އިގްތިސާދު ކުރިއަރުވާނެ ގޮތުގެ ސިޔާސަތެއް ރިޔާސީ ބަޔާނަކު ނެތް: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ރާއްޖޭގެ އިގްތިސާދު ހިންގާނެ ގޮތުގެ ޕްލޭނެއް ނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށާއި، ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސް ކޮށްލައިފި ކަމަށް ރަައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ މެންބަރު ނާޒިލް ވިދާޅުވީ މި ސަރުކާރަށް ވާރުތަވީ ދުޅަހެޔޮ އިގްތިސާދެއް ކަމަށެވެ. ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ ފަތުރުވެރިކަންވެސް އިންތިހާއަށް ރަނގަޅު ކަމަށް ނާޒިލް ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ގޮތުން ދިމާވި ބޮޑެތި ކަންކަމާ ގުޅިގެން މިދިޔަ ސަރުކާރުން ދަރަނި ނަގަން ޖެހުނު ކަމަށާއި އެކަމަކު އެމްޑީޕީން އެކަން ކުރީ ޒިންމާދާރުކޮށްކަން ފާހަގަކޮށް ނާޒިލް ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރަނީ އެއްވެސް ޕްލޭނެއް ނެތި ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ވިދާޅުވެ ނާޒިލް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެގޮތުން ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް އުފުލި ރައްޔިތުން ބިކަވެއްޖެކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ އިގްތިސާދީ ހާލަތު ދަށްވުމުގެ ސަބަބުން ވިޔަފާރިތައްވެސް ފުނޑިފައިވާ ކަމަށެވެ.
އިތުރު ތަފްސީލު ދެއްވަމުން މައިނޯރިޓީ ލީޑަރު ރިޔާސީ ބަޔާނަށް ދެއްވި ޖަވާބުގައި ވިދާޅުވީ އުމްރާނީ މަސައްކަތްތައް ހުއްޓި ޑޮލަރު ހޯދުންވެސް އިންތިހާއަށް ދަތިވެފައިވާ ކަމަށެވެ. މިހާރު ޑޮލަރު ހޯދުމަކީ މާވާހަރެއް ހޯދުން ފަދަ ކަމެއްގެ ގޮތުގައި ނާޒިލް ސިފަކުރެއްވި އެވެ.
"ގައުމުގެ އަދުގެ ހާލަތާ ރިޔާސީ ބަޔާނާ އެއްވެސް ގުޅުމެއް ނެތް. ރިޔާސީ ބަޔާނުން ރައްޔިތުން އިތުރަށް މާޔޫސްކޮށްފި. އިގްތިސާދީ ނުވަތަ މާލީ ކަންކަން ހާމަކުރާނެ ހިންގާނެ ސިޔާސަތެއް ރައީސް މުއިއްޒުގެ ބަޔާނަކުން ނުދޭ" އިދިކޮޅުން ތުހުމަތުކުރި ގޮތުގައި މި ފަހަރުގެ ރިޔާސީ ބަޔާނަކީ އެންމެ އޮޅުވާލުން ބޮޑު ބަޔާނުގެ ގޮތުގަ އެވެ.
ރިޔާސީ ބަޔާނުގެ ޖަވާބުގައި ފާހަގަކުރެއްވި އިތުރު ކަންކަން:
- މާލީ ރިފޯމް އެޖެންޑާ ސަރުކާރުން ހުއްޓާލުން
- ސަރުކާރުން ފާސްކުރި ބަޖެޓާ ރައީސް މުއިއްޒުގެ ވާހަކަފުޅާ ދިމާނުވުން
- ސިޔާސީ މުވައްޒަފުންގެ އަދަދު ސިއްރު، މަދުކުރި ކަމުގެ ހެއްކެއް ނުދެއްކޭ
- ސަރުކާރުން މައުލޫމާތު ހޯދަން ހުށަހެޅި އާރްޓީއައިތަކަށް ޖަވާބު ނުދެވޭ
- ބޮޑު ހަރަދުކޮށްގެން ޑްރޯންތައް ގަތުން، ޑްރޯންގެ ބޭނުމެއް ނުހިފޭ
- ސަރުކާރުން ބުނި ނަމަވެސް ޑޮލަރުގެ އަގު ދަށެއް ނުވި
- މަސްވެރިންނަށް ސަރުކާރުން ވި ވައުދުތަކާ ހިލާފުވުން
ނާޒިލް މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި އެއްކަމަކީ ވެވަޑައިގެންނެވި ވައުދާ ރައީސް މުއިއްޒު ހިލާފުވެފައިވާ ކަމަށެވެ.
ނާޒިލް ރިޔާސީ ބަޔާން އިއްވަމުން ދިޔައިރު ސަރުކާރަށް ނިސްބަތްވެވަވަޑައިގަންނަވާ މެންބަރުން ގެންދިޔައީ އަޑުގަދަކުރައްވަމުންނެވެ. އެ މެންބަރުން މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަން ރިޔާސަތުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.