ހަގީގީ ހާދިސާ ލައިފްސްޓައިލް

ހަގީގީ ހާދިސާ: އަނތްބެއްގެ ދުޢާއިން ފިރިއެއްގެ ޙަޤީޤަތް ހާމަ ވެގެން ދިޔަ ގޮތުގެ ވާހަކަ

ޢަލީ މާޖިދު ، ދެން އޮންލައިން

އަހަރުމެން ދެމީހުން ފުރަތަަމަ ދިމާވީ އޮފީހުންނެވެ. އެންމެ ފުރަތަަމަ ދެ ރަހުމަތްތެރިންނެވެ. ދެން ދެ ލޯބިވެރިންނެވެ. ދެން ދެމަފިރިންނެވެ.

Ads by STELCO

ރަނގަޅު ވަޒީފާއެއް އަދާކުރާ ދެމީހުންނަށް ވީތީ ދެމީހުން ވެސް ބޭނުންވީ ވަކި ދިރިއުޅުމެއް އުޅޭށެވެ. ދެފަރާތުގެ އާއިލާއަކުން ވެސް އަހަރުމެންގެ ދިރިއުޅުމަށް އެއްވެސް ނުފޫޒެއް ނުފޯރުވައެވެ. އުޅެމުން އައީ ވަރަށް ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ.

ފިރިމީހާގެ އަޅާލުމާއި އޯގާތެރިކަން ވެސް އެންމެ ފުރިހަމައަށް ލިބެއެވެ. މި ގޮތުގައި ދުވަސްތަކެއް ވޭތުވުމަށްފަހު އަހަރުމެންނަށް ދަރިޔަކު ލިބިއްޖެއެވެ. ދަރިފުޅަށް ވަގުތު ދިނުމަށް ޓަކައި އަހަރެން ބޭނުންވީ އޮފީހުން ކެނޑި ގެވެހި އަނތްބަކަށް ވާށެވެ. ނަމަވެސް އެކަމާއި ފިރިމީހާ ދެކޮޅު ހެދި އެވެ. ދެން އެހިސާބުން ފިރިމީހާ ގެއަށް ގެނައީ ދަރިފުޅު ބަލާނެ މީހެކެވެ. ވިހި ފަންސަވީހަކަށް އަހަރުގެ މަންޖެއެކެވެ. ދިވެއްސެކެވެ.ހަމުގެ ކުލަ އައްޔެވެ. ބަލާލަން ހުތުރެއް ވެސް ނޫނެވެ. ފެންނަ ފެނުމަށް ވަރަށް ކިޔަމަންތެރި މަޑުމައިތިރި ކުއްޖެއްހެން ހީވެއެވެ.

މިގޮތުގައި ދުވަސްތައް ވޭތުވާން ފަށައިފިއެވެ. މަޑުމަޑުން ފާހަގަވާން ފެށީ ފިރިމީހާ އަހަންނާ ދުރު ވަމުންދާ ކަމެވެ. އޮފީހުން ވެސް ބޭރުގައި ގިނަ ވަގުތު ހޭދަ ކުރަން ފެށި ކަމެވެ.

މިއީ މާބޮޑު ކަމެއްގެ ގޮތުގައި ފުރަތަަމަ އަހަރެން ނުދެކެމެވެ. ނަމަވެސް އަހަންނަށް ފާހަގަވި އެއް ކަމަކީ އަހަރުމެންގެ ގުޅުމަށް ހީނަރުކަމެއް އަންނަމުންދާ ކަމެވެ. ކެތް ނުވެގެން މި ވާހަކަ އަހަރެން ފިރިމީހާއާ ހިއްސާ ކުރީމެވެ. އަހަރެންގެ ފަރާތުން އުނި ވަނީ ކޮންކަމެއްތޯ އަހާ އޮޅުން ފިލުވީމެވެ. ފިރިމީހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ބުނިހާ ވެސް އެއްޗަކީ އެއްވެސް ކަމެއް ނުވާ ކަމުގައެވެ. އެކަން އަހަރެންގެ ސިކުނޑި ޤަބޫލެއްނުކުރެވެ. އޭރުވެސް ގޭތެރޭގައި ދަރިފުޅު ބަލަން ގެނައި ކުއްޖާއާ ފިރިމީހާ ކުޅެމުންދާ ޑްރާމާގެ އެއްވެސް މަންޒަރެއް އަހަންނަކަށް ނުފެނެއެވެ.

މިހެން ދުވަސްކޮޅެއް ވުމަށްފަހު އެއްދުވަހަކު ފިރިމީހާ އޮފީހުގައި ހުރެފައި ބޭރަށް ގޮސް އައިސް ވަދެވުނީ އަހަރެންގެ ކުރިމައްޗަށެވެ. ފިރިމީހާގެ ގަމީހުން ފަނޑު ލިޕްސްޓިކެއްގެ އަސަރު ފާހަގަ ވުމުން ކަންކަން ބޮއްސުން ލައިފިކަމުގެ ރަނގަބީލު އަހަރެންގެ ސިކުނޑީގައި ޖަހައިލައިފިއެވެ. ވާނީވެސް އެހެންތާއެވެ. އެ ގަމީސްތައް ދޮވެ އިސްތިރި ކުރާ މީހަކީ ހުދު އަހަންނެވެ.

މި ވަމުންދާ ކަންތަކާއި މެދު ސިކުނޑި ސުމަކަށް ދާން ފަށައިފިއެވެ. ފިކުރުތައް ގިނަވެ މާޔޫސް ވާން ފަށައިފިއެވެ. ގޭތެރޭގައި ހޭދަވާ ވަގުތުތަކުގައި ވެސް ދަރިފުޅުގެ ކަންކަމާ ވެސް އަޅާ ނުލެވެން ފެށިއެވެ.

ފިރިމީހާއަށް މި ވަމުންދާ ގޮތުގެ ހަޤީގަތް ހޯދަން އަހަރެން ބޭނުންވި އެވެ. ހިތުން އެކަމަށްޓަކައި ﷲ ތަޢާލާއަށް ދުޢާ ކުރެވެން ފެށިއެވެ.

ގޭގައި ގެންގުޅޭ ކުއްޖާއާއެކު އަހަރެން އެއް ދުވަހަކު ބާޒާރު ކޮށްލަން ދިޔައީމެވެ. ތަފާތު އެއްޗެހި ބަލާ ހާވަމުން ގޮސް އޭނާ އަހަންނަށް ދެއްކީ ވަރަށް މީރުވަސް ދުވާ ސެންޓް ފުޅިއެކެވެ. ވަރަށް ގަދަ މީރު ވަހެއް ދުވާ ސެންޓެކެވެ. އަހަރެންގެ ދަރިފުޅާ އޭނާ ބަހައްޓާ ގާތް ކަމަށްޓަކައި އަހަރެން އެ ސެންޓް ފުޅި އޭނާއަށް ހަދިޔާއަކަށް ގަނެދިނީމެވެ. ހަޤީގަތުގައި އެ ސެންޓްފުޅި ވެގެންދިޔައީ އަހަރެންގެ ނަސީބަކަށެވެ.

އޭގެ ދެ ދުވަސް ފަހުން ހަމަ އެއްކަލަ ގޮތަށް ފިރިމީހާއަށް ބޭރުން އޮފީހަށް އައިސް ވަދެވުނީ އަހަރެންގެ ކުރިމައްޗަށްށެވެ. އަހަރެންގެ ނޭފަތުގައި ޖެހުނީ އަހަރެން ގޭގައި ގެންގުޅޭ ކުއްޖާއަށް ގަނެދިން ސެންޓްގެ ވަހެވެ.

