ރާއްޖެ-އިންޑިއާ ކާގޯ ފެރީގެ ޚިދުމަތް ފަށައިފި
ރާއްޖެއާއި އަވަށްޓެރި އިންޑިއާ އާއި ދެމެދު ޤާއިމު ކޮށްފައިވާ ކާގޯ ފެރީގެ ޚިދުމަތް މިއަދު ފަށައިފިއެވެ.
އެގޮތުން މިޚިދުމަތުގެ ފުރަތަމަ ދަތުރު އިންޑިއާގެ ފަރާތުން އިފްތިތާޙް ކޮށްދިނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޝިޕިން (އިންޑިޕެންޑެންޓް ޗާޖް)، ޝްރީ މަންސުޚް އެލް މަންޑަވިޔާ އެވެ. އަދި ރާއްޖޭގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓަރ އައިޝަތު ނަހުލާ އެވެ.
ވާޗުއަލްކޮށް ބޭއްވި މި ރަސްމިއްޔާތުގައި ޓުޓިކުރިން އަދި ކޮޗިން ބަނދަރު ތަމްސީލް ކުރާ ފަރާތް ތަކުގެ އިތުރުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އަދި ދިވެހި ފޮރިން މިނިސްޓްރީ ގެ އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
ޝިޕިން ކޯޕޮރޭޝަން އޮފް އިންޑިއާ (އެސް.ސީ.އައި) އޮޕަރޭޓް ކުރާ ކާގޯ ފެރީ އުޅަނދު އެމް.ސީ.ޕީ ލިންޒް އިންޑިއާގެ ޓުޓިކުރިން އަދި ކޮޗިންގެ ބަނދަރާއި ރާއްޖޭގެ ކުޅުދުއްފުށި އަދި މާލޭ ބަނދަރާ ގުޅުވައިދޭނެއެވެ. މި އުޅަނދު 26 ސެޕްޓެމްބަރ ގައި ކުޅުދުއްފުށީގައި އަދި 28 ސެޕްޓެމްބަރ ގައި މާލޭގައި ބަނދަރު ކުރާނެކަމަށް ލަފާކުރެވެއެވެ.
380 ޓީ.އީ.ޔޫ އަދި 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯ ބަރުދަން އުފުލޭ އެމް.ސީ.ޕީ ލިންޒް ގެ ދަތުރުތަކުގެ "ޓާން އަރައުންޑް ޓައިމް" އަކީ 10-12 ދުވަސް ކަމަށާއި ރިފްރިޖަރޭޓް ކުރެވިފައި ހުންނަ ކޮންޓެއިނަރު އުފުލުމަށްޓަކާ މި އުޅަނދުގައި ރީފާ ޕްލަގްސް ހުންނާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އުޅަނދުގެ ސަބަބުން އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައި ފުރަތަމަ ފަހަރަށް ސީދާ ކާގޯ ކަނެކްޓިވިޓީ ގާއިމް ވެގެންދާ ކަމަށާއި އަދި ދެގައުމުގެ ވިޔަފާރިވެރިން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.