ޚަބަރު ރައްޔިތުންގެ މަޖިލިސް

ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް ނާޒިމް އިނގިރޭސިވިލާތަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ނައިބު ރައީސް ނާޒިމް: ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކަށް އިނގިރޭސިވިލާތަށް ވަނީ ވަޑައިގެންފައި / ފޮޓޯ:މަޖިލިސް

ކޮމަންވެލްތް ޕާލަމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ގެ އެގްޒެކެޓިވް ކޮމިޓީގެ މި އަހަރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހްމަދު ނާޒިމް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

Ads by STELCO

މަޖިލިހުން ބުނީ ސީޕީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އޭޝިއާ ސަރަހައްދު ތަމްސީލު ކުރައްވާ މަންދޫބުގެ ހައިސިއްޔަތުން ނާޒިމް ބައިވެރިވެވަޑައިގަންނަވާ އެ ބައްދަލުވުން އޮންނާނީ ހޯމަ އާއި އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ކަމަށެވެ.

މިފަހަރު ބޭއްވޭ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމަކީ ސީޕީއޭގެ ގާނޫނީ ހައިސިއްޔަތު މި އަހަރުގެ ތެރޭގައި ބަދަލުވާތީ އެކަމާ ގުޅޭ އެންމެފަހުގެ ނިންމުންތައް ނިންމުމާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް މަޖިލިހުން ބުންޏެވެ.

ސީޕީއޭ 1911 ވަނަ އަހަރު އުފައްދައި، މިހާތަނަށް ހިންގަމުން ގެންގޮސްފައި ވަނީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތެއްގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކޮށް، މި އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އިނގިރޭސިވިލާތުގެ ރަސްގެފާނު ރުހުންދެއްވި ގާނޫނަކުން، ސީޕީއޭގެ ގާނޫނީ ހައިސިއްޔަތު ބައިނަލްއަގުވާމީ ޖަމާއަތަކަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ހައިސިއްޔަތުން ގާނޫނީ ބާރު ލިބިދޭ އިތުރު ގާނޫނެއް މި އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިހުން ފާސްކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގާނޫނު ފާސްވުމަށް ފަހު ސީޕީއޭގެ ސެކްރެޓޭރިއެޓަށް އދ. ގެ އާންމު މަޖިލިސް އިންޓަ-ޕާލަމެންޓަރީ ޔޫނިއަން (އައިޕީޔޫ) ގެ ހަރަކާތުގައި ބައިވެރިވުމުގެ ހައިސިއްޔަތު ލިބިގެންދާނެ އެވެ.

މަޖިލިހުގެ ނައިބު ރައީސްގެ މި ޒިޔާރަތުގައި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގެ ރައީސް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މަޖިލިހުން ބުންޏެވެ.