ޚަބަރު ރައްޔިތުންގެ މަޖިލިސް

ލޯނު ދައްކަނީ 40 އިންސައްތަ ދަރިވަރުން، ފައިސާ ހޯދުމަށް ގޮތްތަކެއް ރާވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަޖިލިހުގެ ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވާހަކަ ދައްކަވަނީ / ފޮޓޯ:މަޖިލިސް

މަތީ ތައުލީމު ހާސިލުކުރަން ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ބަރާބަރަށް ފައިސާ ދައްކަމުން ދަނީ 40 އިންސައްތަ ދަރިވަރުން ކަމަށާއި ދައުލަތަށް ނުލިބިވާ ފައިސާ ހޯދުމަށް މަޝްވަރާކޮށް ގޮތްތަކެއް ރާވަމުން އަންނަ ކަމަށް ހަޔާ އެޑިއުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ހަޔާ އެޑިއުކޭޝަން މިނިސްޓަރު އެހެން ވިދާޅުވެފައި ވަނީ ސްޓޫޑެންޓް ލޯނު ސްކީމާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ދެއްކެވި ވާހަކައިގަ އެވެ.

ކުޑޫގެ ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބާ ގުޅިގެން އިތުރު ސުވާލަށް ހުޅުވާލި ފުރުސަތުގައި ފުވައްމުލަކު ދެކުނު ދާއިރާގެ ކޮންގްރެސް ޕާޓީގެ މެމްބަރު އިބްރާހީމް ހުސައިން ވަނީ ދަރިވަރުންގެ ލޯނަށް މިހާތަނަށް ހޭދަކޮށްފައިވާ އަދަދާއި ދޫކޮށްފައިވާ ލޯނަށް ބަރާބަރަށް ފައިސާ އަދާކުރަމުންދޭތޯ ސުވާލު ކުރައްވާފަ އެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވީ މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ލޯނު ފައިސާގެ ގޮތުގައި 157 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ލޯނަށް އަނބުރާ ފައިސާ ދެއްކުމުގައި ބޮޑެތި މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"40 ޕަސެންޓް ވަރު އަނބުރާ ދައްކަނީ [ލޯނު] އިނގޭތޯ. އެހެންވީމާ އެކަމާ ބެހޭ ގޮތުން ވެސް ދައުލަަތަށް ލިބެންވާ ފައިސާ އެއީ. ލިބެންވާ ފައިސާ ހޯދުމަށް ކުރަން ޖެހޭ ކަންތައްތަކަށް މަޝްވަރާކޮށް، އަޅުގަނޑުމެން އެއަށް ގޮތެއް ނިންމާނަން. ވަރަށް އަވަހަށް އަޅުގަނޑުމެން ވާނީ އެކަމަށް މަސައްކަތް ކުރަން ފަށާފައި،" ހައިދަރު ވިދާޅުވި އެވެ.

މަތީ ތައުލީމާއި ތަމްރީނު ހާސިލުކުރާ ދަރިވަރުންނަށް ކޮންމެ އަހަރަކު ވެސް ލޯނު ދޫކުރަމުން އަންނައިރު، އެ ފައިސާ ދޫކުރަނީ ކޮންމެ ހަ މަހަކުންނެވެ. ލޯނަށް ފައިސާ ދައްކަން ފަށަން ޖެހެނީ ކިޔަވާ ނިންމުމަށް ފަހު ހަ މަސް ދުވަސް ފަހުންނެވެ.

Ads by Ooredoo