240 ފްލެޓުގެ މަސައްކަތް ނިންމައި ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށް މިދިޔަ ނޮވެމްބަރު މަހު އެފްޑީސީން ބުނެފައިވެ އެވެ.
"ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން 4،000 ފްލެޓު އަޅަން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކުރީ 2021 ވަނަ އަހަރު އެވެ. އެ މަޝްރޫއުގެ ދަށުން ޖުމްލަ 32 ޓަވަރު އިމާރާތް ކުރާއިރު، އޭގެ ތެރޭގައި ހިމެނޭ އަމާން އުދަރެސްގެ 16 ޓަވަރުގެ މަސައްކަތް ކުރަނީ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އިންނެވެ. އަމާން ދޯދީގެ 16 ޓަވަރު އަޅަނީ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ.