ދުނިޔެ

އެހީވުމަށްފަހު ކަންދެއްކުމަށް ސެލްފީ ނަގާ މީހުން ހައްޔަރުކޮށް ޖަލަށް

ދެން އެމްވީ ، ދެން އޮންލައިން

އެހީވުމަށް ފަހު ދެއްކުންތެރިކަމުގެ ގޮތުުން ފޮޓޯ އާއި ސެލްފީ ނަގާ މީހުން ހައްޔަރުކޮށް ޖަލަށް ލުމަށް އިންޑިއާގެ ރާޖަސްތާންގެ ފުލުހުން ނިންމައިފިއެވެ.

Ads by WAMCO

މިގޮތަށް މިކަން ނިންމަން ޖެހުނީ ކޮވިޑް19 ގެ ހާލަތުގައްޔާއި އެނޫން ވެސް ހާލަތްތަކުގަައި ހާލުގައި ޖެހިފައިވާ މީހުނަށް އެހީވާތަން ފޮޓޯ ނަގައި ވީޑިއޯކޮށް އަމިއްލަ ޕްރޮޕެގެންޑާ ތައް ފަތުރަން މަސައްކަތްކުރާތީ ކަމުގައި އެ އިދާރާއިން ހާމަކުރެއެވެ. އެ އިދާރާއިން އިތުރަށް ފާހަގަކުރި ގޮތުގައި މިކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ވަަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

ރާޖަސްތާނު ފުލުހުންގެ އެންމެ އިސްވެރިޔާ އިންޑިއާ ޓައިމްސް އަށް މައުލޫމާތު ދެމުން ބުުނެފައިވާ ގޮތުގައި ހާލުގައި ޖެހިފައިވާ އެއްވެސް މީހަކަށް އެހީވުމުގައި ފޮޓޯ ނަގައި ވީޑިއޯ ކުރާނަމަ މީގެ ފަހުން އެއީ އެ ސަރަހައްދުގައި ގާނޫނީ ކުށެކެވެ. އަދި އެފަދަ ހާދިސާއެއް ހިނގައިފިނަމަ އިންޑިއާ ގާނޫނުގެ 188 ވަނަ މާއްދާގެ ދަށުން އެމީހެއްގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ފާއިތުވި 16 ދުވަހު ރާޖަސްތާންގެ އެކި ހިސާބުތަކުގައި އެކި އެކި ފަރާތްތަކުން ވަނީ އެހީގެ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެހުރިހާ ކަމެއް ވެސް ފަހުން ވެގެން ގޮސްފައިވަނީ އަމިއްލަ ފައިދާއެއް ހޯދުމަށް ފަތުރާ ޕްރޮޕެގެންޑާއެއްގެ ގޮތުގައިކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ އިދާރާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް19 އާއި ގުޅިގެން އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓުމަށްޓަކައި ވެސް ސެލްފީ އާއި އެހެން ފޮޓޯތައް ނެގުން އެ ސަރަހައްދުގައި ވަނީ މަނާކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން އިންޑިއާ 21 ދުވަހުގެ ލޮކްޑައުން އެއްގައި އޮތްއިރު އިންޑިއާއިން ވަނީ މިހާތަނަށް 6,725 މީހަކު ވައިރަހަށް ފައްސިވެ 229 މީހަކު މަރުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!