އޭ އަޚާއެވެ. އަހަންނަށް މަޢާފުކުރައްޗެވެ. އެހެނީ މާދަން އަހަރެން ތިބާ އަރިހުން މަޢާފަށް އެދެން ނުހުރެދާނެއެވެ.
ދުނިޔެއީ ވަގުތީ ފާލަމެކެވެ. ވަގުތީ ހިތަހަމަ ޖެހުމާއި ވަގުތީ އުފާވެރިކަން ލިއްބައިދޭ މައިދާނެކެވެ. މި ވަގުތީ މައިދާނުގައި ޙަޔާތް ކަޑައްތު ކުރަމުން ދާއިރު، ދިރިއުޅުމުގައި އެކިއެކި ކަންތަކާއި ކުރިމަތިލާން ޖެހޭނެއެވެ. ކެތްތެރި ވާން ޖެހޭ ފަހަރު ވެސް އާދެއެވެ. ނަމަވެސް މަޢާފު ނުކުރެވޭ ފަދަ އެއްވެސް ޙާލެއް ނާންނާނެކަން ގައިމެވެ.
މަޢާފުކުރުމާއި މަޢާފަށް އެދުމަކީ އިސްލާމްދީނުގެ ރިވެތި އާދަތަކުން ހިމެނިގެންވާ ކަމެކެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ މަޢާފަށް އެދުމަކީ އެއީ ވަރަށް ދަށު ދަރަޖައިގެ ޢަމަލެއްގެ ގޮތުގައި އެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ؟ މަޢާފު ކުރުމާއި އަދި މަޢާފަށް އެދުމަކީ ތިމާގެ ޤަދަރު އެހެން މީހުން ކުރިމަތީގައި އުފުލޭ ކަމެކެވެ.
މަޢާފަށް އެދެން ޖެހޭ ޙާލަތްތަކުގައި މަޢާފަށް އެދޭށެވެ. ނޫނީ ވަގުތުފާއިތު ވެދާނެއެވެ. އަދި މީހަކު މަޢާފަށް އެދުމުން އޭނާއަށް އަވަހަށް މަޢާފު ކޮށްދޭށެވެ. ފަހަރުގައި މަޢާފުކުރުމަށް ތިމާ ލަސްކޮށްފިނަމަ މާދަން ތިބާގެ އަރިހުން މަޢާފަށް އެދެން އޭނާ ނުހުރެދާނެއެވެ. މިހެން މިކަން ވެއްޖެ ނަމަ ތިމާ ދުނިޔޭގައި އުޅެން ޖެހޭނީ ހާދަހާ ބޮޑު ހިތާމައަކާއި އެކުއެވެ.
މަޢާފަށް އެދުނު މީހާ މަރުވުމުން މޫނު ބަލަން ތިމާއަށް ކެތްވާނެ ހެއްޔެވެ؟ އެދުވަހުން ތިބާ މަޢާފު ކޮށްފީމޭ ބުނިކަމުގައި ވީނަމަވެސް އެއަޑު އަހަން އޭނާ އަކަށް ނީވޭނެއެވެ. އޭނާގެ މޫނުމަތީގެ ހިނިތުންވުން ކިތަންމެ ބަލަން ބޭނުންވި ނަމަވެސް ދެން އެ ހިނިތުންވުމެއް ނުފެންނާނެއެވެ.
ވީއިރު ދުނިޔޭގައި ތިބާ ދިރިއުޅެމުން އަންނަ އިރުގައި ޖެހޭ އެކި ކުދިކުދި މައްސަލަ ތަކުގެ ސަބަބުން އާއިލާގެ ކިތައް މީހުން ގުޅުން ކަނޑާލާ ހިސާބަށް ގޮސްފައި އެބަހުރި ހެއްޔެވެ؟ އެހެން ނަމަވެސް މަޢާފަށް އެދޭނެ އަދި މަޢާފު ކުރާނެ މީހަކު ނެތުމުން މިފަދަ ކަންކަން ވެސް މިހާރު އަޅުގަނޑުމެންގެ މުޖުތަމަޢުން މަދުން ނަމަވެސް ފެނެއެވެ.
އާދޭހެވެ. މަޢާފުކުރުމާއި މަޢާފަށް އެދުމަކީ ތިމާގެ ހިތަށްވެސް ލުއިކަން ގެނެސްދޭ ރިވެތި އާދައެކެވެ. މީހުންގެ ލޯބި ތިމާއަށް ޓަކައި ލިބޭ މާތް ސިފައެކެވެ. ވީއިރު މަޢާފުކުރުމަށާއި މަޢާފަށް އެދުމަށް ތިމާ ލަދުގަންނަންވީ އެއްވެސް ސަބަބެއް ނިކަން ބުނެދީ ބަލާށެވެ. ހަނދާން ކުރާށެވެ. މަޢާފާށް އެދުމުން މަޢާފު ކުރާށެވެ. އެހެނީ މާދަމާ މާފަށް އެދެން އޭނާ ނުހުރެދާނެއެވެ.