މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބާއްވަން ބޭނުންވާ ރަށްތަކަށް ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތައް ބޭއްވުމަށް ބޭނުންވާ ރަށްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކޮށް، އެ މީހުންގެ މަސައްކަތްތަކަށް ތަރުހީބު ދިނުމުގެ މަގުސަދުގަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ދުވަހުގެ އިހުތިފާލުތައް ބާއްވާނެ ރަށްތައް ނިންމާއިރު، ކަނޑައަޅާފައިވާ ކަންތައްތަކަށް ބަލާނެ ކަމަށެވެ. އެގޮތުން އެ ރަށަކީ ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއް އެ އަހަރަކު ފާހަގަކުރާ ރަށަކަށް ނުވުމާއި މުނާސަބަތުތައް ބޭއްވުމަށް އެ ރަށެއްގެ ރައްޔިތުން ޝައުގުވެރިވާ މިންވަރު ބަލާނެ ކަމަށެވެ.
އަދި އުމްރާނީ ގޮތުން ރަށަށް އައިސްފައިވާ ކުރިއެރުންތަކުގެ ތަފުސީލާއި އަތޮޅުގެ އެހެން ރަށްރަށުގެ ބައިވެރިވުން ހޯދުމަށް ހުށަހަޅާފައިވާ ދެނެގަންނާނެ ކަމަށެވެ. އޭގެ އިތުރުން ދުވަހާ ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް މެހެމާންދާރީ އަދާކުރުމުގެ އިންތިޒާމުތައް ރޭވިފައިވާ ގޮތާއި އެކަން ކުރުމުގެ ގާބިލުކަން ހުރި ނެތް މިންވަރު ވަޒަންކުރާނެ ކަމަށެވެ.
ރަށަށް ޒިޔާރަތްކުރާ މެހެމާނުން ތިބުމަށް ހަމަޖައްސާ އިންތިޒާމުތަކާ އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ ރަށަކުން ކުރުމަށް ހުށަހަޅާ ކަންކަމަށް އެ މިނިސްޓްރީން ބަލާނެ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރަށެއް ކަނޑައެޅުމުގައި އެ ރަށަކީ މަސްވެރި ރަށެއްތޯ ބަލާނެ ކަމުގަ އެވެ. މަސްވެރި ރަށެއް ކަމުގައި ބެލުމުގައި އެ ރަށެއްގައި ރަޖިސްޓްރީ ކޮށްފައިވާ މަސްވެރިންނާއި މަސްވެރި އުޅަނދުފަހަރުގެ އަދަދަށް ބަލާނެ ކަމުގަ އެވެ.
މަސްވެރިންގެ ދުވަސް މީގެކުރިން ބާއްވާފައިވާ ރަށެއްގައި ދެ ވަނަ ފަހަރަށް އެ ދުވަސް ބޭއްވުމަށް އެދިފައިވާ ނަމަ، އެ ރަށެއްގައި މަސްވެރިންގެ ދުވަސް ފާހަގަކުރިތާ ފަސް އަހަރު ވެފައި ވާން ޖެހޭނެކަން ވެސް ފާހަގަކުރި އެވެ.
އެ މިނިސްޓްރީން ވަނީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދޭ ފޯމު އަންނަ މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 ކުރިން ގަވަމަންޓް އީ ލެޓަ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
ކަމާ ގުޅިގެން މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން މިނިސްޓްރީގެ ނަމްބަރު 3339274 އަށް ގުޅުމަށް ފިޝަރީޒް މިނިސްޓްރީން އެދެ އެވެ.
