ތިން ރަށެއްގައި އައިޑީ ކާޑު ހަދައިދިނުމުގެ މަސައްކަތް ފަށައިފި
ތިން ރަށެއްގައި އައިޑީ ކާޑު ހަދައިދިނުމުގެ މަސައްކަތް އަލަށް ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަަނަލް ރެޖިސްޓްރޭޝަން(ޑީއެންއާރު)އިން މިއަދު އެކްސްގައި ބުނީ އައިޑީ ކާޑު އަލަށް ހަދައިދޭން ފެށީ ތ. ގުރައިދޫއާއި ތިމަރަފުއްޓާއި އދ. މާމިނގިލީގައި ކަމަށެވެ.
ތިމަރަފުއްޓާއި ގުރައިދޫގައި ކާޑު ހަދައިދިނުމުގެ މަސައްކަތް ފެށިއިރު ތ. ވިލުފުއްޓާއި އެ އަތޮޅުގެ ވޭމަންޑޫގައި ވެސް އޮތީ އެ ހިދުމަތް ފަށައިފައެވެ.އަދި މާމިނގިލީގައި ހިދުމަތް ފެށިއިރު އެ އަތޮޅުގެ ވެރިކަން ކުރާ މަހިބަދޫގައި މިހާރުވެސް ކާޑު ހައްދައިދެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދައި ދޫކުރުމުގެ ހިދުމަތް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ މަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ހުރިހާ އަތޮޅެެއްގައި މިދިޔަ މަހު ވަނީ އައިޑީ ކާޑު ހަދައިދޭން ފަށައިފައެވެ.
އަސާސީ ގިނަ ހިދުމަތްތަކާ ގުޅިފައިވާ އައިޑީކާޑުގެ ހިދުމަތް މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ.
އަދި ހަމައެއާ އެކު ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައި ވެސް އެ ހިދުމަތް ފެށުމަށް ވެސް މިހާރު ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޭޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި އައިޑީ ކާޑާއި ޕާސްޕޯޓް ޕްރިންޓްކުރުމުގެ ހިދުމަތް ވަނީ ފަށައިފައެވެ
