ޚަބަރު ދީން

އެކަކު އަނެކަކަށް އެހީތެރިވެ، އަޅައިލުމަކީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް: ހުތުބާ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނަމާދަށް ހާޒިރުވެ ތިބި ބައެއް: ހުތުބާގައި ބުނީ އެކަކު އަނެކަކަށް އަޅައިލުމަކީ މުސްލިމުންގެ އީމާންކަމާ ގުޅިފައިވާ ކަމެއް ކަމަށް / ފޮޓޯ:އިސްލާމިކް މިނިސްޓްރީ

މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ، އެ މީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ ވާޖިބު ކަމެެއް ކަމަށާއި އެއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

Ads by STELCO

އެކަކު އަނެކަކަށް އެހީތެރިވުމުގެ މައްޗަށް އަލިއަޅުވާލައި ހުތުބާގައި ބުނީ މާތް ﷲ އިންސާނުން ހައްދަވާފައި ވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ކަމަށެވެ. އެކަކު އަނެކަކަށް އެހީތެރިކަމާއި މަދަދަށް ބޭނުންވާ ގޮތަށް ކަމަށެވެ. ކޮންމެ އިންސާނަކީ ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅާލުން ބޭނުންވާނެ މީހެއް ކަމަށެވެ. އެހެންކަމުން މުސީބާތާއި ތަކުލީފުގެ ވަގުތުގައި އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ.

"އެފަދަ ވަގުތުތަކުގައި އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުވައި، އަޅައިލުމަކީ އަހަރެމެންގެ މައްޗަށް ވާޖިބު ކަމެކެވެ. މިއީ އީމާންކަން ފުރިހަމަވުމުގެ ރަމްޒެކެވެ. މުއުމިނުންގެ ސިފަ އެކެވެ."

މި މުޖުތަމައުގައި އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ބަޔަކު ދިރިއުޅެމުންދާއިރު، އެފަދަ މީހުންނަށް އެހީތެރިވާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން ބަލައިލާން ޖެހޭކަން ފާހަގަކުރި އެވެ.

އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ތެލަސީމިއާ ކުދިންނާއި ޔަތީމު ކުދިންނާ އަދި އަޅައިލާނެ ބަޔަކު ނެތް ކުދިންނަށް އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށެވެ. އެ ކުދިންނަށް އެހީތެރިކަން ދޭން ޖެހޭ ކަމަށެވެ. އެ ކުދިންގެ ތެރޭގައި ހާއްސަ އެހީތެރިކަމާއި އަޅައިލުން ކޮންމެހެން ދޭން ޖެހޭ ކުދިންތަކެއް އެބަތިބި ކަމަށެވެ. އެ ކުދިންގެ ބެލެނިވެރިންގެ ތަކުލީފުތަކާއި އުދާސްތަކުގައި ބައިވެރިވާން ޖެހޭ ކަމަށެވެ. އެއީ ތެލަސީމިއާ ކުދިން ކަމަށާއި އެ ކުދިންނަކީ ވެސް އަހަރެމެންގެ މުޖުތަމައުގެ އެއްބައި ކަމަށެވެ.

"އެ ކުދީން ވެސް އުފާވެރި ދިރިއުޅުމެއް އުޅެން ބޭނުންވެ އެވެ. އެ ކުދީން އާދޭސްކުރަމުން އެ ދަނީ އަހަރެމެން ހަދިޔާކުރާ ލޭތިއްކަކަށެވެ. ނުވަތަ އަހަރެމެން ސަދަގާތް ކުރާ ފައިސާފޮއްޗަކަށެވެ. މިގޮތުން ހަދިޔާކުރާ ކޮންމެ ލޭތިއްކަކީ، ﷲ ގެ މަގުގައި ކުރެވޭ ސަދަގާތެކެވެ. ފުރާނައަކަށް ދިރުން ދިނުމަށް ޓަކައި ކުރެވޭ ގުރްބާނީއެކެވެ."

