ޖަޕާނު ސަފީރު ކަމަށް މަހުލޫފް އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ރާއްޖޭން ޖަޕާނަށް ކަނޑައަޅާ ސަފީރުކަމަށް، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިދިޔަ އެމްޑީޕީ ސަރުކާރުގައި މިނިސްޓަރުކަން ކުރެއްވި މަހުލޫފު ޕީއެންސީއާ ގުޅިވަޑައިގަތީ މި ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުގައި މިދިޔަ މަހުގެ 14ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ބޮޑު ޖަލްސާގައެވެ.
މަހުލޫފު ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލަ ދިރާސާ ކުރުމަށްފަހު ހާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީން ނިންމީ މަހުލޫފަށް ރުހުން ދިނުމަށެވެ.
ކޮމެޓީ ރިޕޯޓަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހުމުން، މަހުލޫފަށް ރުހުން ދޭން ފެންނަ ކަމަށް 60 މެންބަރުން ވަނީ ވޯޓު ދެއްވައިފައެވެ.
މީގެ އިތުރުން މި ޖަލްސާގައި، ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރަކަށް ޑރ. އިބްރާހިމް ޒުހުރީ އައްޔަނު ކުރުމަށާއި، އުރުދުންގެ ނިން ރެސިޑެންޓް ސަރީރަކަށް ޑރ. ހާލާ ހަމީދު އައްޔަން ކުރުމަށް ވެސް ވަނީ ފާސްކޮށްފައެވެ.
