ޚަބަރު ވިޔަފާރި

ބޭރު ފައިސާ އާ ގުޅޭ އިސްލާހުތަކާ އެކު ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދަމަހައްޓައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލޭގެ ބާޒާރުމަތިން / ފޮޓޯ:ދެން އިމޭޖްސް

ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން 'ސީސީ' ގައި ދަމަހައްޓައިފި އެވެ.

Ads by STELCO

ފިޗުން ރާއްޖޭގެ ރޭޓިން ސީސީއަށް ދަށްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މިއަދު ނެރުނު ރޭޓިންގައި ފިޗުން ވަނީ ރާއްޖޭގެ ރޭޓިން ސީސީގައި ދަމަހައްޓާފަ އެވެ.

ރޭޓިން ދަމަހައްޓާފައި ވަނީ ދިވެހި ސަރުކާރުން ގެނައި މުހިންމު ބޭރު ފައިސާގެ އިސްލާހުތަކާ ގުޅިގެން ބޭރު ފައިސާގެ ރިޒާވް ފާހަގަކުރެވޭ ވަރަށް އިތުރުވެފައިވާތީ އެވެ.

ފިޗުގެ ނިންމުމުގައި ފަހަކަށް އައިސް ފެނިފައިވާ ރަނގަޅު ކުރިއެރުންތައް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޓޫރިޒަމްގެ ދާއިރާ ކުރިއަރައި، އިތުރުވަމުންދާ ބޭރު ފައިސާގެ ރިޒާވް އަދި ފިސްކަލް ސާޕްލަސް ހިމެނެ އެވެ. ރޭޓިން އޭޖެންސީން ވަނީ މެދު ރާސްތާގެ މާލީ އަދި ދަރަނީގެ ސްޓްރެޓެޖީތައް އެކުލަވާލުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވެސް ފާހަގަކޮށްފަ އެވެ.

މިދިޔަ އޭޕްރީލުގައި ރަސްމީ ރިޒާވް އެސެޓްސް 856.3 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފަ އެވެ. މިއީ ބޭރު ފައިސާގެ ލިކުއިޑިޓީ ވަރުގަދަވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މި ކުރިއެރުން އައިސްފައި ވަނީ ބޭރު ފައިސާ އާ ގުޅޭ ގާނޫނު ތަންފީޒު ކުރުމުގެ ސަބަބުންނެވެ.

އެ ގާނޫނުގެ ދަށުން ޓޫރިޒަމް އާ ގުޅުންހުރި ވިޔަފާރިތަކުން ވަކި އަދަދަކަށް ބޭރު ފައިސާގެ އާމްދަނީ ބަދަލުކުރަން ޖެހެ އެވެ. އޭގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ބޭންކުތަކުން ބަދަލުކުރަން ޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތައިން 90 އިންސައްތައަށް އިތުރުކޮށްފައިވެ އެވެ.

ރިޒާވް ބޭންކް އޮފް އިންޑިއާ އާއި އެމްއެމްއޭ އާ ދެމެދު ގާއިމުކުރެވިފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ބޭނުން ކުރުމަކީ ވެސް ބޭރު ފައިސާގެ ރިޒާވް ވަރުގަދަ ކުރުމަށް އެހީތެރިވެފައިވާ ކަމެކެވެ.

މި ފިޔަވަޅުތަކަކީ ރާއްޖޭގެ އިގުތިސޯދު ދެމެހެއްޓުމަށާއި ބައިނަލްއަގުވާމީ އިންވެސްޓަރުންނާއި ބައިވެރިންނަށް ފަހި މާހައުލެއް އުފެއްދުމަށް ސަރުކާރުން ގެންގުޅޭ އަޒުމާ އެއްގޮތްވާ ކަންކަމެވެ.

Ads by Ooredoo