ޚަބަރު ރައްޔިތުންގެ މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފައިސާ އާ މެދު އިހުމާލުވާތީ ހުށަހެޅި މައްސަލަ ބަލައިނުގަތް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމުގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އިހުމާލުވެފައިވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

Ads by STELCO

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ޒިންމާ އޮތް މުއައްސަސާތަކުން ވަމުންދާ އިހުމާލު ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މައްސަލަ ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި އެކުލަވާލާފައި އޮންނަކަން ފާހަގަކުރައްވާފަ އެވެ.

އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާއި ރާއްޖެއިން ބޭރުގައި ދިރިއުޅެމުންދާ އެފަދަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމުކުރާ ހާއްސަ ރައްކާތެރިިކަމާއި މާލީ އެހީ އަދި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާ އާއި ކަމާ ގުޅުންހުރި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިއަދުގެ ޖަލްސާގައި ކުޑޫ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމީ 44 މެމްބަރުންގެ ވޯޓާ އެކުގަ އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެެއްވީ 12 މެމްބަރުންނެވެ.

މައްސަލައިގައި ބުނީ 2019 ވަނަ އަހަރުގެ ތެރޭގައި ތެރަޕިއުޓިކް ހިދުމަތްތައް ސަރުކާރުގެ އެހީގައި ހިލޭ ލިބޭނެ ގޮތް ތައާރަފުކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ފާއިތުވެދިޔަ އަހަރު ދުވަހުގެ މުއްދަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭން ޖެހޭ ތެރަޕީ ފީ ސަރުކާރުން ދެމުން ގޮސްފައި ނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ތެރަޕީ ނެގުމަށް ދައްކަން ޖެހޭ ފައިސާ، ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކުގެ އަމިއްލަ ފައިސާއިން ހަރަދުކުރަން ޖެހިފައިވާ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނަ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ފާހަގަކުރެއްވި ގޮތުގައި އެފަދަ އާއިލާތަކުގެ މެދުގައި ތެރަޕީ ސެންޓަރުތަކުގެ ކިއު ދިގުވުމާއި ތެރަޕީގެ އަގު ބޮޑުވަމުން ދިއުމާއި އެކަށީގެންވާ އަދަދަކަށް ތެރަޕިސްޓުން ނެތުމުގެ ސަބަބުން ތެރަޕީގެ ފަރުވާ ބޭނުންވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ފަރުވާއިން މަހުރޫމުވަމުންދާ ކަމުގެ ކަންބޮޑުވުން އޮތް ކަމުގަ އެވެ.

އޭގެ އިތުރުން އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި ސިއްހީ އެކިއެކި އާލަތްތައް ރާއްޖޭގެ ބޭސް ފިހާރަތަކުން ނުލިބޭތީ އާއިލާތަކަށް ތަކުލީފުތައް ތަހައްމަލުކުރަން ޖެހިފައިވާ ކަމަށް ކުޑޫ ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ހިދުމަތްތައް ހޯދުމުގައި ދިމާވަމުންދާ މައްސަލަތަކާއި ކަމާ ބެހޭ ފަރާތްތަކުން ވަމުން އަންނަ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށްވެ، ސިއްހީ ގޮތުންނާއި ނަފުސާނީ އަދި ޖިސްމާނީ ގޮތުން އިއާދަނުކުރެވޭވަރުގެ ގެއްލުންތައް އެ ފަރާތްތަކަށާއި އާއިލާތަކަށް ލިބެމުންދާކަން މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.

ކުޑޫ ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިންނަށް ގާނޫނުތަކުންނާއި އިންސާނީ ހައްގުތަކާއި ކުޑަކުދިންނާ ބެހޭ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ލިބޭނެ މަގުފަހިކޮށްދިނުމަކީ ދައުލަތުގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގަ އެވެ.

ކަމާ ބެހޭ އިދާރާތަކުން ވަމުންދާ އިހުމާލުތަކާއި މައްސަލަތައް ހައްލުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، މުޖުތަމައުގައި ހާއްސަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް އެކަށީގެންވާ ހިދުމަތްތަކާއި އެހީތެރިކަން ލިބިދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ކުޑޫ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގޮވާލައްވާފަ އެވެ.