އައު ޓާމިނަލްގެ އޮޕަރޭޝަނަށް ގެނައުމުގެ %65 މަސައްކަތް ނިންމީ އަދުގެ ސަރުކާރުން: އެމްއޭސީއެލް އެމްޑީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހިންގުމަށް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން 65 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައިވަނީ މިހާރުގެ ސަރުކާރުގެ ދައުރުގައި ކަމަށް އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު ވިދާޅުވެއްކެއެވެ
ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި އާ ޓަރމިނަލްގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން މުޖުތަބާ ފާހަގަކުރެއްވި ގޮތުގައި، 2016 ގައި އާ ޓަރމިނަލްގެ ބިންގާ އެޅި ނަމަވެސް، އޭގެ ފަހުގެ 8 އަހަރުގެ ތެރޭގައި ނިމިފައިވަނީ 50 އިންސައްތަ މަސައްކަތެވެ. އަދި ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ކޮންޓްރެކްޓަރަށް ދޭންޖެހޭ ފައިސާ ނުދެއްކުމުގެ ސަބަބުން މަސައްކަތް ވަނީ ހުއްޓިފައި ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އިމާރާތުގެ މަސައްކަތް ނިމުނު ނަމަވެސް، އޮޕަރޭޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުނު ކަމަށް މުޖުތަބާ ވިދާޅުވިއެވެ. 2023 ގެ ނޮވެމްބަރު މަހާ ހަމައަށް ނުނިމިހުރި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދައި، އެ މަސައްކަތްތައް މިހާރުގެ ސަރުކާރުން ދޮޅު އަހަރު ތެރޭގައި ނިންމާލާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޓަރމިނަލް ފިނިކުރުމުގެ ނިޒާމާއި، ކަރަންޓުގެ ޚިދުމަތާއި، ފެން ނިޒާމާއި، މަގުތައް ހެދުމުގެ އެއްވެސް މަސައްކަތެއް ކުރިން ނިމިފައި ނުވާއިރު، މި ހުރިހާ މަސައްކަތެއްވެސް ފެށި ކުރިއަށްދަނީ 2023 ގެ ނޮވެމްބަރުގެ ފަހުން ކަމަށެވެ. މީގެއިތުރުން، އެއަރޕޯޓަށް ބޭނުންވާ 4 ޖަނަރޭޓަރު އޮޕަރޭޝަނަށް ގެނައުމާއި، ފެނުގެ ޚިދުމަތް ގާއިމުކުރުމާއި، ފިއުލް ފާމް، ފަޔަރ ބިލްޑިންގ އަދި ކާގޯ ބިލްޑިންގގެ މަސައްކަތްތައްވެސް ނިންމާލެވިފައިވަނީ މިހާރުގެ ސަރުކާރުގެ ދައުރުގައި ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
