ޚަބަރު ރައްޔިތުންގެ މަޖިލިސް

މިނިސްޓަރުންނާ ކުރާ ސުވާލު ދިގުކޮށް، އިތުރު ސުވާލުގެ ވަގުތު އިތުރުކުރަން ހުށަހަޅައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަކަށް މިނިސްޓަރުން ހާޒިރުކޮށް ކުރާ ސުވާލުގެ ދިގުމިން އިތުރުކޮށް، އިތުރު ސުވާލުކުރަން ބޭނުންވާ މެމްބަރުންނަށްދޭ ވަގުތު އިތުރުކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު އިސްލާހެއް ހުށަހަޅައިފި އެވެ.

Ads by Hajj Corporation

މަޖިލިހުގެ ގަވާއިދުގެ 81 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ގަވާއިދުގައި އޮންނަ ގޮތުން މިހާރު ސުވާލެއްގެ ގޮތުގައި ބަލަނީ ފަސް ފޮޅުވަތަށް ވުރެ ދިގު ނުވާ ނަމަ އެވެ. ކުޑޫގެ އިސްލާހުގައި ވަނީ މިނިސްޓަރުންނާ ކުރާ ސުވާލަކީ 10 ފޮޅުވަތަށް ވުރެ ދިގު ނުވާނެ ގޮތުގެ މަތިން ކުރެވޭ ސުވާލެއް ކަމަށް ބެލުމަށެވެ.

އިސްލާހުގައި އިތުރަށް ވަނީ ސުވާލަށް މިނިސްޓަރު ދޭ ޖަވާބާ ގުޅިގެން އިތުރު ސުވާލު ކުރުމަށް މެމްބަރުންނަށް ހުޅުވާލާ ފުރުސަތުގައި ސުވާލު ކުރަން ކޮންމެ މެމްބަރަކަށް ލިބޭ ވަގުތު އެއް މިނެޓަށް ވުރެ ދިގު ނުވާނެ ގޮތަށް ކަނޑައެޅުމަށް ހުށަހަޅާފަ އެވެ.

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން އިތުރު ސުވާލުގެ ދިގުމިނަކީ 45 ސިކުންތު ކަމަށެވެ.

ކުޑޫ ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރުމަށް މަޖިލިހުގެ އާންމު ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.