ލައިފްސްޓައިލް

މަންމާއެވެ! އަހަރެން ތިޔަ މަރައިލީ އަހަރެންގެ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

"މަންމާއެވެ! ތިޔައީ މާތް މަތިވެރި ސަޚްޞިއްޔަތެކެވެ. ތިޔައީ އަސްރަފީއާއި ޒަބަރުޖުދާއި ޔާގޫތަށްވުރެ އަގުހުރި ސަޚްޞިއްޔަތެކެވެ. ފަށުވި ފޭރާމާއި ސިލްކަށްވުރެ އަގު ބޮޑު މީހެކެވެ.

މަންމާއެވެ! ހަމަ އެންމެ ތިން އަކުރުން ތިޔަ ރަމްޒު ކޮށްދެނީ ލޯތްބާއި ކުލުނާއި ހަމްދަރުދީއެވެ. ޤުރުބާނީގެ އެންމެ ފުޅާ ،އެންމެ މަތީ މާނައެވެ. އޭގެ މަތިވެރި ދަރަޖައެވެ. ތިޔައީ ދަރީންގެ މައްޗަށް އެއްވެސް ވަރުބަލިކަމެއް ނެތި އެއްވެސް ބަޚީލުކަމެއް ނެތި އަބަދާއި އަބަދު ޤުރުބާންވާ އިންސާނާއެވެ.

މަންމާއެވެ! ތިޔަ މަންމަގެ ބަނޑުގައި އަހަރެން ދުވަސްތައް ހޭދަ ކުރީމެވެ. އިހްސާންތެރިކަމާއެކު ތިޔަ މަންމަ އަހަންނަށް ފާރަވެރިވެ ރައްކާތެރި ކޮށްދިނެވެ. ހަމައެހެންމެ އަހަރެން ދުނިޔެއަށް އުފަންވެ ، އިވުނު ރުއިމުގެ އަޑާއެކު މަންމަގެ މޫނު މަތިން ސާދަވިލޭރޭގެ ހަނދުފަދަ ސާފު އޮމާން ، އުފަލާއި ހިތްހަމަޖެހުމުގެ އަލިކަން ފާޅުވެގެން ދިޔަތަން އަހަރެން ދުށީމެވެ.

މަންމާއެވެ. އަހަރެން އުފާކުރީމެވެ. ތިޔަފަދަ ލޮބުވެތި ، ކުލުނުވެރި މަންމައެއް ލިބުނީތީ އަހަންނަށް ހުރިހާ ކަމެއް ޙާޞިލްވީ ކަމަށް ޤަބޫލު ކުރެވުނެވެ. އެހެނަސް މަންމާއެވެ! މަންމަގެ ފަހު ނޭވަޔާއި ހަމައަށް މަންމައަށް ޚިދުމަތް ކުރަން އަހަރެން ބޭނުންވިއެވެ. މަންމަގެ ފައިތިލައިގެ ދަށުން "ޖަންނަތުލް މަޢުވާ" ލިބޭނެ ކަމަށް ހުރީމެވެ. މަންމަ ދައްކާ މަގުން ކިޔަމަންތެރިކަމާއެކު ހިނގުމުގެ ޝައުގުގައި އަހަރެން ދުވަސްތައް ގުނީމެވެ. ތިޔަ މަންމަގެ އޯގާތެރިކަމުގައި ތިޔަ މަންމާގެ ރައްކާތެރިކަމުގެ އުނގުގައި އަހަރެންގެ ޅަފަތް ހޭދަ ކުރުމުގެ ހުވަފެން ދުށީމެވެ. ވީއިރު މަންމަ އަހަންނަށް އެ ފުރުސަތު ނުދިނީ ކީއްވެ ހެއްޔެވެ؟

