ދުނިޔެ

އިންޑިޔާއިން ސާފު ހަކަތައިގެ ލަނޑުދަނޑި ކަނޑައެޅި މުއްދަތުގެ ކުރިން ހާސިލުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގެ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިޔާއިން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ސާފު ހަކަތައިގެ 50 ޕަސެންޓްގެ ލަނޑުދަނޑި، 5 އަހަރު ކުރިން ހާސިލުކޮށްފައިވާ ކަމަށް އިއުލާނުކުރައްވާފައެވެ. ރެޑް ފޯޓުގައި ދެއްކެވި ވާހަކަފުޅުގައި، މި ކާމިޔާބީއަކީ ދެމެހެއްޓެނިވި ތަރައްގީއާއި ހަކަތައިގެ ދާއިރާގައި އިންޑިޔާގެ އަމިއްލަ ފުދުންތެރިކަމަށް ކުރެވުނު މަސައްކަތުގެ ހެއްކެއް ކަމުގައި ފާހަގަކުރެއްވިއެވެ.

Ads by MPL

2021 ވަނަ އަހަރު ސީއޯޕީ26 ގައި އިންޑިޔާއިން ވަނީ "ޕަންޗަމްރިތް" ގެ ނަމުގައި ވައުދުތަކެއް ވެފައެވެ. މީގެ ތެރޭގައި 2030 ވަނަ އަހަރާ ހަމައަށް 500 ގީގަވޯޓްގެ ސާފު ހަކަތަ އުފެއްދުމާއި، 50 ޕަސެންޓް އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި، 1 ބިލިއަން ޓަނުގެ ވިހަ ގޭސް ބޭރުކުރުން މަދުކުރުން ހިމެނެއެވެ. އަދި 2070 ވަނަ އަހަރާ ހަމައަށް ވިހަ ގޭސް ބޭރުކުރުން ސުމަކަށް ގެނައުމަށްވެސް އަމާޒު ހިފާފައިވެއެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންޑިޔާގެ އިއާދަކުރަނިވި ހަކަތައިގެ ޖުމްލަ ކެޕޭސިޓީ ވަނީ 234.24 ގީގަވޯޓަށް އަރާފައެވެ. މީގެ ތެރެއިން އިރުގެ ހަކަތައިން އެކަނި 116.24 ގީގަވޯޓް އުފައްދައެވެ. މިއީ 2014 ވަނަ އަހަރު އުފެއްދި 2.82 ގީގަވޯޓާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ވައިގެ ހަކަތައިން 51.67 ގީގަވޯޓް އުފައްދާއިރު، ފެނުގެ ހަކަތައާއި ބަޔޯޕަވަރވެސް މުހިންމު ދައުރެއް އަދާކުރެއެވެ.

ސަރުކާރުގެ ޕީއެމް-ސޫރްޔަ ގަރް ސްކީމްގެ ދަށުން 75,021 ކްރޯރު ރުޕީސްގެ އިންވެސްޓްމަންޓެއް ކޮށް، 17 ލައްކަ ގޭބިސީއަށް އިރުގެ ހަކަތަ ފޯރުކޮށްދީފައިވެއެވެ. އަދި ޕީއެމް-ކުސުމް ޕްރޮގްރާމްގެ ދަށުން ޑީސަލް ޕަންޕުތައް އިރުގެ ހަކަތައިގެ ޕަންޕުތަކަށް ބަދަލުކޮށް، 6.6 މިލިއަން ޓަނުގެ ކާބަން ޑައިއޮކްސައިޑް ބޭރުކުރުން މަދުކުރެވިފައިވެއެވެ.

ކުރިއަށް އޮތް ތަނުގައި އިންޑިޔާއިން ވަނީ ގްރީން ހައިޑްރޮޖަން، އޮފްޝޯރ ވިންޑް އަދި ނިއުކްލިއަރ ހަކަތައިގެ ދާއިރާއަށް އިތުރަށް ފުޅާވުމަށް ރޭވިފައެވެ. ނޭޝަނަލް ގްރީން ހައިޑްރޮޖަން މިޝަންގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް 5 މިލިއަން މެޓްރިކް ޓަނުގެ އުފެއްދުންތެރިކަމަށް އަމާޒު ހިފާފައިވާއިރު، 2047 ވަނަ އަހަރާ ހަމައަށް ނިއުކްލިއަރ ހަކަތައިގެ އުފެއްދުންތެރިކަން 10 ގުނައަށް އިތުރުކުރުމަށް ވަނީ ރޭވިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!