ލޮނުޒިޔާރަތްކޮޅު ޕާކުގެ މައްސަލައިގައި މޭޔަރު ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި
ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހްގީގު ކުރި މައްސަލައާއި ގުޅިގެން، މާލޭސިޓީ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަަށް ދައުވާ ކުރުމަށް އެކޮމިޝަނުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީން ބުނެފައިވަނީ ޝިފާގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ޤާނޫނުލްއުޤޫބާތުގެ 513 ވަނަ މާއްދާގެ ށ (ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން) ގައި ބަޔާންކޮށްފައިވާ ފަދަ ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާތީ ކަމަށެވެ.
މިމައްސަލައާއި ގުޅޭގޮތުން އޭސީސީން ބުނެފައިވަނީ ލޮނުޒިޔާރަތް ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ހިމެނޭ ދެ ފާޚާނާ ބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައި ވަނީ އެއްވެސް ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ ގޮތަކަށް ނޫންކަން އޭސީސީން ހިންގި ތަހުގީގަށް ފާހަގަ ވެފައިވާ ކަމަށެވެ.
އޭސީސީން ބުނެފައިވަނީ ފުރަތަމަ ވެސް އެ ކުންފުނިން އެކަނި ކޯޓޭޝަން ހޯދައިގެން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.25 ވަނަ މާއްދާގެ ދަށުން ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން މަސައްކަތް ކޮށްފައިވާ ކަމާއި އެ ހުއްދަ ނުދީ ކައުންސިލް އިދާރާގެ ބިޑް ކޮމިޓީގެ ހުއްދައަށް އެދުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން ތިން ކޯޓޭޝަން ހަމަކޮށް ބިޑް ކޮމިޓީއަށް ހުށަހެޅި ނަމަވެސް އެ ކޮމިޓީއަށާއި ކައުންސިލްގެ މެމްބަރުންނަށް އެންގުމަކާ ނުލައި އެ މަސައްކަތް އަމިން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރުވާފައިވާކަން އެނގިފައިވާ ކަމަށެވެ.
ބިޑް ކޮމިޓީން ނުވަތަ މާލޭ ސިޓީ ކައުންސިލުން އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅާފައިނުވާކަން ފާހަގަކުރެވިފައިވާއިރު، އަމަލީގޮތުން އެ ބިމުގައި މަސައްކަތް ފެށުމަށް ހުއްދަ ދެވޭނީ ކައުންސިލަށް ނުވަތަ ކައުންސިލްގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން މާލޭ ސިޓީގެ މޭޔަރު ޝިފާއަށް ކަމަށްވެފައި، އެ ހުއްދަ ދިނީ މޭޔަރު ޝިފާ ކަން އެ ކޮމިޝަންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.
މީގެއިތުރުން އޭސީސީން ބުނެފައިވަނީ ބިޑު ކުރުމަކާއިނުލާ އަދި އެއްބަސްވުމަކާއި ވެސް ނުލާ އެމަސައްކަތް އަމީން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްފައިވަނީ އެކުންފުންޏަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމަށްކަން އެކޮމިޝަންގެ ތަހުގީގުން ލިބިފައިވާ ހެކިތަކުން އެނގޭ ކަމަށެވެ.