ތަސައްވުރަކީ އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުން: ރައީސް

މި ސަރުކާރުގެ ތަސައްވުރަކީ ޑިޖިޓަލް އިގުތިސޯދީ ބަދަލަކުން ހަކަތަ ލިބިފައިވާ އިސްލާމިކް ފައިނޭންސްގެ މައި މާލީ މަރުކަޒަކަށް ރާއްޖެ ހެދުން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނުގެ މި ތަސައްވުރު ހިއްސާކުރައްވާފައި ވަނީ މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވް (މިސްފީ) އިފުތިތާހުކުރުމަށް މިއަދު ކުުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މި އިނީޝިއެޓިވްގެ ހިޔާލު އުފަންވެފައި ވަނީ ކުރިއަށް އޮތް ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސްޓްރެޓަޖީން ކަމަށެވެ. އިފުތިތާހުކުރި އިނީޝިއެޓިވްއަކީ ގައުމީ ތަރައްގީގެ އެޖެންޑާ ކުރިއެރުވުމަށް އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ.
ދިވެހިންގެ ޝަހްސު ބިނާވެފައި ވަނީ އޯގާތެރިކަމާއި އަދުލުވެރިކަމާއި އިޖުތިމާއީ ހަމަހަމަކަން ފަދަ ދިރުންހުރި ގިޔަމުތަކުގެ މަތީގައިކަން ފާހަގަކުރައްވައި، މި އިނީޝިއެޓިވުން ނަގަހައްޓަން އުންމީދު ކުރައްވާ އިސްލާމިކް ސޯޝަލް ފައިނޭންސްގެ އަސާސްތަކަކީ ވެސް އެއީ ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއެޓިވް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ:ރައީސް އޮފީސް
މުޖުތަމައަށް ބޭނުންވާ ތަފާތު ކަންކަން ފުއްދައިދިނުމަށް ކުރާ މަސައްކަތުގައި މަދަނީ ޖަމާއަތްތަކާއި މާލީ ދާއިރާ އާ ދެމެދު އޮންނަން ޖެހޭ ގުޅުންތަކަށް މަގުފަހިކޮށްދިނުމުގައި މި އިނީޝިއެޓިވުން މުހިންމު ދައުރެއް އަދާކުރާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ ނޭޝަނަލް މާސްޓަ ޕްލޭން އެންޑް ރޯޑްމެޕް ފޯ އިސްލާމިކް އިކޮނޮމީޒް އެންޑް ފައިނޭންސް އެކުލަވާލުމުގެ މަސައްކަތް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާ އެކު ކުރިއަށްދާކަން އިއުލާނު ކުރައްވަމުންނެވެ. ރާއްޖޭގައި ގާއިމުކުރާ އިސްލާމިކް ފައިނޭންސް އާއި ޑިޖިޓަލް އިނޮވޭޝަންގެ ޝާމިލު ވެށި، މި މާސްޓަ ޕްލޭނުން އަންގައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. މިކަމަށް ބޭނުންވާ ގާނޫނީ އެއްބާރުލުން ދިނުމުގެ ގޮތުން ގާނޫނީ އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އެ ރަސްމިއްޔާތުގައި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްލާމިކް ސޯޝަލް ފައިނޭންސް ދިރާސާ ރިޕޯޓު ވެސް ރައީސް ވަނީ އިފުތިތާހުކޮށްދެއްވާފަ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އެމަނިކުފާނަށް "ކޮމިޓްމަންޓް ލެޓަ" އަރުވާފަ އެވެ.