ޚަބަރު ރައްޔިތުންގެ މަޖިލިސް

ފްލޯޓިން ސޯލާ ޕްރޮޖެކްޓުގެ މަސައްކަތް މި އަހަރު ފަށަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ރައީސް، ރިޔާސީ ބަޔާން އިއްވަވަނީ / ފޮޓޯ:ރައީސް އޮފީސް

މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލަ ޕްރޮޖެކްޓް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕާމިޓް އިޝޫކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް އެހެން ވިދާޅުވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގެ ތެރެއިން މޫސުމަށް އަންނަ ބަދަލުތަކަށް އެޑެޕްޓްވުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން "5 މިލިއަން ގަސް މަޝްރޫއު" ގެ ދަށުން ފާއިތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 450,000 ގަސް އިންދާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 4.2 މިލިއަން ގަސް އިންދުމަށް އެކިއެކި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރަށް 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ އަމާޒަށް ވާސިލުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އެގޮތުން އިރުގެ އަލިން 15 މެގަވޮޓްގެ ކަރަންޓު އުފައްދާ ނިޒާމު ނިމިދިޔަ އަހަރު އިތުރުކުރެވިފައިވާ ކަމަށެވެ.

"އިރުގެ އަލިން 100 މެގަވޮޓް އުފައްދާ ނެޝަނަލް ގްރިޑަށް ފޯރުކޮށްދިނުމަށް ޓަކައި މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލާ ޕްރޮޖެކްޓެއް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕާމިޓް އިޝޫކުރުމަށް މިހާރު ވަނީ ނިންމާފައި. މި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރު މެދު ތެރޭ ފަށާ 2027 ވަނަ އަހަރު ތެރޭ ނިންމާ އޭގެ ނަފާ ލިބެން ފަށާނެ،"

ރައީސް ވިދާޅުވި ގޮތުގައި އިއާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި އާންމުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ މަންފާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގަ އެވެ. އެގޮތުން މިދިޔަ އަހަރު "މަގޭ ސޯލާ" ގެ ނަމުގައި ޕްރޮގްރާމެއް ފަށާފައިވާ ކަމުގަ އެވެ.

އެ ޕްރޮގްރާމުގެ އިތުރުން "މަގޭ ސާފު ރާއްޖެ" ގެ ނަމުގައި ކުނި މެނޭޖުކުރުމުގެ ގައުމީ މަޝްރޫއެއް އެކުލަވާލައި ތަންފީޒުކުރަން ވެސް ވަނީ ފަށާފަ އެވެ. އެމަނިކުފާނު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމުތަކެއް ހިނގަމުން މިދާ އަހަރު ގާއިމުކުރަން އަމާޒު ހިފާފައިވާ ކަމަށެވެ. ފާއިތުވެދިޔަ އަހަރުގެ ތެރޭގައި 17 ރަށެއްގައި ޒަމާނީ ފެންވަރުގެ މަރުކަޒުތައް ގާއިމުކޮށްފައިވާކަން ފާހަގަކުރެެއްވި އެވެ.

މާލެ އަތޮޅު ފަޅެއްގައި ފްލޯޓިން ސޯލަ ޕްރޮޖެކްޓް ހިންގުމަށް ބޭރުގެ އިންވެސްޓަރަކަށް ސްޕެޝަލް އިކޮނޮމިކް ޒޯން ޑިވެލޮޕްމަންޓް ޕާމިޓް އިޝޫކުރުމަށް މިހާރު ނިންމާފައިވާ ކަމަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