ދިވެހި ދިދަ އަގު ކުރަނީ ލައްޑޫއާއި ކުކުޅު ބިހަކުން ނޫން: ސައީދު

ދިވެހި ދިދަ އަގު ކުރަނީ ލައްޑޫއާއި ކުކުޅު ބިހަކުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ގޮވައިލައްވައި، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ސައީދުގެ ވާހަކައިގައި ނުރައްކާތެރި އެއްބަސްވުންތަކުގައި ސޮއިކޮށްގެން، ގައުމުގެ މިނިވަންކަން ނުރައްކަލުގެ ތެރެއަށް ހުށަހަޅައިފައި އޮތް އޮތުން، ކުށްވެރި ކުރުމަށް ޓަކައި ކޮންމެ ދިވެހި ރައްޔިތަކު ވެސް، ނުކުމެ އަޑު އުފުލަން ޖެހިފައިވާ ކަމަށެވެ.
މިއީ ގައުމީ ވާޖިބެއް ކަމުގައި ވެސް ސައީދު ވަނީ ސިފަކުރައްވައިފައެވެ.
ސައީދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެކަމަނާއަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީއަށް ފައިން އެރުއްވި ކަނބަލެއްކަން ފާހަގަކުރައްވައިފައެވެ.
"ސިފައިންނަށް ފިނދަނައަށް ގޮވައި، ގާނޫނު އަސާސީއަށް ފައިން އެރި ބަޔަކު، ރާއްޖޭގެ މިނިވަންކަމާ އިސްތިގްލާލު ކޮމްޕްރޮމައިޒްކޮށް، ގައުމީ ސަލާމަތަށް އިންތިހާއަށް ނުރައްކާވާނެ އެތައް ކަމެއް ކޮށްގެން، މިއަދު ތިބިތިބުން، ކުށްވެރި މިކުރަނީ ހަރު އަޑުން." ސައީދު ވިދާޅުވިއެވެ.ސައީދު ވިދާޅުވި ގޮތުގައި، ދޯސާއާއި ލައްޑޫއާއި، ބޮޑު ހިލައިން ދިވެހި ދިދަ އަގު ނުކުރެވޭނެއެވެ. އޭނާ ވިދާޅުވީ ދިވެހި ދިދަ އަގު ކުރަނީ ކާބަފައިން އެ ދިދައަށް ދިން އަގާއި އެ ދިދައަށް ކުރި ސަލާމާއި، ދިދައިގެ ހުރުމަތް ދެމެހެއްޓި ދެމެހެއްޓުމުން ކަމަށެވެ.






ކޮމެންޓް