އަހަންނަށް މި ފެންނަމުން ދަނީ ހަޤީގަތެއްކަން ގަބޫލު ކުރަން ވެސް ދަތިވިއެވެ. ނަމަވެސް އަހަރެން ކެތްތެރިވީމެވެ. ބޭނުންވީ ހަޤީގަތް ލޮލުން ދެކެ އަތުން ހިފާށެވެ. އަހަރެން މަޑުމަޑުން ފިރިމީހާގެ ހަރަކާތްތަކަށް ފާރަލާން ފެށީމެވެ.

އެއްދުވަހަކު ފިރިމީހާ އޮފީހުން ބޭރަށް ދާން ނިކުތް ތަން ފެނިއްޖެއެވެ. އަހަރެން ވެސް މަޑުމަޑުން ބޭރަށް ނިކުތީމެވެ. އަދި ޓެކްސީ އަކަށް އަރައިގެން ފިރިމީހާއަށް ފާރަލަމުން ދަތުރު ފެށީމެވެ. ކުރިއަށް ދާވަރަކަށް އަހަރެންގެ ޝައްކު ޔަޤީން ކުރެވެން ފެށިއެވެ. ސަބަބަކީ ފިރިމީހާގެ މިސްރާބު ހުރީ ގެއާއި ދިމަލަށް ކަމަށް ވާތީއެވެ.

ފިރިމީހާ ގޮސް ސައިކަލް ޕާކް ކޮށްލާފައި ވަނީ ގެއަށެވެ. އަހަރެން ވެސް ތަންކޮޅެއް ދުރުގައި ކުޑައިރު ކޮޅަކު މަޑުކޮށްލުމަށް ފަހު އައިސް ގެއަށް ވަނީމެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މަޑުމަޑުން އަހަރެން ގޮސް ކޮޓަރީގެ ދޮރުގެ ތަޅުގައި ހިފާލީމެވެ. ދޮރުހުރީ ތަޅުލާފައެވެ. އަހަރެން އަތްދަބަހުން ތަޅުދަނޑި ނަގާ ކުއްލިއަކަށް ދޮރު ހުޅުވާލީމެވެ. ފެނުނު މަންޒަރުން މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. އަހަރެންގެ ފިރިމީހާގެ އުނގުގައި ބޯ އަޅައިގެން އޮތީ ދަރިފުޅު ބަލަން ގެއަށް ގެނައި އަންހެންމީހާ ނޫން ދެވަނަ މީހެއް ނޫނެވެ.

އަހަރެން ފެނުމާއެކު ދެމީހުންގެ ލޯ ބޮޑުވެގެން ދިޔައެވެ. އަހަރެންގެ ކެތްތެރިކަން އެހިސާބުން ކޮޅުން ދިޔައެވެ. ގިސްލާފައި ރޮވެން ފެށުނެވެ. ފިރިމީހާގެ އަތުގައި ހިފާ ރޮއެ ގަނެވުނެވެ. ރޮމުން އަހަރެން އެ އަންހެން މީހާއާ ސުވާލު ކުރީމެވެ.

"މީ ކޮންއިރަކު ކިހިނެއް ފެށުނު ކަމެއް"

ޖެހިލުމެއް ނެތި ކަން ހިނގޮ ގޮތް އޭނާ ކިޔައިދިނެވެ.

"ގޭގައި ގެންގުޅޭ މީހާ: އަހަންނަށް މާފުކުރޭ މެޑަމް މި ކަމެއް ހިނގާތާ އެތަކެއް ދުވަހެއް ވެއްޖެ މެޑަމްގެ ދަރިފުޅު ސުކޫލަށް ލައިދީފައި ކޮންމެ ދުވަހަކު ވެސް މެޑަމްގެ ފިރިމީހާ ގެއަށް އާދޭ އެހެން އައި ދުވަހަކު މެޑަމްގެ ފިރިމީހާ އަހަންނަށް މި ދަޢުވަތު ފުރަތަަމަ ދިނީ އެއަށް ފަހު ދެ މީހުން ލޯބީގެ މިގުޅުން ކުރިއަށް ދޭ ، އަހަންނަށް ހަސަދަވެރި ވެވުނީ ތި ދެމީހުން އުޅޭ އުފާވެރި ކަމާއި ލޯބި ފެނި އަހަރެން ވެސް އެއަށް ދަހިވެތި ވެވުނީ "

