ކުނިން ހަދާފައިވާ ވޭލް ސްކަލްޕްޗާގެ ފޮޓޯ ނަގައިގެން ޓްރެވެލް ޕެކޭޖެއް ލިބިދާނެ
ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮންނަ މި ފަހަރު މެރިން އެކްސްޕޯގައި ފެންނާނީ ކުނީގެ ގޮތުގައި ހުރި ޕްލާސްޓިކްތަކާއި ދަގަނޑުތަކެއް ބޭނުންކޮށްގެން ހަދާފައިވާ ވޭލް ސްކަލްޕްޗާ އެކެވެ. އޭގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާކޮށްގެން ވޯލްޑް ވައިޑް ޓްރެވެލް ޕްލޭނެއް ލިބިދާނެ ކަން އެލައިޑް އިންޝުއަރެންސް އިން ބުނެފި އެވެ.
އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރު އެލައިޑުން ބުނި ގޮތުގައި މިފަހަރު އެކްސްޕޯއަށް ކަނޑައެޅި ގްރޭންޑް ޕްރައިޒަކީ ކަނޑުމަތީގެ އުޅަނދުތަކަށް ހާއްސަ ހަލް އިންޝުއަރަންސް ޕްލޭނެއް %40 ލައިފްޓައިމް ޑިސްކައުންޓެއް ދިނުމެވެ.
އެ އިނާމު ލިބޭނީ އެލައިޑް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވާ ކިއު-އާރު ކޯޑް ސްކޭންކުރާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށެވެ.
ދެން ލިބޭ އިނާމަކީ އެއް އަހަރު ދުވަހުގެ ވެލިޑިޓީއާއެކު ވޯލްވައިޑް ޓްރެވެލް ޕްލޭނެކެވެ. މި އިނާމަށް ނަސީބުވެރި ދެ ފަރާތެއް ހޮވާނެ އެވެ. އޭގެ ލަކީ ޑްރޯގައި ކިއު-އާރު ކޯޑް ސްކޭން ކޮށްގެން ލިބޭ ގްރޭންޑް ޕްރައިޒަށް ނުހޮވޭ ފަރާތްތައް ވެސް ހިމަނާނެ އެވެ.
ވޯލްޑް ވައިޑް ޓްރެވެލް ޕެކޭޖުގެ ލަކީ ޑްރޯގައި، އެކްސްޕޯއަށް ޒިޔާރަތް ކުރުމަށް ފަހު ޕްލާސްޓިކް ވޭލް ސްކަލްޕްޗާގެ ފޮޓޯއެއް ފޭސްބުކް ނުވަތަ އިންސްޓަގްރާމުގައި ޕަބްލިކް ސެޓިންގައި ހިއްސާކޮށް އެލައިޑް ޓެގްކޮށް ޕޯސްޓްކުރާ ފަރާތްތައް ވެސް ބައިވެރިކުރާނެ އެވެ.
އެކްސްޕޯއަށް ދާންވީ ކީއްވެ؟ އަންނަ އާާދިއްތަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު ހަތަރަކުން ރޭގަނޑު 10އަކަށް ކުރިއަށްދާ އެ އެކްސްޕޯގައި ގިނަ ހަރަކާާތްތަކެއް ކުރިއަށް ގެންދާނެ އެވެ. އޭގައި ބައިވެރިވުމުގެ އިތުރަށް އެ ތަނުގައި ބަހައްޓާފައިވާ ޕްލާސްޓިކް ވޭލް ސްކަލްޕްޗާ ވެސް ރީތިވީމަ އެވެ.
އޭތި ތައްޔާރުކުރަން ބޭނުންކުރި ޕްލާސްޓިކާއި ދަގަނޑު ފަދަ ތަކެއްޗަކީ އެލައިޑުގެ 40ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ކ. ހިންމަފުށީގައި ބޭއްވި ކިކްއޯފް އިވެންޓް ކަމަށްވާ "ޑައިވް 40" ގެ ތެރެއިން ރަށުގެ ފަޅު ތެރެ ސާފުކޮށް ކުނީގެ ގޮތުގައި ނެގި ތަކެއްޗެވެ.
ރިސައިކްލިންއަށް ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކެއް ވެސް ސްކަލްޕްޗާ ދައްކާލުމުގެ ތެރޭގައި ކޮންމެ ދުވަހަކު ވެސް އެކްސްޕޯގެ ތެރެއިން ކުރިއަށް ގެންދާނެ އެވެ.