ހުކުރު ހުތުބާގައި ބުނި ގޮތުގައި އެހެން މީހުންނަށް އެހީތެރިވުމުގައި މާތް ނަބިއްޔާގެ އަސްހާބު ބޭކަލުންގެ ހަޔާތްޕުޅުން ގިނަގުނަ އިބުރަތް ލިބޭ ކަމުގަ އެވެ. އަހުވަންތަކަމާއި އެއްބަނޑުއެއްބަފާކަން މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ ގޮތް ދައްކުވައިދީފައިވާ ކަމުގަ އެވެ.

"ތިމާގެ އަމިއްލަ މަސްލަހަތާ އެކުމެ، އެހެން މީހުންނަށް އަޅައިލުމެވެ. ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެކެވެ. އެ ހަށިގަނޑު އުފުލަން ޖެހޭ ކޮންމެ ތަކުލީފެއްގައި، މި ގުނަވަން ވެސް ހިއްސާވާން ޖެހެ އެވެ."

މިއީ މުސްލިމުންގެ މިސާލު ކަމަށާއި އެކަކު އަނެކާ ދެމެދުގައި އޮންނަން ޖެހޭ އެއްބަނޑު އެއްބަފާކަން ކަމުގަ އެވެ. އެހެންކަމުން ކޮންމެ މީހަކު ވެސް އަނެކާއަށް އަޅައިލައި އެހީތެރިވުމަކީ، އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް ކަމުގަ އެވެ. އެފަދަ މީހަކަށް ﷲ ގެ ރުއްސެވުމާއި މަދަދު ލިބިގެންވާ ކަމުގަ އެވެ.

މިއަދުގެ ހުތުބާގައި ބުނީ އިސްލާމީ މުޖުތަަމައުގެ މީހުން ވާން ޖެހޭނީ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ކަމަށާއި އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވެ ހެޔޮކޮށް ހިތަން ޖެހޭ ކަމަށެވެ. އެކަކު އަނެކަކަށް އަޅައިލައި އޯގާތެރިވާން ޖެހޭ ކަމަށެވެ. މިކަމަކީ އިންސާނިއްޔަތުކަމުގެ އިތުރުން މުސްލިމުންގެ އީމާންކަމާ ވެސް ގުޅިފައިވާ ކަމެއް ކަމަށެވެ.

މުޖުތަމައުގެ އިޖުތިމާއީ ފޭރާން ރަނގަޅުވެ، އަމާން މުޖުތަމައެއް ބިނާ ކުރެވޭނީ އެ މުޖުތަމައެއްގެ މީހުން އެކަކު އަނެކަކާ އެކުވެރިވެ، އެއްބަނޑު އެއްބަފާ ބަޔަކަށް ވެގެން ކަމަށެވެ.

"އެކުވެރިކަމާއި އުހުއްވަތްތެރިކަމަކީ، ހިތުގައި އުފެދޭ ހަމްދަރުދީ އާއި ލޯބީގެ މާތް ޝުއޫރެކެވެ. އެއީ އެކަކު އަނެކަކަށް އެހީތެރިވެ، އޯގާތެރިވުމުގެ މައްޗަށް ބިނާވެގެންވާ ގުޅުމެކެވެ."

ތެދުވެރި އުހުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާކަމުގެ މަތިވެރި ގުޅުމުގެ ސަބަބުން އެހީތެރިވުމާއި އިހްސާސްތައް ދެނެގަތުމާއި އަމިއްލަ ނަފުސަށް ވުރެ އަނެކާއަށް އިސްކަން ދިނުމާ އަދި މާފުކުރުން ފަދަ ރީތި އަހުލާގީ ސިފަތައް އަށަގަންނަ ކަމަށެވެ. ވުމާ އެކު އިސްލާމްދީނުގައި އުހުއްވަތްތެރިކަމާއި އެއްބަނޑު އެއްބަފާ ކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާކަން މިއަދުގެ ހުކުުރު ހުތުބާގައި ފާހަގަކުރި އެވެ.

Ads by HDC