ތެދެކެވެ. އަންހެނުންގެ ހިތަކީ އެހެން އަންހެނުން ޓަކައި މަދު ފަހަރަކު ނޫނީ ހެޔޮ ނުވާ އެއްޗެކޭ ބުނާއަޑު އިވެއެވެ.

އެ އަންހެނާގެ އިޢުތިރާފާއެކު ރުޅިގަދަވެ ބާރު އަޑަކުން އަހަންނަށް ބުނެވުނެވެ. ލޯތްބާއި އުފަލާ އަރާމަކީ އެހެން މީހުންގެ ދިރިއުޅުން ހަލާކުކޮށް ފޭރިގަނެގެން ލިބޭ އެއްޗެއް ހެއްޔެވެ؟

ފިރިމީހާ ވެސް ކުށަށް އިޢުތިރާފު ވެފައި މާފަށް އެދުނެވެ. ނަމަވެސް ދެމީހުންނަށް ވެސް އަހަންނަށް މާފު ދެވިދާނެ ކަމަށާއި އެހެން ނަމަވެސް ދެން އެ ދެމީހުންނަށް އިތުބާރެއް ނުކުރެވޭނެ ކަމަށް ބުނެ ވަރި ކޮށްދިނުމަށް ފިރިމީހާގެ ކިބައިން އަހަރެން އެދުނީމެވެ.

ޖެހިގެން އައި ދުވަހު ފިރިމީހާއާ އަންހެން މީހާގެ މިނިވަން ކަމަށް ހުރަސް ނާޅާ ، ދެން ތި ކުޅިގަނޑު މާރީއްޗަށް ކުޅެވޭނެ ނޫންހޭ ބުނެފައި ދަރިފުޅު ގޮވައިގެން އަހަރެން އައީ އަމިއްލަ ގެއަށް އާއިލާގެ ގާތަށެވެ. 

ހިތާމަތަކާއި ހާސްކަމާއި ހިތްދަތިކަމުގައި މިހެން ގަނަތެޅުމަށް ވުރެން އަމިއްލަ މަސައްކަތުން ދަރިފުޅު ގޮވައިގެން އެކަނި ދިރިއުޅެން ވެސް މާ އުފާވެރިވާނެ ކަމަށް އަހަރެން ނިންމީމެވެ. ދެ ހަފުތާ ފަހުން ކޯޓް މެދުވެރިކޮށް ފިރިމީހާ އަހަރެން ވަރިކޮށް ދިނެވެ.

އޭގެ ފަސް އަހަރު ފަހުން މިއަދު އަހަންނަކީ ދެ ދަރިންގެ މަންމައެކެވެ. ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ވޭތު ކުރަމުންދާ ގެވެހި އަނތްބެކެވެ.

ދިރިއުޅުމަކީ މި ކަހަލަ ކަމެކެވެ. ކެތްތެރިކަމާއި ހިތްވަރާއެކު ކުރިމަތި ލާންޖެހޭ ހަނގުރާމައެކެވެ. ހިތްދަތި ކަމާއި މާޔޫސްކަމުގައި ﷲ ތަޢާލާއަށް ދުޢާކޮށް ވަކީލުކޮށް ކުރިޔަށް ދާށެވެ. އެކަލާނގެ ރަނގަޅު މަގު ދައްކަވާނެއެވެ. ތިބާ އެކަނިކޮށް ދޫކޮށެއް ނުލައްވާނެއެވެ.

Ads by Allied Insurance
  1. ޢަހަރެން

    ވަރަތް އިބުރަތްތެރި ވާހަކައެއް.