މަންމާއެވެ! އަހަރެންގެ ދުލުން ފުރަތަމަ ނުކުތް ލަފުޒަކީ ތިއީ އެވެ. ތިޔަ މަންމަގެ ފުށުން ލޯތްބާއި ކުލުނު ނޫން އެއްޗެއް ނުލިބޭނެ ކަމަށް އުއްމީދު ކުރީމެވެ. މަންމައިންނަކީ ދަރިއަކަށް ތަކްލީފްގެ ޒައްރެއްގެ މިންވަރު ވެސް ލިބެން ނޭދޭ މާތް ބައެކެވެ. އެހެނަސް .....މަންމާއެވެ. މަންމަ އަހަންނަށް ކުރީ އަނިޔާއެވެ. އަހަރެންގެ ހަށިގަނޑުން އަނިޔާގެ ލަކުނުތައް މަންމައަށް ތާއަބަދު ފެންނަަމުން ދިޔައިރު ވެސް މަންމައަށް ކުޑަ ނަމަވެސް އަސަރެއް ނުކުރިއެވެ. ތިޔަ ހިތުގައި ކުޑަ ނަމަވެސް އަގަލެއް އަހަންނަކަށް ނެތެވެ. މަންމާއެވެ! މަންމަގެ އެއްވެސް އަނިޔާއަކަށް އަހަރެން ޝަކުވާއެއް ނުކުރަމެވެ. އެހެނަސް މި ސުވާލުގެ ޖަވާބު އަހަރެން ބޭނުމެވެ. އަހަރެންގެ މައްޗަށް ތި ހިތް ހަރުވީ ކީއްވެކަން އަޅެ ބުނެދީ ބަލާށެވެ.

މަންމާއެވެ! އަހަރެންގެ ބައްޕައެއް ނެތެވެ. ލިބުނު އާއިލީ ކުލުނެއް ނެތެވެ، މުޅި މާހައުލަކީ އަހަންނަށް ބީރައްޓެހި ތަނެކެވެ. އަހަރެންގެ ހުރިހާ ވެސް މީހަކަށް ހުރީ ތިޔަ މަންމައެވެ. މަންމާއެވެ! ތިޔަ މަންމަގެ އެސްފިޔަ ތަކުން ފިނިކަން ލިބޭނެ ކަމަށް އުއްމީދު ކުރީމެވެ. ލޯތްބާއި އަޅާލުން ތިޔަ އުނގުން އަހަންނަށް މަދު ނުވާނެ ކަމަށް ޔަގީން ކުރީމެވެ. ނަމަވެސް އަހަންނަށް ލޯބީގެ ޒައްރެއް ވެސް ހައްގު ނުވީ ކީއްވެ ހެއްޔެވެ؟ މަންމަގެ އެހެން ދަރީންތައް މަންމައާ އެކުގައި އުޅޭ މަންޒަރު އަހަރެން ދުށީމެވެ. މަންމަގެ އުނގުގައި ބޯއަޅައިން ތިބޭ މަންޒަރު ބަލަން އަހަރެން ދުރުގައި ހުރީމެވެ. ފެންކަޅި ވެފައެވެ. އަހަންނަށް ގޮވާލާފައި ގެންގޮސް އެންމެ ފަހަރަކު ނަމަވެސް މަންމަގެ ގަޔާލާ ބޮނޑިކޮށްލަ ދޭނޭ ކަމަށް ހީކޮށްފައެވެ.

ވިއްސާރަވެ ޖަހާ ގުގުރީގެ އަޑު އިވި ކިތަންމެ ރެއަކު އަހަރެންގެ ނިދި ނަގާލެވުނެވެ. ފިނިކަން ގަދަ ކިތަންމެ ރެއަކު ހީކަރުވާ ނުނިދި އަހަރެން އޮތީމެވެ. ތިޔަ މަންމަ އައިސް އަހަރެންގެ ގައިމަތީ ފޮތިގަނޑެއް ނަމަވެސް އަޅާލަ ދޭތޯއެވެ. ތިޔަ މަންމަގެ އުނގު އަހަރެންގެ ބޯ އަޅާލަން ލިބޭތޯއެވެ. ނަމަވެސް ހަތަރުފާރު ނޫނީ އަހަރެންގެ ހާލަށް ހެކިވާނޭ އެއްޗެއް ނެތެވެ. ކަނިވަމުން ދިޔަ އަހަރެންގެ ހަޔާތުގެ ހުޅުކޮޅު ނުނިވެނީސް ލޯތްބާއި އަޅާލުމަށް ކަރުހިއްކައިގެންފައިވާ އަހަންނަށް ލޯބީގެ ކުޑަ މިންވަރެއް ނަމަވެސް ލިބޭނެ ކަމަށް ހީކުރީމެވެ. އެހެން ނަމަވެސް މަންމަގެ ގަޔާލާ މޮޑެލާ މަންމަގެ އުނގުގައި ބޯ އަޅާލުމަށް އަހަރެންގެ ހިތް އެދުނު އެދުންތައް މަންމަ ޖެހީ ބޮލާލާ ނޫން ހެއްޔެވެ؟

