ދުނިޔެ

އަމިއްލަ މަންފާއަށްޓަކައި ޓްރަމްޕް އިންޑިއާ-އެމެރިކާ ގުޅުން ނުރައްކާތެރި ހިސާބަކަށް ވައްޓާލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވޭތުވެދިޔا 20 އަހަރުގެ ތެރޭގައި އިންޑިއާ-އެމެރިކާގެ ގުޅުން އެންމެ ދަށް ހިސާބަކަށް ގެންގޮސްފައެވެ. އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމާ ގުޅިގެން އެކަމަށް އަދަބު ދިނުމުގެ ގޮތުން އިންޑިއާގެ މުދަލަށް އިތުރު 25 ޕަސެންޓްގެ ޓެރިފް ނެގުމުގެ އެގްޒެކެޓިވް އޯޑަރެއްގައި އޯގަސްޓް 6 ވަނަ ދުވަހު ޓްރަމްޕް ވަނީ ސޮއިކޮށްފައެވެ.

Ads by MPL

މި ނިންމުމާއެކު އިންޑިއާގެ މުދަލުން ނަގާ ޖުމްލަ ޓެރިފް ވަނީ 50 ޕަސެންޓަށް އަރާފައެވެ. އަދި މީގެ އިތުރުން، "އިންޑިއާއިން ރަޝިއާއާއެކު ކުރާ ވިޔަފާރިއަކީ އަހަރެންނަށް މުހިންމު ކަމެއް ނޫން. އެ ދެ ގައުމުގެ މަރުވެފައިވާ އިގްތިސާދު އެކުގައި ވެއްޓިގެން ދިޔަޔަސް އަހަރެންނަށް މުހިންމެއް ނޫން،" މިފަދައިން ޓްރަމްޕް ދެއްކި ވާހަކަތަކުން އިންޑިއާގެ ގިނަ ބަޔަކު ވަނީ ރުޅިއައިސްފައެވެ.

ގުޅުން ދަށްވުމުގެ އަސްލު ސަބަބުތައް

ވޭތުވެދިޔަ ދެ ދަހައިއްކެއްގެ ތެރޭގައި އިންޑިއާ-އެމެރިކާ ގުޅުން ރަނގަޅުވަމުން އައި ނަމަވެސް، މިހާރު މި ގުޅުން މިހާ ދަށްވެފައިވަނީ އެތައް ސަބަބުތަކެއް މެދުވެރިވެގެންނެވެ. މީގެ މައިގަނޑު އެއް ސަބަބަކީ އިންޑިއާއިން ރަޝިއާއާއެކު ބާއްވާ ގުޅުމެވެ. ޓްރަމްޕް މިހާރު މި ކަންކަން ބޭނުންކުރަމުންދަނީ އަމިއްލަ ސިޔާސީ މަންފާއަށްޓަކައެވެ.

ކުރީގައި އެމެރިކާއިން އިންޑިއާއާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކަށްވީ ޗައިނާގެ ބާރުވެރިކަން ކޮންޓްރޯލްކުރުމެވެ. ނަމަވެސް މިހާރު އެމެރިކާގެ އެންމެ މުހިންމު އަމާޒަކަށްވެފައިވަނީ ޔޫރަޕާއި މެދުއިރުމަތީގެ ހަނގުރާމަތަކެވެ. އެހެންކަމުން، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ނުފޫޒު ކޮންޓްރޯލްކުރުމަކީ މިވަގުތު އެމެރިކާގެ އެންމެ އިސް އަމާޒެއް ނޫނެވެ.

އިންޑިއާގެ ރައްދު

ރަޝިއާއާއެކު ވިޔަފާރި ހުއްޓާލުމަށް އެމެރިކާއިން ގޮވާލާފައިވާ ގޮވާލުމަކީ އެއްވެސް ހަމައެއް ނެތް، އަދި އެކަށީގެންނުވާ ކަމެއްކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން ފާހަގަކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު ރަޝިއާއިން ޔުކްރެއިނަށް ހަމަލާދިން ފަހުން، ޔޫރަޕަށް ތެލުގެ ސަޕްލައި މަދުވުމާ ގުޅިގެން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަތުމަށް ހިތްވަރުދިނީ އެމެރިކާއިންނެވެ. އަދި މިއަދުވެސް އެމެރިކާއިން ރަޝިއާއިން ފާޓިލައިޒަރާއި، ކެމިކަލްސް އަދި ޔުރޭނިއަމް އާއި ޕަލޭޑިއަމް އިމްޕޯޓްކުރަމުންދާކަން އިންޑިއާއިން ވަނީ ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!