ޚަބަރު ރައްޔިތުންގެ މަޖިލިސް

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ އިސްލާހު މަޖިލީހުން ފާސްކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ/ ފޮޓޯ: މަޖިލީސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދު ހުށަހެޅުއްވި މި ބިލުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ހުކުމްކޮށްފި ނަމަ، މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށް ހިމަނައިފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމުގެ މަތިންނެވެ.

އެ އިސްލާހުގައި ވަނީ، 350 ގްރާމަށް ވުރެ އިތުރަށް ކެނެބިސް ފެނުމާއި، 250 ގްރާމަށް ވުރެ އިތުރަށް ޑައިމޯފިން ފެނެއްޖެނަމަ މަރުގެ އަދަބު ކަނޑައެޅޭނެ ކަމަށެވެ. އަދި، ކެނެބިސް ނުވަތަ ޑައިމޯފިކް ފިޔަވައި ޖަދުވަލު 1 ގައިވާ މަސްތުވާތަކެތީގެ ބާވަތެއް ނަމަ 100 ގްރާމަށް ވުރެ އިތުރު އަދަދަކަށް މަސްތުވާތަކެތި ފެނުނަސް މަރުގެ އަދަބު ދެވިދާނެ ކަމަށް އެ އިސްލާހުގައި ވެއެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން، މަސްތުވާތަކެތީގެ މައްސަލަތަކުގައި ކަނޑައަޅާފައިވާ އެންމެ ބޮޑު އަދަބަކީ އުމުރަށް (25 އަހަރަށް) ޖަލަށްލުމާ އެކު އެއް ލައްކައާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމެވެ.

މި ބިލު ކޮމެޓީ މަރުހަލާގައި އޮއްވައި، މަރުގެ އަދަބު ހިމަނަން ރައީސް އެންގެވި އެންގެވުމުގައި ވިދާޅުވެފައި ވަނީ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ދިވެހި މުޖުތަމައެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

Ads by Allied Insurance