ވިޔަފާރި

އަގުހެޔޮކޮށް ބޭސް ގެންނަން އިންޑިއާ ކުންފުންޏަކާއެކު އެސްޓީއޯއިން އެއްބަސްވުމެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް އިންޑިއާގެ ކުންފުންޏަކާއެކު އެސްޓީއޯއިން ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

Ads by STELCO

އެސްޓީއޯއިން ސޮއިކުރީ އިންޑިއާ ސަރުކާރުގެ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއާ ލިމިޓެޑް އާއެކު އެެވެ. އެއީ އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން އެ ބޭސްތައް ގެންނަ ގޮތަށެވެ.

މިފަހުން ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ އިރު އެ އެއްބަސްވުމުގެ ދާށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެކަމަށް އެސްޓީއޯއިން ބުންޏެވެ.

"މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭހުގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދެވިފަވާއިތު، އެޗްއެލްއެލް އާއެކު މި އައު ޕާޓްނަރޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އަދި ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވަިދުތަކާއި އެއްގޮތަށެވެ."އެސްޓީއޯއިން ބުންޏެވެެ.

އެޗްއެލްއެޗްއިން ވަނީ ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ވެސް  އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ހާލަތު ދަތިވެފައިވާ ވަގުތެއްގައި އިތުބާރުހުރި އަދި ވަގުތަށް ހިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައި ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ މި ކަނެކްޓްކުރެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިންއާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

ބައެއް ބޭސްތައް މި ފަހުން އައިސް ލިބުމުގައި ދަތިވީ އާސަންދަ މެދުވެރިކޮށް ބައެއް ބޭސްތައް ވިއްކުމުގެ އަގު ކޮންޓްރޯލް ކުރުމުން ބައެއް ވިޔަފާރިވެރިން ގަސްދުގައި އެ ބޭސްތައް އެތެރެކުރުން ހުއްޓާލުމުން އެސްޓީއޯއަށް އެ ބޭސްތައް އެކަށީގެންވާ ވަރަށް އެތެރެ ނުކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.