ޚަބަރު ސަރުކާރު

ރޯދަ މަހު 141 އަސާސީ ބާވަތެއްގެ އަގު ބޮޑުވާ ނަމަ، ރިޕޯޓު ކުރެވޭ ގޮތް ހަދަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މާލޭގެ ބާޒާރުމަތިން/ ފޮޓޯ:ދެން އިމޭޖްސް

ކުރިއަށް އޮތް ރޯދަ މަހު ބާޒާރުގައި ކާބޯތަކެތީ އަގު ހިފެހެއްޓުމަށްޓަކައި 141 އަސާސީ ބާވަތެއް މޮނިޓާކުރަން ނިންމާފައިވާ ކަމަށާއި، އަދި އެ ތަކެތި ވިއްކާ އަގުތައް ބޮޑުވާ ނަމަ އެކަން ރިޕޯޓު ކުރެވޭނެ ގޮތް ހަދާނެ ކަމަށް އިކޮނޮމިކް ޑިވްލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީން މިއަދު ބުނެފި އެވެ.

Ads by STELCO

ރޯދަ މަހު އަގު ކޮންޓްރޯލް ކުރުމަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ބްރީފިންގައި އިކޮނޮމިކް މިނިސްޓްރީން ވަނީ އެ މަހު ބަލާނެ ކަންތައްތަކުގެ ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ.

މިނިސްޓްރީން ބުނީ އަސާސީ ބާވަތްތައް މޮނިޓާކުރާނީ 3 ކެޓަގަރީއަކަށް ބަހާލައިގެން ކަމަށެވެ.

އަސާސީ ބާވަތްތަކުގެ ގޮތުގައި މޮނިޓާކުރާ ކެޓަގަރީތައް:

  • ގޭބީސީތަކުގެ ކެއުމަށާއި، ކާތަކެތި ތައްޔާރު ކުރުމަށް ބޭނުންކުރާ އަސާސީ ބާވަތްތަކުން 93 އައިޓަމެއް
  • މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 އައިޓަމެއް
  • މަސް (ކަނޑުމަހުގެ ބާވަތްތަކުން) 10 އައިޓަމެއް

އޭގެ ތެރެއިން 32 އައިޓަމަކީ ކްރިޓިކަލް އައިޓަމްތަކުގެ ގޮތުގައި މިނިސްޓްރީން ވަނީ ކަނޑައަޅާފަ އެވެ. އެތަކެތި މޮނިޓާކުރަން މިނިސްޓްރީގެ އިންސްޕެކްޝަން ޓީމުތަކުން މާލެ އާއި އަތޮޅުތެރޭގެ ފިހާރަތަކާއި، ލޯކަލް މާރުކޭޓުގައި ހަރަކާތްތެރިވާނެ ކަމަށް އެ މައުލޫމާތު ހިއްސާކުރި އިކޮނޮމިކް މިނިސްޓްރީގެ ޕޮލިސީ އެންޑް ރިސާޗް ކޮންސަލްޓެންޓު ފާތިމަތު ނަޝްވާ ބަދީއު ވިދާޅުވި އެވެ.

"އެ އެނާލިސިސްގެ ދަށުން އަޅުގަނޑުމެންނަށް އަސާސީ ބާވަތެއްގެ އަގު ބޮޑުވެއްޖެ ނަމަ މިނިސްޓްރީން އިންޓަވީން ކުރާނެ،" ނަޝްވާ ވިދާޅުވީ އަގުތައް ހިފަހައްޓާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ ރޯދަ މަހަށް ހާއްސަ ތަކެތި ބާޒާރުގައި އަބަދުވެސް ލިބޭނެކަން ޔަގީންކުރުމަށް އެސްޓީއޯ މެދުވެރިކޮށް އެތަކެތި ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އަދި ބާޒާރުގައި އަގުބޮޑުވާ ތަކެތި އަދި ލިބުން ދަތިވާ ތަކެތީގެ ސަޕްލައި އިތުރުކުރުމަށް އެސްޓީއޯއާ އެކު މަސައްކަތްކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެސްޓީއޯއިން އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ 13 ފިހާރައެއްގެ ސްޓޮކް ބަލައި، ރޯދަ މަހަށް ބޭނުންވާ ވަރަށް ސްޓޮކް ހުރިކަން ޔަގީންކުރާނެ އެވެ.

ރޯދަ މަހުގެ ކާބޯތަކެތީގެ އަގު ފެންނާނެ ފަދަ އޮންލައިން ޕްލެޓްފޯމެއް ޑިވޮލޮޕްކުރުމުގެ މަސައްކަތްވެސް އެބަކުރެ އެވެ. އަގުބޮޑުވާނަމަ އެ ޕްލެޓްފޯމް މެދުވެރިކޮށް ރިޕޯޓްކުރެވޭނެ އެވެ.

"މި ޕްލެޓްފޯމް މެދުވެރިކޮށް ފެންނާނެ އައިޓަމެއްގެ އަގު ހުރީ ކިހާވަރަކަށްތޯ އަދި ލިބެން ހުރި ފިހާރަތަކުގެ ތަފްސީލު،" ނަޝްވާ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނީ، ރޯދަ މަހަށް އަސާސީ ކާބޯތަކެތީގެ ސްޓޮކް ހުރި މިންވަރު ބަލައި، ރޯދަ މަހުގެ ތެރޭގައި ބާޒާރުން ހުސްނުވެ ހިފެހެއްޓުމަށް ރާވާފައި ހުރި ކަންކަން ދެނެގަތުމަށް އެންމެ ގިނައިން ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވަމުންދާ ކަމަށެވެ.

އެގޮތުން ހުރި ދަތިތައް ދެނެގަނެ ހައްލު ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!