މަންމާއެވެ! ތިޔަ އޯގާތެރި ދެއަތްތިލަ އަހަރެންމެ މައްޗަށް ހަރުވީ ކީއްވެ ހެއްޔެވެ؟ ތިޔަ ހިތުގައި އަހަރެންގެ މައްޗަށް ރަޙުމެއް އުފަން ނުވީ ކީއްވެ ހެއްޔެވެ؟ މަންމާއެވެ! އަހަރެން މަރާލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟

މަންމާއެވެ! އަހަރެން ބަނޑުހައިވެ ، ނުކައި ހުރީ ކިތައް ކިތައް ދުވަހު ހެއްޔެވެ؟ މަންމަގެ އަތުން ކާ އެއްޗެއް ލިބޭނެ ކަމުގެ އުއްމީދުގައި އޮވެ އަހަރެން ނިދީ ކިތައް ކިތައް ރޭ ހެއްޔެވެ؟ ދޮން ބައްޕަ ގެއަށް އަންނައިރަށް އެ ބައްޕަ ގެންގުޅޭ ކޮތަޅު އަތުލާ ، ކާއެއްޗެއް ލިބޭތޯ ބެލިއިރު މަންމައަށް އަޅެ އަސަރެއް ވެސް ނުކުރީ ހެއްޔެވެ؟ މަންމާއެވެ. ތިޔަ "އޯގާތެރި"ކަމުގެ އަތުން އަނިޔާ ލިބި އަހަރެންގެ މޭކަށިގަނޑު ބިނދި ، ތުންފަތާ ބަނޑަށާއި މެޔަށް އަނިޔާވިއިރު އަހަންނަށް ތަދު ނުވާނީ ހެއްޔެވެ؟ މަންމާއެވެ. ކިތަންމެހާ ވެސް ވޭނެއް އެޅިއެވެ. ނަމަވެސް މައިވަންތަކަމުގެ ލޯތްބަށް އަހަރެން އިންތިޒާރު ކުރީމެވެ. އެކަމަށް އުއްމީދު ކުރީމެވެ. މަންމަގެ އުނގުގައި ނިދާލެވޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރީމެވެ. އެހެނަސް.....މަންމާއެވެ! އެ ފުރުސަތު އަހަންނަށް ނުދީ އަހަރެން ދުނިޔެއާއި ތި ވަކިކޮށްލީ އަހަރެންގެ ކޮށް ކުށެއްގެ ސަބަބުން ހެއްޔެވެ؟

މަންމާއެވެ. އަހަރެން ރައްކާތެރިކަން ބޭނުންވީ ތިޔަ މަންމަގެ ކިބައިންނެވެ. ކުލުނާއި އަޅާލުން ބޭނުންވީ ތިޔަ ދެއަތުގެ ފިރުމުން ތަކުންނެވެ. ނަމަވެސް ރައްކާތެރި ކަމުގެ ތަންމައްޗަކަށް އަހަންނަށް ލިބުނީ ގަދަ ކަނޑެވެ. ގެއަށްވުރެ އުފާވެރި ރައްކާތެރި ތަނަކަށްވީ ދޮންބައްޕަ ދުއްވާ ދޯންޏެވެ. އެހެނަސް ... މަންމާއެވެ! ދޮން ބައްޕައަށް ވުރެ އަހަރެން ލޯބިވީ މީހަކީ ތިޔައީ އެވެ. ރައްކާތެރިކަމާ ލޯބި އަހަރެން ބޭނުންވީ މަންމަގެ އުނގުންނެވެ. އެހެނަސް ، ހެއްދެވި ހާލުގައި އަހަރެން ބަހައްޓާ ވެސް މަންމަ އަހަންނަށް އަނިޔާ ކުރީ ނޫން ހެއްޔެވެ؟ މަންމާއެވެ! އަހަރެންގެ ޖިސްމާ ފުރާނަ ދެތަން ވެގެން ދިޔައިރު ވެސް އަހަންނަށް އަނިޔާ ކުރުމުގެ ކެތްތެރިކަން މަންމަގެ ކިބައިގައި ހުރީ ކިހިނަކުން ހެއްޔެވެ؟ މަންމާއެވެ! ތިޔަ މަންމަގެ ހިތް އަހަންނަށް އެހާ ހަރުވީ ކީއްވެކަން އަޅެ އެންމެ ފަހަރަކު ނަމަވެސް ބުނެދީ ބަލާށެވެ.

