ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް މަޖިލީހުން ފާސްކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީސް / ފޮޓޯ: ދެން މީޑިއާ

ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދުކުރުމަށް ޤާނޫނަށް ގެނައި އިޞްލާޙު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި އިސްލާހުގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 2000 މީހުންނަށް ވުރެ ކުޑަ އާބަދީއެއް އޮންނަ ކޮންމެ ރަށެއްގައި، ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުންކަމަށާއި އެއީ ކައުންސިލްގެ ރައީސް ހިމެނޭނެހެންކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި 2000 މީހުންނަށް ވުރެ ބޮޑެތި އާބާދީއެއް އޮންނަ ކޮންމެ ރަށަކަށް އައްޔަން ކުރާނީ، ކައުންސިލް ރައީސް ހިމެނޭހެން 5 ކައުންސިލަރުންކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުން ރަށު ކައުންސިލަށް އައްޔަންކުރެވޭ 3 ކައުންސިލަރުންގެ ތެރެއިން އެއް ގޮނޑި އަންހެނުންނަށް ޚާއްސަ ކުރުމަށާއި 5 ކައުންސިލަރުން އިންތިޚާބު ކުރާ ކައުންސިލްތަކުގައި 2 ގޮނޑި އަންހެނުންނަށް ޚާއްސަކުރުމަށް ވަނީ ބަޔާންކޮށްފައެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ތިބެން ވާނީ ކައުންސިލަރުންގެ ޢަދަދަށް ކަމަށާއި އެ ކޮމިޓީގެ ރައީސް އިންތިޚާބު ކުރާނީ ކައުންސިލް ރައީސް އިންތިޚާބުކުރާ އުސޫލުންކަމަަށް ބުނެފައިވާ އިރު ކޮމިޓީގެ ރައީސްގެ މަގާމަކީ ފުލްޓައިމް މަގާމެއް ކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

މި އިސްލާހަށް ވޯޓަށް އެހުމުން، މި އިސްލާހު ފާސްކުރުމަށް ވޯޓް ދީފައި ވަނީ 55 މެންބަރުންނެވެ. ނުފެންނަކަމަށް 11 މެންބަރަކު ވޯޓް ދީފައި ވެއެވެ.