ޚަބަރު ރައްޔިތުންގެ މަޖިލިސް

މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ރައީސަށް ލަފާދޭން ކޮމިޓީން ފާސްކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: މަޖިލީސް

ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލާފައިވާ އިގުތިސޯދީ އެޖެންޑާގެ ދަށުން މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން ފޮނުވި ނަމަވެސް ގާނޫނު ބަދަލުކޮށްގެން ނޫން ގޮތަކަށް އެކަން ކުރެވެން ނެތްކަން ރައީސް ޑރ މުހައްމަދު މުއިއްޒަށް ލަފާދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

Ads by STELCO

އިގުތިސޯދީ އިސްލާހީ އެޖެންޑާއަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވާފައިވަނީ ހުސްވި ހަފްތާގެ ހޯމަ ދުވަހު އެވެ.

އޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންނާއި މަޖިލީހުގެ މެންބަރުންނާއި، ޝަރުއީ ދާއިރާއާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމެވެ.

ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ބުނީ މިނިވަން މުއައްސަސާތަކުގެ ވެރިންގެ ތެރެއިން 6 މުއައްސަސާއެއްގެ ވެރިންގެ މުސާރަ ނުވަތަ އިނާޔަތް މަގާމުގެ މުއްދަތުގެ ތެރޭގައި އުނިނުކުރެވޭނެ ކަމަށެވެ.

އެ މުއައްސަސާތަކަކީ

  1. ޖުޑިޝަލް ސާވީސް ކޮމިޝަން
  2. އިލެކްޝަންސް ކޮމިޝަން
  3. ހިއުމަން ރައިޓްސް ކޮމިޝަން
  4. މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
  5. ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
  6. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ނަމަވެސް ސިވިލް ސާވީސް ކޮމިޝަން، އޮޑިޓާ ޖެނެރަލް އޮފީސް އަދި ޝަރުއީ ދާއިރާގެ އިތުރުން މަޖިލީހުގެ މެންބަރުންގެ މުސާރަ އަށް ބަދަލެއް ގެނެވިދާނެ ކަމަށް މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ވަނީ ބުނެފަ އެވެ. އެކަމަކު ވަކި ކޮމިޝަންތަކެއްގެ މެންބަރުންގެ މުސާރަ ކުޑަކުރުމަކީ އިންސާފެއް ނޫން ކަމަށް މެންބަރުން ވިދާޅުވެފައިވެ އެވެ.

މިއަދު ކުރިއަށް ދިޔަ ކޮމިޓީ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވީ ގާނޫނުތަކަށް ބަދަލުތައް ގެނައުމަށް ފަހު ހުރިހާ ކޮމިޝަންތަކުގެ މުސާރަ ކުޑަކުރުމަށް ފެންނަ ކަމަށް ރައީސް މުއިއްޒު އަށް ލަފާދިނުމަށެވެ. މަމްދޫހުގެ ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ހުސްވި އަހަރުގެ ފެބްރުއަރީ މަހު މިނިވަން މުއައްސަސާތަކުގެ މުސާރަ ބޮޑުކޮށްފައިވެ އެވެ. އެއާ އެކު މިނިވަން މުއަައްސަސާތަކުގެ މުސްތަގިއްލު މަގާމުތަކަށް މުސާރައިގެ ގޮތުގައި 74،000ރ ލިބިވަޑައިގަންނަވާނެ އެވެ. މުއައްސަސާތަކުގެ ރައީސުންނަށް މުސާރައިގެ ގޮތުގައި 59،000ރ ލިބިވަޑައިގަންނަވަ އެވެ.

އިސްލާހީ އެޖެންޑާގެ ދަށުން ރައީސްގެ މުސާރައިން 50 ޕަސެންޓް އުނިކުރުމަށް ވެސް އެމަނިކުފާނުގެ ނިންމަވާފައިވެ އެވެ. ރައީސްގެ މުސާރައަކީ މަހަކު 100،000ރ އެވެ. އެ ނިންމެވުމާ އެކު ދެން ރައީސަށް ލިބިވަޑައިގަންނަވާނީ 50،000ރ އެވެ.

ބައެއް ކުންފުނިތަކުގެ މުސާރަ އޮނިގަނޑު އޮތް ގޮތުން އެ ކުންފުނިތަކުގެ ވެރިންނަށް 100،000ރ އަށް ވުރެ ގިނައިން ކުރިން ލިބިވަޑައިގަންނަވަ އެވެ. ނަމަވެސް ކުންފުނިތަކުގެ ވެރިންނަށް މުސާރައިގެ ގޮތުގައި ދެން ދޭނީ އެންމެ ގިނަވެގެން 90،000ރ ކަަމަށް ވެސް ރައީސް ނިންމެވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!