މަންމާއެވެ! މިއަދު މަންމަގެ އަނިޔާއިން އަހަރެން މިންޖު ވެއްޖެއެވެ. ހަލާކުވި ހިތް އެކަނިވެރި ވެއްޖެއެވެ. އަހަރެން ފިރުމުން ބޭނުންވި ތިޔަ ދެއަތުގެ ހޫނުން މަންމައާ އަހަރެން ދެތަން ވެއްޖެއެވެ. މަންމާއެވެ! މި ވޭނީ އާހް ނިންމާފައި އަހަރެން ދަނީއެވެ. އެންމެ ފަހު ނޭވާ ލެވޭ ހިނދު ވެސް އަހަރެންގެ ފުށުން މަންމަގެ މައްޗަށް އޮތީ އިބުތިހާލްވެ ކުރާ ދުޢާ އެވެ. މަންމައަށް ސަލާމެވެ.!"

އުމުރުން ތިން އަހަރުގެ އިބްތިހާލު މަރާލި ފަހުން މިހާރު ފަސް އަހަރަށްވުރެ ގިނަ ދުވަސްވީ ފަހުން، މިއަދު މިވަނީ އޭނާ މަރާލި ކަމަށް ސާބިތުބެ، އޭނަގެ މަންމަ އާފިޔާ މުޙައްމަދު މަނިކު ގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އޭގެ އިތުރުން އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާގެ ކުށްވެސް އާފިޔާގެ މައްޗަށް ސާބިތުވެ އެކުށުގެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ އާފިޔާ ގެ މައްޗަށް އިއްވާފައެވެ.

ނޯޓް:މިމައްސަލައިގައި މީގެ ކުރިން ބޭއްވި ޝަރީޢަތެއްގައި އާފިޔާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފު ވެފައެވެ. އެގޮތުން އިބްތިހާލްއަށް އަނިޔާ ކުރި ގޮތް އޭނާ ވަނީ ބުދެއް ބޭނުންކޮށްގެން ފުލުހުންގެ ތަހުގީގަށްވެސް ކިޔައިދީފަ އެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ވެސް އޭނާ ވަނީ އިބްތިހާލް މަރާލި ކަމަށް އިއުތިރާފުވެފައެވެ.

އާފިޔާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި އޭނާގެ ފިރިމީހާ (އިބްތިހާލްގެ ދޮންބައްޕަ) ހުށަހެޅިއެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލީހުގައި އޭނާ ވެސް ހެކިބަސް ދިނީ އާފިޔާއާ ދެކޮޅަށެވެ.

އާފިޔާގެ މައްޗަށް ކުރި ހުކުމްގައި ބުނެފައިވަނީ، އާފިޔާ އިބްތިހާލަށް އަނިޔާކޮށް އެކުއްޖާ ދެކެ ރުޅި އަންނަނީ، އެކުއްޖާއަކީ ބައްޕަ ނެތް ކުއްޖަކަށް ވާތީ ކަމަށް އޭނާގެ ބަހުން އެނގޭ ކަމަށެވެ. އަދި އިބްތިހާލް މަރުވި ދުވަހުގެ ހެނދުނު އާފިޔާ ނިދާ ހޭލި އިރުވެސް އިބްތިހާލް މަރާލަން އާފިޔާ ނިޔަތް ގަނެފައިވާ ކަމަށް އާފިޔާގެ ބަހުން އެނގޭ ކަން ވެސް ހުކުމްގައި ފާހަގަ ކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!