ނައިބު ރައީސް އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރުގެ މަގާމު އަދާކުރައްވާ ރިޗާޑް މާލްސް އާ ބައްދަލުކުރައްވައިފި އެވެ.
ރަސްމީ ދަތުރެއްގައި ރިޗާޑް ރާއްޖެ ވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއަށް މަރުހަބާ ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނުގެ އިތުރުން ފޮރިން މިނިސްޓްރީ އާއި ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައިކޮމިޝަނާ އަދި އެމްއެންޑީއެފްގެ އިސްވެރިންނެވެ.
ނައިބު ރައީސް ވަނީ މިއަދު ހެނދުނު ރިޗާޑް އާ ބައްދަލުކުރައްވާފަ އެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ސަލާމަތީ ގޮތުން ގުޅުންތައް ވަރުގަދަ ކުރުމާއި ޓޫރިޒަމް ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އަދި ތިމާވެށި ހިމާޔަތް ކުރުމާއި މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ ކަންކަމަށް އަލިއަޅުއްވާލެއްވި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ވަނީ ރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރުމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމުގަ އެވެ.