ބަންޑުންޖަހާލި ޑިންގީއަކުން ދަތުރުކުރި 2 މީހަކު ސަލާމަތްކޮށްފި

ބަންޑުންޖަހާލި ޑިންގީއަކުން ދަތުރުކުރި 2 މީހަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ގދ. މަޑަވެއްޔާ ދިމާލު ބޭރުން ދަތުރުކުރަމުންދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އަދި އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމް.އެން.ޑީ.އެފްގެ ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފް ގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް އެ ސަރަހައްދުން ފެނި އަނބުރާ މަޑަވެއްޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިންކަމަށް ފުލުހުން ވިދާޅުވިއެވެ.
އޮޔާދާކަމަށް ރިޕޯޓްކުރި ޑީންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލާފައި ވަނިކޮށް މިއަދު 11:04 އެހައިކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ޑިންގީގައި ދަތުރުކުރި ދެ މީހުން، ޑިންގީ މަތީގައި ސަލާމަތުން ތިބިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ. އަދި އެ ދެ މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ އެ ޑިންގީގައި ތިބީ 40 އަހަރާއި 66 އަހަރުގެ ދިވެހި ދެ ފިރިހެނުންކަމަށެވެ.
