ދުނިޔެ

ބޫޓާނާއި އިންޑިއާގެ ގުޅުން އަވަށްޓެރި ގައުމުތަކަށް ނަމޫނާއެއް ކަމަށް ބޮޑުވަޒީރު މޯދީ ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ބޫޓާނަށް ކުރައްވާ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުމަކީ އަވަށްޓެރި ގައުމުތަކަށް ނަމޫނާ ގުޅުމެއް ކަމަށް ވިދާޅުވެ، އެ ގުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ. މި ދަތުރުފުޅަކީ ބޫޓާނުގެ ހަތަރުވަނަ ރަސްގެފާނުގެ 70 ވަނަ އުފަންދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. މޯދީ މި ދަތުރުފުޅު ސިފަކުރެއްވީ ވަރަށް ޚާއްސަ ޝަރަފެއް ލިބިވަޑައިގެންނެވި ދަތުރުފުޅެއްގެ ގޮތުގައެވެ.

Ads by MPL

ބޫޓާނަށް ފުރާވަޑައިގަތުމުގެ ކުރިން ނެރުއްވި ބަޔާނެއްގައި ބޮޑުވަޒީރު މޯދީ ވަނީ އިންޑިއާ އާއި ބޫޓާނުގެ ގުޅުމަކީ ވަކި ޚާއްސަ ގުޅުމެއް ކަމަށާއި، އެ ގުޅުމަކީ “އަވަށްޓެރި ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ މިސާލީ ގުޅުމެއްގެ ނަމޫނާ” ކަމަށް ވިދާޅުވެފައެވެ. ދެ ގައުމުގެ ދެމެދުގައިވާ ދީނީ އަދި ތަހުޒީބީ ގުޅުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ބޫޓާނުގެ ގްލޯބަލް ޕީސް ޕްރޭޔަރ ފެސްޓިވަލްގައި އިންޑިއާއިން ގެންދިޔަ ބުދު ދީނުގެ މުގައްދަސް ތަކެތި (ރިލިކްސް) ދައްކާލުމަކީ އެ ގުޅުމުގެ ހެކި ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ދެ ގައުމުގެ ހަކަތަ ކޯޕަރޭޝަންގެ ދަށުން ހިންގާ ބޮޑު މަޝްރޫއެއް ކަމަށްވާ ޕުނާތްސަންގްޗޫ-2 ހައިޑްރޯޕަވަރ މަޝްރޫއު އިފްތިތާޙު ކުރުމަކީ ހާސިލުކުރެވުނު މުހިންމު ކުރިއެރުމެކެވެ. ބޮޑުވަޒީރު މޯދީ ވަނީ ބޫޓާނުގެ ރަސްގެފާނާއި، ހަތަރުވަނަ ރަސްގެފާނާއި، ބޮޑުވަޒީރު ޓްޝެރިންގް ޓޮބްގޭއި އާ ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައެވެ.

ބޫޓާނުގައި ހުންނަ އިންޑިއާގެ ސަފީރު، ސަންދީޕް އާރްޔާ ވިދާޅުވީ މި ދަތުރުފުޅަކީ ގްލޯބަލް ޕީސް ޕްރޭޔަރ ފެސްޓިވަލް އާއި ރަސްގެފާނުގެ އުފަންދުވަހުގެ މުނާސަބަތާ ދިމާކޮށް ކުރެއްވި ދަތުރުފުޅެއް ކަމަށްވާތީ، މާނަވީ ގޮތުން ދެ ގޮތަކުން މުހިންމު ދަތުރުފުޅެއް ކަމަށެވެ. ބޮޑުވަޒީރު މޯދީ ޕީސް ފެސްޓިވަލްގައި ބޫޓާނުގެ ލީޑަރުންނާއެކު ބައިވެރިވެވަޑައިގަތުމަކީ ދެ ގައުމުގެ މެދުގައިވާ “ޚާއްސަ ގުޅުން” ދައްކުވައިދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އިންޑިއާގެ ޚާރިޖީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވަނީ، މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ސަރަހައްދީ މައްސަލަތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. ބޫޓާނުގެ މިފަދަ މުހިންމު ގައުމީ އަދި ދީނީ މުނާސަބަތެއްގައި މި ދަތުރުފުޅު ކުރެއްވުމަކީ، ދެ ގައުމުގެ މެދުގައިވާ “އެންމެ ގާތް ގުޅުން” ރަމްޒުކޮށްދޭ ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

Ads by HDC