ޚަބަރު ރައްޔިތުންގެ މަޖިލިސް ސިޔާސީ

އަނބިމީހާއަށް 15000 ރުފިޔާ ދީފައި، ކޮފީއެއް ބޯލާއިރަށް މުސާރަ ހުސްވޭ: އައްބާސް

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް / ފޮޓޯ: ދެން މީޑިއާ

އަނބިމީހާއަށް 15000 ރުފިޔާ ދީފައި ކޮފީއެއް ބޯލާއިރަށް މުސާރަ ހުސްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސުންގެ އިނާޔަތްތައް ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުން ހުށަހެޅި ބިލަށް ތާއީދު ކުރައްވައި ވާހަކަ ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ، ރައީސްކަން ކުރައްވައިފައިވާ ފަސް ބޭފުޅަކަށް ސަރުކާރުން، އަހަރަކު 20 މިލިއަން ރުފިޔާ ހޭދަކުރާ ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ޓެކްސް ފައިސާއިން އިނާޔަތްތައް ލިބިގެން ދިރިއުޅެމުން އަންނަ ބައެއްކަމަށާއި މިއީ ވަރަށް މުހިންމު ބިލެއްކަމަށް ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑުގެ މުސާރައަކީ 79،700 ވަރަކަށް ރުފިޔާ. 82،500ރ ޓެކްސްއަށް ކަނޑާ. ގޭގެ ރެންޓު 25،000ރ. އެއް އަނބި ހުރީ ވިއްޔާ، އެ އަނބިމީހާއަށް 15،000ރ ދީފައި ދެން ކޮންމެ ދުވަހަކު ކޮފީއަށް 500 ނޫނީ 1000ރ ދިޔައީމަ އަތަކު ނޯވޭ އެއްވެސް އެއްޗެއް." މެންބަރު އައްބާސް ވިދާޅުވިއެވެ.

މީގެ އިތުރުން އައްބާސް ވިދާޅުވީ، މެންބަރުގެ އިނާޔަތްތައް ވެސް ކުޑަ ކުރަންވީ ކަމަށާއި އެއްވެސް އެއްޗެއް ނުދިން ނަމަވެސް ރައްޔިތުންގެ ހައްޤުގައި މަޖިލީހުގައި މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މަޖިލީހަށް އެފަދަ ބިލެއް ހުށަހަޅައި ފިނަމަ އެކަމަށް %100 ތާއީދު ކުރައްވާނެކަމަށް މެންބަރު މުޙައްމަދު އައްބާސް ވިދާޅުވިއެވެ.

މިއަދު މަޖިލީހުން ވަނީ ކުރީގެ ރައީސުންނަށް ސަރުކާރުންދޭ އިނާޔަތްތައް ކުޑަކުރުމުގެ ބިލް ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ޝާހިދެވެ.

Ads by Ooredoo